އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއް ފަށަން ސަރުކާރުން ނިންމައި، ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު އެކަން އިއުލާން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ރައީސް ވިދާޅުވީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އެކުލަވާލަން އެކަމާބެހޭ ކަރުދާހެއް ކެބިނެޓަށް އިއްޔެ ހުށަހަޅާފައިވާ ކަަމަށެވެ. އަދި އެ ކަރުދާސް ތައްޔާރުކުރީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން ގިނަ ބަޔަކާ މަޝްވަރާ ކުރުމަށްފަހު އެވެ.
"އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއެއްެގެ ވާހަކައަކީ ހަމަ ދަންނަވާލާ ވާހަކައެއް ނޫން. މިއީ ވަރަށް ސީރިއަސްކަމާ އެކީގައި އަޅުގަނޑުމެން ބޭނުންވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު ހިންގާނެ ޕްލޭނަކާއި ބަޖެޓް އަދި ޓައިމްލައިން ވެސް މިހާރު އެކުަލަވާލާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެންވީމާ މަޝްރޫއު ފެށުމަށް މިހާރު މިއޮތީ އިއްޔެ ކެބިނެޓްގައި އެޕްރޫވަލް ލިިބިފައި، ފާސްކުރެވިފައި. އެހެންވީމާ ފަސް އަހަރު ދުވަހުގެ އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިރާދަކުރެއްވިއްޔާ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާ އެކީ އަޅުގަނޑުމެން ފަށާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަސައްކަތުގައި ހުރިހާ ފަރާތަކާ މަޝްވަރާކުރަން ސަރުކާރުން ކުރި މަސައްކަތުގައި އިޖާބަނުދިނީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެެއީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.