ރާއްޖޭގެ ހާރިޖީ ސިޔާސަތު ވަކި ގައުމަކަށް ބާރޯސާވާ ގޮތަށް އޮތް ސިޔާސަތު ނިމުމަކަށް ގެނެސް މިހާރު އެކަން ވަޅުލާފައިވާ ނިންމާފައި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްއިން ގެނެސްދޭ ނޭޝަން ޗެޓް ޕޮޑްކާސްޓުގައި، 2008 ވަނަ އަހަރުން ފެށިގެން އައި ހުރިހާ ސަރުކާރުތަކުން ވެސް ވަކި ގައުމަކަށް ބަރޯސާވުމުގެ ސަބަބުން ޖިއޯ ޕޮލިޓިކްސްއަށް ހީނަރުކަން ލިބޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ސުވާލު ކުރުމުން ރައީސް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އޮތީ ވަރަށް ހަރުދަނާ ހާރިޖީ ސިޔާސަތެއް ކަމަށެވެ.
އެއީ ރާއްޖެއަށް ފައިދާ ހުރި ކަންކަމުން ކުރިއަށް ދިއުންކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ އެމަނިކުފާނު ވެސް ގެންގުޅުއްވާ ސިޔާސަތަކީ އެއީ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ފަހުން އައި ސަރުކާރުތަކުން ފެނުނީ ވަކި ގައުމަކަށް ބަރޯސާވުންކަން ފާހަގަ ކުރައްވައި، އެމަނިކުފާނު ވިދާޅުވީ ރާއްޖެ ވާންޖެހޭނީ ވަކި އަތަކަށް ނުޖެހި ރައްޔިތުންނަށް ފައިދާ ވާގޮތަށް މެދުގައި ތިބެން ޖެހޭ ގައުމަކަށް ކަމަށެވެ. އަދި ހާއްސަކޮށް އިސްލާމީ ގައުމުތަކާ ގާތް ގުޅުން ބާއްވަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ވަކި ގައުމެއްގެ، "ޕަޕެޓަކަށް" ވާ ގޮތަށް އޮތް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން. އެއީ ރާއްޖޭގެ ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ވެސް ނޫން. އެ ސިޔާސަތު މިދިޔަ ތިން އަހަރު ތެރޭ މަޑުމަޑުން ފަސްލައި، ވަޅުލައި ނިންމާފައި މިހާރު އެ އޮތީ. މި ގައުމުގައި އެކަން ދެން އިއާދަކުރުމަކީ ރައްޔިތުން ފުރުސަތު ދޭނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިނުގަންނަވާތާ 11 އަހަރުފަހުން ރައީސް މުއިއްޒު ދާދިފަހުން އެ ގައުމަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ރައީސް ވިދާޅުވީ ޕާކިސްތާނުގެ ދަތުރުފުޅުގައި ވެސް ބެލީ ރައްޔިތުންނަށް ފައިދާވާނެ ގޮތްތައް ކަމަށެވެ. އަދި އެކަމުގައި ބަލާނީ ހަމައެކަނި ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނަމަވެސް ޕާކިސްތާނާއި އެހެން ގައުމުތަކާ ދެމެދު އޮތް މައްސަލަތަކެއްގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކާ އެކު ވެސް ބަދަހިކުރާ ގުޅުމުގައި އެ ގައުމުތަކުގެ މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.