ރާއްޖެ އާއި ޕާކިސްތާނާ ދެމެދު މިއަދު ސޮއިކުރި 20 އެމްއޯޔޫ އަމަލުކުރަން ފެށުމަކީ މިހާރު އެންމެ ބޭނުންތެރިކަން ކަމަށާއި އޭގެ ފައިދާ ރާއްޖެއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހި އެމްބަސީއަށް ޒިޔާރަތް ކުރައްވައި ސަފީރު މުހައްމަދު ތޯހާއާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެމްބަސީން އެންމެ އިސްކަންދޭންވީ އެއް ކަމަކީ އެމްއޯޔޫތައް ތަންފީޒު ކުރުމަށް މަގުފަހި ކުރުން ކަމަށެވެ. 

"މި ދަތުރު ނިމުނީމާ އަދި ނުނިމޭނެ. އޭގެ ފަހުން ބޮޑަށް ބަލަންވީ އެމްއޯޔޫތަކަށް އަމަލީސިފަ ގެންނަން. އެކަމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުން،" ރައީސް ވިދާޅުވި އެވެ. 

އެ މަސައްކަތްތަކަށް އިތުރު މުވައްޒަފުން ބޭނުންވާ ނަމަ އެ މަގުން އެކަން ކުރެވޭނެ މަގުފަހި ކުރަން ވެސް އެ މަނިކުފާނު ބާރު އެޅުއްވި އެވެ. 

އިސްލާމްއާބާދުގައި ހުންނަ ދިވެހި އެމްބަސީގައި މިހާރު މަސައްކަތް ކުރަނީ ތިން މުވައްޒަފުންނެވެ. 

ސަފީރު ތޯހާ ފާހަގަކުރެއްވި ގޮތުގައި ޕާކިސްތާންގެ ސަރުކާރުން ރާއްޖެއާ މެދު ގެންގުޅެނީ ވަރަށް ގާތްގުޅުމެކެވެ. 

"އެމްބަސީގެ ކުލި ވެސް ދައްކައިދެނީ ޕާކިސްތާން ސަރުކާރުން،" ރާއްޖެ އާއި ޕާކިސްތާނުގެ ގާތްކަން ހާމަކުރައްވަމުން ރައީސް މުއިއްޒުގެ އަރިހުގައި ސަފީރު ތޯހާ ވިދާޅުވި އެވެ. 

ރައީސް ވިދާޅުވި ގޮތުގައި، ޕާކިސްތާނާ އެކު ރާއްޖެ ގެންގުޅޭ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެ އެވެ. 

ރާއްޖެ އާއި ޕާކިސްތާނުން މިއަދު ސޮއިކުރި 20 އެމްއޯޔޫގެ ތެރޭގައި ދެ ގައުމުގެ މެދުގައި ވައިގެ ދަތުރުތައް އަލުން ފެށުމާއި ސިއްހީ، ތައުލީމު، އަސްކަރީ ދާއިރާ، ފޮރެންސިކްގެ ދާއިރާ އަދި މަސްވެރިކަމާއި ޓޫރިޒަމާއި ދަނޑުވެރިކަމުގެ ދާއިރާގެ ކަންކަން ހިމެނެ އެވެ. 

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް. ޝަރީފާ އެކު މިއަދު ބޭއްވެވި ބައްދަލުވުމަށް ފަހު ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނުގެ ދަތުރުފުޅާ އެކު ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންގޮސް އިތުރު ފުރުސަތުތައް ހުޅުވިފައިވާ ކަމަށެވެ. 

"މި އެމްއޯޔޫތަކުން އަޅުގަނޑުމެންނަށް ލިބޭ މެސެޖު ވަރަށް ސާފު. މިއީ ތަފާތު އެކި ދާއިރާތަކުން ދެ ގައުމުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތުތަކެއް. އެކަމަކު، އެއްބަސްވުންތަކެއްގެ ފައިދާ ކުރާނެ ހަމައެކަނި ގޮތަކީ ނަތީޖާ ނެރުން. އެހެންވީމާ އަޅުގަނޑުމެންގެ ދެން އޮތް ކަމަކީ ދެ ގައުމަށް ފައިދާ ހުރި ގޮތަށް މި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.