ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސްކަން ކުރެއްވި ޔަޒްމީދު މުހައްމަދު ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަންކުރައްވައިފި އެވެ.
އެ އޮފީހުން މިއަދު ބުނީ ފަސް އަހަރަށް އައްޔަންކުރެއްވި މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ޔަޒްމީދު އަންނަ އާދިއްތަ ދުވަހު ގުޅިވަޑައިގަންނަވާނެ ކަމަށެވެ.
އޭނާ ވަނީ ދައުލަތާއި ޕްރައިވެޓް ސެކްޓާގެ އިސް މަގާމުތަކުގައި 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ނައިބު ރައީސްކަމާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުކަމާއި އޮޑިޓް އޮފީހުގެ މެނޭޖަރުކަން ހިމެނެ އެވެ.
މެލޭޝިއާގެ އޯޕަން ޔުނިވާސިޓީން، ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ފަސްޓް-ކްލާސް އޮނާސް ޑިގްރީ ހާސިލުކުރައްވާފައިވާ ޔަޒްމީދަކީ އޭސީސީއޭ ފުރިހަމަކޮށްފައިވާ ޗާޓާޑް އެކައުންޓެންޓެެކެވެ.
ޕެންޝަން އޮފީހުން ބުނީ އާ ސީއީއޯއާ އެކު އެ އޮފީހުގެ އިދާރީ ހިންގުމުގެ ނިޒާމު އިތުރަށް ފުރިހަމަވާނެ ކަމަށް އުއްމީދުކޮށް ރާއްޖޭގައި ހަރުދަނާ އަދި ދެމެހެއްޓެނިވި ޕެންޝަން ނިޒާމެއް ގާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ލިބޭނެ ކަމަށެވެ.
ޕެންޝަންގެ ކަންތައް ބަލަހައްޓާ އޮފީހުގެ ސީއީއޯގެ މަގާމު ހުސްވީ، ކުރިން އެ ޒިންމާތައް ފުރުއްވަމުން ގެންދެވި ޝުޖާތާ ހަލީމް މިިދިޔަ ފެބްރުއަރީ މަހު އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ އިސްތިއުފާ ދެއްވީ ޕެންޝަން އޮފީހުން ސަރުކާރަށް ވިއްކި 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓް ކުރުމާ ގުޅިގެން އިގްތިސާދީ ދާއިރާ ގިނަ ބަޔަކު ފާޑުކިޔަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.