ރައީސް ޑރ. މުހައްމަދު މުއިއްޒު ޕާކިސްތާނަށް މާދަމާ ފައްޓަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ބިޒްނަސް ފޯރަމެއް ބާއްވަން ނިންމައިފި އެވެ.

ޕާކިސްތާންގެ ފޮރިން މިނިސްޓްރީން މިއަދު ބުނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ރައީސް މުއިއްޒު ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި "ޕާކިސްތާން-މޯލްޑިވްސް ބިޒްނަސް ފޯރަމް" ބާއްވަނީ ދެ ގައުމުގެ ވިޔަފާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި ވިޔަފާރި އާއި އިންވެސްޓްމަންޓްގެ އާ ފުރުސަތުތައް ހޯދަން އަމާޒު ކޮށްގެން ކަމަށެވެ.

ދިވެހި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވީ، އެ ފޯރަމްގައި 300 އެއްހާ މަންދޫބުން ބައިވެރިވާނެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި އިގުތިސާދީ ފުރުސަތުތަކުގެ މައުލޫމާތު ސަރުކާރުގެ ފަރާތުން ދޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. 

ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވާހަކަފުޅު ދައްކަވާނެ އެވެ. 

ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އެކި ދާއިރާތަކުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ގިނަ އަދަދެއްގެ އެއްބަސްވުންތަކުގައި މި ދަތުރުފުޅުގެ ތެރެއިން ސޮއިކުރަން ވަނީ ހަމަޖެހިފަ އެވެ.

ރައީސް މުއިއްޒުގެ ދެކަނބަލުން ޕާކިސްތާނަށް މި ވަޑައިގަަންނަވަނީ އެ ގައުމުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށެވެ.

ބޮޑުވަޒީރު ޝެހްބާޒުގެ އިތުރުން އެ ގައުމުގެ ރައީސް އާސިފް އަލީ ޒަރުދާރީއާ، ރައީސް މުއިއްޒު ބައްދަލުކުރައްވައި މަތީ ފެންވަރުގެ މަޝްވަރާތައް ބާއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސްގެ ދަތުރުފުޅުގައި ވިޔަފާރި އާއި އިންވެސްޓްމެންޓް، ސިއްހަތު، ތައުލީމު، ކްލައިމެޓް ޗޭންޖް، ޓޫރިޒަމް، ސިވިލްއޭވިއޭޝަން، ދިފާއީ އަދި އަސްކަރީ ދާއިރާއިން އެއްބާރުލުން އިތުރުކުރުން އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.

މިއީ ރާއްޖޭގެ ރައީސަކު މިދިޔަ 10 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތީ 2015 ވަނަ އަހަރު އެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އެވެ. 

މިހާ ދިގު މުއްދަތަކަށް ފަހު، ރާއްޖޭގެ ވެރިއަކު ޕާކިސްތާނަށް ވަޑައިގަންނަވާތީ އެ ގައުމުން އަންނަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އަދި މިއީ، ދެ ގައުމުން ސިޔާސީ ގުޅުން ގާއިމްކުރިތާ 60 އަހަރު ފުރޭ ވެސް އަހަރެވެ.