ތަރައްގީ އާއި ކުރިއެރުން ހޯދުމުގައި އިސްކަން ދެއްވާނެ އަސާސްތަކާއި 2040 އާ ހަމައަށް ރާއްޖެއާ މެދު ގެންގުޅުއްވާ ތަސައްވުރު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ހިއްސާކުރައްވައިފި އެވެ. 

ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން ބޭއްވި ހަފުލާގައި ރައީސް ވަނީ ފްލިޕް ބޯޑުގައި މާކަރުން އެމަނިކުފާނުގެ ތަސައްވުރާއި އިސްކަން ދެއްވާ ކަންކަން ރައްޔިތުންނާ ތަފްސީލްކޮށް ހިއްސާކުރައްވައިފަ އެވެ.

އިންޖިނިއަރިންގެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ރައީސް، ގައުމު ސިފަކޮށްދެއްވީ ވަރުގަދަ ބިންގަލެއްގެ މަތީގައި އަޅާފައިވާ ބަދަހި ތަނބުތަކަކާއި ފުރާޅަކުން ހިޔާވަހި ގެއެއްގެ ގޮތުގަ އެވެ.

ގެއެއް ކުރައްސަވަމުން، އެންމެ ވަރުގަދަ ވާން ޖެހޭނީ ބިންގާކަން ފާހަގަކުރައްވައި ވިދާޅުވީ މި ގައުމުގެ އެ ބިންގަލަކީ އިސްލާމްދީން ކަމަށެވެ. އެ ބިންގަލުގެ މައްޗަށް ގައުމު ބިނާކުރުމުގައި އިސްކަންދޭނެ އަށް ޕިލާއެއް ނުވަތަ ތަނބެއް ރައީސް ވަނީ ވިދާޅުވެދެއްވައިފަ އެވެ. 

ރައީސް ވިދާޅުވީ ގައުމު ތަރައްގީ ކުރައްވަން އިސްކަންދެއްވާ ކަންކަމުގެ ތެރޭގައި، މިނިވަންކަމާއި އިތުބާރު ޔަގީންވެ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ގާއިމްކުރެވި އުފެއްދުންތެރިކަމަށް ފުރުސަތު ފަހިވެ ވަސީލަތާއި ހިދުމަތުގެ ގޮތުން ގުޅިފައި އޮތް އަދި ބަލިވުމުގެ ކުރިން ބަލި ދެނެގަނެވޭނެ ނިޒާމަކާއި އެކަކު އަނެކަކަށް އިހްތިރާމާއި އޯގާތެރިކަމުގެ ބަދަހި މުޖުތަމައެއް އޮތް ގައުމަކަށް ހެދުން ހިމެނޭ ކަމަށެވެ.

ރައީސް ހިއްސާކުރެއްވި ޕިލާތައް 

  1. ޕްރޮސްޕެރެސް މޯލްޑިވްސް
  2. ސޮވެރެން މޯލްޑިވްސް 
  3. ރެޒިލިއެންޓް މޯލްޑިވްސް
  4. އިންކްލޫސިވް މޯލްޑިވްސް 
  5. ކަނެކްޓެޑް މޯލްޑިވްސް
  6. ޓްރަސްޓެޑް މޯލްޑިވްސް
  7. ކްރިއޭޓިވް މޯލްޑިވްސް
  8. ހެލްތީ އެންޑް ސްކިލްޑް މޯލްޑިވްސް

ރައީސް ވިދާޅުވީ ރާއްޖެއަކީ "ޕްރޮސްޕެރެސް" ގައުމަކަށް ހެދުމާ އެކު ރާއްޖެއަކީ "ސޮވެރެން" ޔަގީންވެފައި އޮތް ގައުމަކަށް ހެދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މޯލްޑިވްސް ފަސްޓް ޕޮލިސީގެ ދަށުން ނުވަތަ ރާއްޖޭގެ ސަރަހައްދުތަކާއި ޓެރިޓޯރިއަލް އިންޓަގްރިޓީ ޔަގީންވެގެން ނުވަތަ ގައުމިއްޔަތުގައި ހުރީ އަސާސްތަކާއި ބަހާތައް ކަށަވަރުކުރެވިގެން ދިއުން ކަމުގައި ވިޔަސް ހުރިހާ ގޮތަކުން ވެސް ރާއްޖެއަކީ ސޮވްރިން ގައުމަކަށް ހަދަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2040 ގެ ތަސައްވުރުގައި ހިމެނޭ ކަންކަން-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ 2040 ގެ ތަސައްވުރުގައި ހިމެނޭ ކަންކަން-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ވަރަށް ނާޒުކު ތިމާވެއްޓެއް އޮތް ގައުމަކަށްވާއިރު ދެމެހެއްޓެނިވި ތަރައްގީ ގެނައުމުގައި "ރެޒިލިއެންޓް" ގައުމަކަށް ވާންޖެހޭނެ ކަމަށެވެ. ތިމާވެށީގެ އިތުރުން އިގްތިސާދީ ލޮޅުންތަކުން ވެސް ރެޒިލިއެންޓް ގައުމަކަށްވުން މުހިއްމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. 

ރައީސް މުއިއްޒުގެ ތަސައްވުރުގައި ހިމެނޭ އަނެއް ކަމަކީ "އިންކްލޫސިވް" ނުވަތަ ހަމަހަމަކަން ގާއިމުވެފައިވާ ގައުމަކަށް ރާއްޖެ ހެދުމެވެ. ރައީސް ވިދާޅުވީ އެއީ ނުކުޅެދުންތެރިކަމެއް ހުންނަ މީހެއް ނުވަތަ އަންހެނެއް ނުވަތަ ކޮންމެ ރަށެއްގައި އުޅޭ މީހަކަށް ވިޔަސް އިންކްލޫސިވިޓީ ގާއިމުކުރުން މުހިއްމު ކަމަށެވެ. 

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ތަރައްގީކުރާ ނަަމަ އެންމެންގެ މެދުގައި ހަމަހަމަކަން ގާއިމުކުރެވެން ޖެހެ އެވެ. 

އަނެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ އާންމުންނާއި ޒުވާނުންގެ މެދުގައި ކްރިއޭޓިވިޓީއަށް ފުރުސަތުތައް ލިބިފައި އޮތް ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކުރެވިފައި އޮންނަ "ކްރިއޭޓިވް" ގައުމަކަށް ރާއްޖެ ހެދުމެވެ. 

"އާންމު ޒުވާނުންނާއި ރައްޔިތުންގެ ކްރިއޭޓިވިޓީއަށް ފުރުސަތު ލިބިފައި އޮންނަ ކްރިއޭޓިވް އިންޑަސްޓްރީ ފުޅާކުރެވިފައި އޮންނަ ކްރިއޭޓިވް މޯލްޑިވްސްއަކަށް ރާއްޖެ އެބަ ވާންޖެހޭ. އަޅުގަނޑުމެން މި މަސައްކަތްކުރަނީ 2030 އާ ހަމައަށް ދާއިރު ރާއްޖޭގެ ޖީޑީޕީއަށް މަދުވެގެން 15 އިންސައްތަ ކޮންޓްރިބިއުޓްކުރާ ބަޔަކަށް ކްރިއޭޓިވް ޑިޖިޓަލް އިކޮނޮމީ ހަދަން،" ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ރާއްޖެއަކީ "ކަނެކްޓެޑް" ގައުމަކަށް ހަދަންޖެހޭ ކަމަށެވެ. ގިނަ އެއާޕޯޓުތަކެއް ހަދައި، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރަން މަސައްކަތްކުރަނީ އެ މަގްސަދުގައި ކަމަށް ރައީސް ވިދާޅުވި އެވެ. 

"ޓްރާންސްޕޯޓަކީ ތަރައްގީގެ އެންމެ މުހިއްމު އެއް އަސާސް. އަޅުގަނޑުމެން ބަލާލީމަ ވެސް ފެންނާނެ ތަރައްގީވަމުން ދިޔަ ގައުމުތަކުގައި އިންޑަސްޓްރިއަލް ރިވޮލިއުޝަން އައި ކިހިނެއްތޯ. ފުރަތަމަ ހެދީ ކެނަލްތައް ނޫނީ ރޭލްވޭތައް. ނޫނީ މަގުތައް. ނޫނީ ކަނެކްޓިވިޓީގެ ތެރެއިން ތަރައްގީ ހާސިލުވެގެން ދަނީ،" އެ ހަފްލާގައި ރައީސް ވިދާޅުވި އެވެ. 

މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާގައި ބައިވެރިވި ބައެެއް މީހުން .-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ސެންޓްރަލް ޕާކުގައި ބޭއްވި ހަފްލާގައި ބައިވެރިވި ބައެެއް މީހުން .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައީސް މުއިއްްޒުގެ އަނެއް މުހިއްމު ތަސައްވުރަކީ ހެލްތީ އަދި ސްކިލްޑް ގައުމަކަށް ހެދުމެވެ. ސިއްހީ ގޮތުންނާއި ހުނަރުގެ ގޮތުން ވަށާ ޖެހޭ ސިޔާސަތުތަކެއް ބިނާކުރެވިފައިވާ ގައުމަކަށް ހަދަންޖެހޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ސިއްހީ ދާއިރާގައި ބޭސްފަރުވާ ކުރުމަށް ފޯކަސް ކުރުމުގެ ބަދަލުގައި  ބަލިވުމުގެ ކުރީގައި ކުރެވޭނެ ކަންކަމަށް މަސައްކަތްކުރުން މުހިއްމު ކަމަށެވެ. ތައުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން އެކި ކަންކަން ދަސްވެފައި ތިބި ބަޔަކު އުޅޭ ގައުމަކަށް ހަދަން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހު ޕިލާއަކީ ރާއްޖެއަކީ ދިވެހިންނާއި ބޭރުގެ ފަރާތްތަކުން ވެސް އިތުބާރު ކުރާ ގައުމަކަށް ހެދުމެވެ. ރައީސް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީ އާއި މަޖިލިސް އަދި ސަރުކާރަކީ ވެސް ރައްޔިތުން އިތުބާރުކުރާ ތަންތަނަށް ހަދަން ޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ ހުރިހާ ކަމެއް ގާއިމުކުރުމަށް ވަރުގަދަ ފައުންޑޭޝަނެއް ބިނާކުރަން ޖެހޭއިރު އެ ތަނބުތައް ބިނާކުރާނީ އިސްލާމްދީނުގެ މަތީގައި ކަމަށެވެ. އެމަނިކުފާނާއި މި ސަރުކާރުން ވެސް ގަބޫލުކުރާ ސިޔާސަތަކީ އެއީ ކަމަށް ވިދާޅުވި އެވެ. 

ރައީސްގެ 2040 ގެ ވިޝަންގައި ހިމެނޭ ކަންކަމުގެ ހިޔާވައްސަކީ "ރެސްޕެކްޓް" ނުވަތަ އިހުތިރާމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އަތްލެވޭ ތަރައްގީއާއެކު ފިކުރީ ތަރައްގީގެ މުހިއްމުކަމަށް ވިދާޅުވެފަ އެވެ. އަދި އިހުތިރާމު ނުކުރާ މުޖުތަމައުއެއް ނަމަ، ގައުމު އޮންނާނީ ވިއްސިވިހާލިވެފައި ކަމަށް ވިދާޅުވި އެވެ. 

އެހެންވެ، ދިވެހިންގެ ރާއްޖެ ބިނާކުރައްވަން ބޭނުންފުޅުވަނީ އެ އަސާސްތަކުގެ މަތީގައި އިސްލާމްދީނުގެ ވަރުގަދަ ބިންގަލުގެ މަތީގައި ކަމަށް ވިދާޅުވި އެވެ.