ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ކަނޑައެޅި އަޒުމާއި ތަސައްވަރުން ދެ ގައުމުގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވީ، މިއީ ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުމުގައި ވަރަށް ތާރީހީ އަދި މުހިންމު ދަނޑިވަޅެއް ކަމަށެވެ.
އަދި ދެ ގައުމުގެ ގުޅުން އާ ބާބަކަށް ވާސިލުވެ، އިގްތިސާދީ ގޮތުންނާއި އެހެނިހެން ދާއިރާތަކުން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާކުރާނެ އާ ފުރުސަތުތައް ފަހިވާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އަޒުމު ވަރަށް ސާފު. އެއީ ދެ ގައުމުގެ ގުޅުން މީގެ ކުރިން ނުދެކޭފަދަ އުސްމިންތަކަކަށް ގެންގޮސް، މި ޒަމާންވީ އެކުވެރިކަން މާ ވަރުގަދަ އިގްތިސާދީ ފުރުސަތުތަކަކަށާއި ދެ ގައުމުގެ ރައްޔިތުންގެ ތަނަވަސްކަމާއި ހަގީގީ މަންފާ ލިބޭ ކަންކަމަށް ބަދަލުކުރުން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ މި އާ ބާބުގެ އެންމެ މުހިންމު އެއް އަމާޒަކީ މިހާރު ދެ ގައުމުގެ ދެމެދުގައި ހިނގާ ގާތްގަނޑަކަށް 13 މިލިއަން ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށްވި އެއްބަސްވުން ކަމަށެވެ.
މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒްއާ އެކު، ބައިވެރިވެވަޑައިގެންނެވި 'މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް'ގެ ސަބަބުން މި އަމާޒަށް ވާސިލުވުމަށް އިންވެސްޓްމަންޓްތަކާއި ވިޔަފާރީގެ ބައިވެރިވުންތައް އިތުރުކުރުމަށް ވަރުގަދަ ބިންގަލެއް އެޅި ކަން ރައީސް ފާހަގަކުރެއްވި އެވެ.
މި ދަތުރުފުޅުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން 20 އެމްއޯޔޫއެއްގައި ސޮއިކުރި ކަމަށާއި މިއީ ހަމައެކަނި އުއްމީދުތަކެއްގައި ތިބުމުގެ ބަދަލުގައި އަމަލީ ގޮތުން ނަތީޖާ ނެރެދޭނެ އެއްބަސްވުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
"ވޭތުވެދިޔަ 60 އަހަރުގެ އެކުވެރިކަމަކީ އަޅުގަނޑުމެން މި ހިސާބަށް ގެނެސްދިން ބާރު. އަޅުގަނޑުމެންގެ ގުޅިފައިވާ ތަސައްވުރާއި ސާބިތު އަޒުމާ އެކު، މިހާރު މި ދަތުރު އަޅުގަނޑުމެން އިތުރު އުސްމިންތަކަކަށް ގެންގޮސްދޭނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މި ދަތުރުފުޅުގައި އެ ރައީސް މުއިއްޒަށާއި އަނބިކަނބަލުން ސާޖިދާ މުހައްމަދަށާއި ވަފުދުގެ ބޭފުޅުންނަށް ޕާކިސްތާނުން ބެހެއްޓި ގާތްކަމާއި އަދާކުރެއްވި ހޫނު މެހެމާންދާރީއަށްޓަކައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީ އަދި ބޮޑުވަޒީރު ޝެހްބާޒަށް އެ ގައުމުގެ ރައްޔިތުންނަށް ރައީސް މުއިއްޒު ވަނީ އިހްލާސްތެރި ޝުކުރެއް އަދާކުރައްވައިފަ އެވެ.