ރާއްޖެ އާއި ޕާކިސްތާންގެ ހާރިޖީ ގުޅުމަށް މި އަހަރު 60 އަހަރު ފުރިފައިވާއިރު ދެން ކުރިއަށް އޮތީ 60 އަހަރުގެ ތަނަވަސްކަމާއި ކުރިއެރުން ދެ ގައުމު ގުޅިގެން ހޯދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އެހެން ވިދާޅުވީ، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ ވިޔަފާރިވެރިންނަށް ބޭއްވި ބިޒްނަސް ފޯރަމްގަ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހެބާޒް ވެސް ޝަރަފުވެރި ކޮށްދެއްވި ހަފުލާގައި ރައީސް މުއިއްޒު ވިދާޅުވީ، މިދިޔަ 60 އަހަރުގެ ތެރޭގައި ދެ ގައުމަށް ވެސް ލިބިފައިވާ އެންމެ އަގުބޮޑު ރައުސްމާލަކީ "އިތުބާރު" ކަމަށެވެ. ދެ ގައުމުގެ ސަރުކާރުން ވެސް އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ކުރާ ކަމަށާއި ރައްޔިތުން ވެސް ތިބީ އެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިހާރު އަޅުގަނޑުމެން ބޭނުންވަނީ ދެ ގައުމުގެ ވިޔަފާރިވެރިންގެ ފަރާތުން ހިތްވަރާ އެކު މުޅިން އާ އަމާޒުތަކެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޕާކިސްތާނުގައި ބޭއްވި ބިޒްނަސް ފޯރަމުން "ޕާޓްނާޝިޕްތަކެއް" އުފެދެން ޖެހެ އެވެ. އެ ފޯރަމުން އިންވެސްޓްމަންޓުތަކެއް ރާއްޖެ އަށް ލިބި ނަތީޖާ ނެރެވެން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ދިވެހި ސަރުކާރުން ދާނީ އިންވެސްޓްމަންޓުގެ އޮނިގަނޑު އިތުރަށް ހަރުދަނާކޮށް، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަލުވިކޮށް، އިންވެސްޓަރުން ބޭނުންވާ ހާއްސަ އެހީތެރިކަން ފޯރުކޮށްދެމުން،" ބޮޑުވަޒީރު ޝަހެބާޒް ޝަރީފްގެ ދައުވަތަކަށް ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބޭއްވި ބިޒްނަސް ފޯރަމްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެކަމަކު، އެ މަނިކުފާނު ވިދާޅުވީ، އެ ގުޅުން ދަމަހައްޓަން ޖެހޭނީ ދެ ފަރާތަށް ވެސް ފައިދާވާ ގޮތަށް ކަމަށެވެ. ޕާކިސްތާނަކީ ވެސް ދިވެހި ވިޔަފާރިވެރިންނަށް ފުރުސަތުތައް އޮތް ގައުމެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް ވިދާޅުވި އެވެ.
"އުފެއްދުންތެރިކަމާއި ދަނޑުވެރިކަމާއި ޓެކްނޮލޮޖީ އާއި ހިދުމަތްތަކުގެ ދާއިރާއިން ޕާކިސްތާނުގައި ވަރަށް ގިނަ ފުރުސަތުތައް އެބަހުރި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އާއި ޕާކިސްތާންގެ ބަދަހި ގުޅުމުގެ ތެރެއިން އެ ރަހުމަތްތެރިކަމާ އެކަށީގެންވާ އިގްތިސާދެއް ބިނާކުރަންވީ އެވެ.
"އެއީ އިންވެސްޓްމަންޓްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ފުރުސަތުތައް ތަނަވަސް ވެގެންދާނެ ގުޅުމެއް. އަދި އަޅުގަނޑުމެންގެ ދެ ގައުމު ހިއްސާކުރާ އަސާސްތައް އަދި ދެ ގައުމުގެ ކުރިއެރުމަށް ބަދަލުވެގެންދާނެ ގުޅުމެއް. އަޅުގަނޑުމެންނަށް ވަނީ 60 އަހަރުގެ ރަޙްމަތްތެރިކަން ވާރުތަވެފައި. ދެން އަޅުގަނޑުމެން ބިނާކުރަންވީ 60 އަހަރުގެ ތަނަވަސްކަމާއި ި ކުރިއެރުން،" ރައީސް ވިދާޅުވި އެވެ.