ގިނަ ދުވަހެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖެ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވުމުން އެ ގައުމުގެ ރައްޔިތުން އެކަމާ އުފާކުރާ ކަމަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ރޭ ވިދާޅުވެއްޖެ އެވެ. 

އެ މަނިކުފާނު އެހެން ވިދާޅުވީ، ރައީސް މުއިއްޒާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ. 

ރައީސް ޒަރްދާރީގެ ރަސްމީ ގަނޑުވަރު އައިވާން-އީ-ސަދްރުގައި ބޭއްވެވި ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ، ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމަށެވެ. 

ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ޓޫރިޒަމް ކުރިއަރާފައިވާ މިންވަރު ވެސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖެ އާއި ޕާކިސްތާނުން އިއްޔެ ސޮއިކުރި އެމްއޯޔޫގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޒަރްދާރީ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް މުއިއްޒު ވަނީ އެ މަނިކުފާނު ޕާކިސްތާނަށް ވަޑައިގަތުމުން ބެހެއްޓެވި ގާތްކަމާއި މެހުމާންދާރީއަށްޓަކައި ރައީސް ޒަރްދާރީއަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

ރައީސް މުއިއްޒުގެ ވާހަކަފުޅުގައި، ރާއްޖެ އާއި ޕާކިސްތާނާ މެދުގައި އޮތް ތާރީހީ އަދި އަހުވަންތަ ގުޅުމަށް ބައްލަވައިލެއްވި އެވެ.

ރައީސް މުއިއްޒާއި ޕާކިސްރާނުގެ ރައީސް ޒަރްދާރީ ރޭގައި ބައްދަލުކުރައްވަނީ.
ރައީސް މުއިއްޒާއި ޕާކިސްރާނުގެ ރައީސް ޒަރްދާރީ ރޭގައި ބައްދަލުކުރައްވަނީ.

"އަދި ވިޔަފާރި، ތައުލީމު، ސިއްހީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާ ކުރެވިގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. ދެ ބޭފުޅުން ވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވައިފަ އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ވަނީ ޕާކިސްތާންގެ ރައީސް ޒަރްދާރީގެ އަނބިކަނބަލުން އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއާ ވަކިވަކިން ބައްދަލުކުރައްވައިފަ އެވެ.

ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސް ޒަރްދާރީ ރޭގައި ވަނީ ފަރިއްކޮޅެއް ވެސް ބާއްވަވައިފަ އެވެ.

ރައީސް މުއިއްޒަކީ މިދިޔަ 10 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ ފުރަތަމަ ރައީސެވެ. އެންމެ ފަހުން ރާއްޖޭގެ އިސްވެރިއަކު ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ 2015 ގަ އެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ. މިހާރުގެ ރައީސް މުއިއްޒުގެ އިތުރުން ދެން ޕާކިސްތާނަށް މިފަދަ ދަތުރުފުޅެއް ކުރެއްވީ ރައީސް ޔާމީނާއި ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަންޏެވެ.