ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޕާކިސްތާނަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅަށް ފަހު މިއަދު މެންދުރުފަހު އެނބުރި ރާއްޖެ ވަޑައިގެންފި އެވެ.
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި މި ދަތުރުފުޅުގައި ދެ ގައުމުން ވަނީ، ހާއްސަކޮށް ވިޔަފާރި އާއި އިގުތިސާދީ ގޮތުން މުހިންމު މަޝްވަރާތަކެއްކޮށް، އެއްބަސްވުންތަކެއް ގާއިމްކޮށްފަ އެވެ.
ރާއްޖެއާއި ޕާކިސްތާނުގެ ހާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ވިދާޅުވީ، ދެން އޮތީ ދެ ގައުމުގެ ގުޅުމުގައި 60 އަހަރުގެ ތަނަވަސްކަމާއި ކުރިއެރުން ހޯދުން ކަމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފް ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު އަހަރެއްގެ ތެރޭގައި މިހާރު ކުރެވޭ 13.9 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ދެ ގައުމުން އަމާޒުހިފާފައިވާ ކަމަށެވެ.
ގިނަ ދުވަހެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ރައީސް ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވުމުން، އެ ގައުމުގެ ރައްޔިތުން އެކަމާ އުފާކުރާ ކަމަށް ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީ ވިދާޅުވި އެވެ.
މި ދަތުރުގައި ދެ ގައުމުން ވަނީ 20 އެމްއޯޔޫގައި ސޮއިކޮށްފަ އެވެ. އެއީ:
- ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު އަލުން ފެށުން
- ރާއްޖޭގައި މެޑިކަލް ސްކޫލެއް އިމާރާތްކުރުން
- ސައިބާ ސެކިއުރިޓީ އާއި މަސްތުވާތަކެތި ސްމަގްލްކުރުމާ ދެކޮޅަށް މަސައްކަތްކުރުން
- އިޖުތިމާއީ ރައްކާތެރިކަމާއި ސިއްހީ ދާއިރާއިން ގުޅުން ބަދަހިކުރުން
- ދިފާއީ ކަންކަމާއި ކަނޑުމަތީގެ ރައްކާތެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާ ގުޅޭ އެމްއޯޔޫތައް
- ދަނޑުވެރިކަމާ ގުޅޭ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރުމުގެ އެމްއޯޔޫއެއް
މީގެ ތެރެއިން ވައިގެ ދަތުރުފަތުރުގެ އެމްއޯޔޫގެ ދަށުން، ރާއްޖެ އާއި ޕާކިސްތާނުގެ ކަރާޗީއާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަން ރައީސް ވަނީ އިއުލާންކުރައްވައިފަ އެވެ.
ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުސަތުތައް ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ކިޔައިދިނުމަށް ބިޒްނަސް ފޯރަމެއް ވެސް ބޭއްވި އެވެ. މި ފޯރަމްގައި 540 ފަރާތަކުން ބައިވެރިވި ކަމަށާއި، އެއީ މިހާތަނަށް ރާއްޖޭން ބޭއްވި ބިޒްނަސް ފޯރަމަކަށް ހާޒިރުވި އެންމެ މަތީ އަދަދު ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ވަނީ ރައީސަށް އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފަ އެވެ. މިއީ ސިޔާސީ އަދި ހާރިޖީ ދާއިރާއިން އެމަނިކުފާނު ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެ ޔުނިވާސިޓީން އެރުވި ޝަރަފެކެވެ. މީގެ އިތުރުން، ރާއްޖޭގެ ކުރިއެރުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކާއި، އިސްލާމްދީނުގެ ދިފާއުގައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރުމަކީވެސް މި ޝަރަފުގެ މަގުސަދެއް ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.
މި ދަތުރުފުޅުގައި ރައީސް ވަނީ މި ސަރަހައްދުގެ އެކުވެރިކަމާއި އެއްބާރުލުމަށް އުފައްދާފައިވާ، އެކަމަކުު މިހާރު ހަރަކާތްތެރިކަން ކުޑަކޮށް ފެންނަ ސާކް ޖަމިއްޔާގެ މަސައްކަތްތައް އަލުން ފަށަން ރާއްޖެ ތައްޔާރަށް އޮތްކަން އިއުލާންކުރައްވައިފަ އެވެ.