މިދިޔަ އޭޕްރިލް މަހު ޕެންޝަން އޮފީހުން އެ އޮފީހުގެ ސީއީއޯގެ މަގާމަށް ކުރިމަތިލާން ހުޅުވާލާފައި ވަނިކޮށް، މިދިޔަ މެއި މަހު ތަސްދީގުކުރި ޕެންޝަނާ ބެހޭ ގާނޫނުގެ ހަ ވަނަ އިސްލާހާއި ގުޅިގެން އެ މަގާމަށް އަލުން ކުރިމަތިލާން އެ އޮފީހުން އިއުލާނުކޮށްފި އެވެ.
ޕެންޝަން އޮފީހުން ބުނީ އަލަށް އައްޔަންކުރާ ސީއީއޯގެ އެންމެ ބޮޑު އެއް ޒިންމާއަކަށް ވާނީ ގާނޫނަށް ގެނައި އާ ބަދަލުތައް ތަންފީޒު ކުރުމުގައި އިސްދައުރެއް އަދާކުރެއްވުން ކަމަށެވެ. އަދި މިއީ އެ މުއައްސަސާގެ އެންމެ ބޮޑު ބަދަލުގެ ވަގުތުގައި، އެ އޮފީސް ހިންގަން ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އެ އޮފީހުން ބުންޏެވެ.
ޕެންޝަން އޮފީހުން ބުނީ، ޕެންޝަނާ ބެހޭ ގާނޫނަށް ގެނައި ބަދަލުތައް ތަންފީޒުކުރުމުގަ އާއި އެ މުއައްސާގެ ޒިންމާތަކާ ހަވާލުވެ، މެނޭޖުކުރުމުގެ މަސްއޫލިޔަތު އަދާކުރުމަށް ސީއީއޯއެއް އައްޔަން ކުރާނީ ފަސް އަހަރުގެ މުއްދަތަށް ކަަމަށެވެ.
އެ މަގާމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 2:00 އެވެ.
ޕެންޝަނާބެހޭ ޤާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލް މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ މަހު އެވެ. އެ އިސްލާހުގެ މައިގަނޑު މަގުސަދަކީ އަސާސީ ޕެންޝަން ދިނުމުގެ އުސޫލުތައް ހަރުދަނާ ކުރުމާއި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ޒަރޫރީ ބޭނުންތަކަށް ބޭނުން ކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމުގެ އިތުރުން ޕެންޝަންގެ ނިޒާމުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމެވެ.
އެ ގާނޫނަށް ގެނައި މައިގަނޑު ބަދަލުތަކުގެ ތެރޭގައި ގާނޫނު އަސާސީ ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ މަގާމެއް ފުރަމުންދާ މުއްދަތުގައި ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާ މުއްދަތުގައި އަސާސީ ޕެންޝަން މެދުކަނޑާލުމާއި އަސާސީ ޕެންޝަނުގެ ގޮތުގައި ކަނޑައަޅާފައިވާ މިންވަރަށް ވުރެ އެ ފަރާތަކަށް ލިބޭ އާމްދަނީ އިތުރުވާ ހާލަތްތަކުގައި އަސާސީ ޕެންޝަން މެދުކަނޑާލުން ހިމެނެ އެވެ.
މީގެ އިތުރުން ގެދޮރު އިމާރާތް ކުރުމާއި މަރާމާތު ކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރުމާއި ޓާމިނަލް އިލްނަސް ތަހައްމަލުކުރާ ފަރާތްތަކަށް ޕެންޝަން ފައިސާ ދިނުމާއި ހައްޖުގެ އަޅުކަން އަދާކުރުމަށް ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރުން ވެސް އެ އިސްލާހުތަކުގެ ތެރޭގައި ހިމެނެ އެވެ.
އޭގެ އިތުރުން އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ރިޓަޔާމަންޓް ޕެންޝަން ސްކީމްގައި ބައިވެރިވުމުގެ ފުރުސަތު އެ އިސްލާހުގެ ދަށުން ވަނީ އިތުރަށް ފުޅާކޮށްފަ އެވެ. އަދި އެ އިސްލާހުުތަކުގެ ތެރޭގައި ޕެންޝަން ފަންޑުގެ އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ފަންޑުގެ އެސެޓްތައް ބެލެހެއްޓުމާއި އިންވެސްޓް ކުރުމުގެ އުސޫލުތައް އެ އިސްލާހުގެ ދަށުން ވަނީ އިތުރަށް ހަރުދަނާކޮށްފަ އެވެ.