ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ މި އަހަރަށް 60 އަހަރު ފުރިފައިވާއިރު، އެ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ދައުވަތަކަށް އިއްޔެ އެ ގައުމަށް ފެއްޓެވި ދަތުރުފުޅުގައި ދެއްވި ގުޅިފައިވާ ބަޔާނުގަ އެވެ.
ބޮޑުވަޒީރު ޝެހްބާޒާ އެކު ހުންނަވައިގެން ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ، ޕާކިސްތާނާ ގުޅިގެން ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ކަންކަން ހާސިލް ކުރުމަށް ކުރިއަށް އޮތް ތަނުގައި އިތުރަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންވި ކަމަކީ ދެ ގައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމުގެ އިތުރު ފުރުސަތައް ހުޅުވިގެން ދިޔަކަން. ދެ ގައުމުގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް ލިބުނު،" ބޮޑުވަޒީރު ޝެހްބާޒާ އެކު ބޭއްވެވި ދެ ގައުމުގެ ރަސްމީ ވާހަކަތަކާއި 20 އެމްއޯޔޫއެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ދެއްވި ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ ބޮޑުވަޒީރާ އެކު ވަރަށް އުފެއްދުންތެރި އަދި ބޭނުންތެރި މަޝްވަރާތަކެއް ކުރެއްވި އެވެ. އަދި މަޝްވަރާއިން އެނގިވަޑައިގެންނެވި ކަމަކީ ދެ ގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދަން ތައްޔާރުކަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ދަތުރުފުޅުގައި ޕާކިސްތާނާ އެކު 20 އެމްއޯޔޫއެއްގައި މިއަދު ސޮއިކުރި އެވެ. އޭގެ ތެރޭގައި ސިއްހީ، ތައުލީމީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ޒުވާނުންނާއި ދިފާއީ އަދި ފުލުހުންގެ ދާއިރާ ހިމެނެ އެވެ.
"މި އެމްއޯޔޫތަކުން އަޅުގަނޑުމެންނަށް ލިބޭ މެސެޖު ވަރަށް ސާފު. މިއީ ތަފާތު އެކި ދާއިރާތަކުން ދެ ގައުމުން ގުޅުން ބަދަހި ކުރަން ހުޅުވުނު ފުރުސަތުތަކެއް. އެކަމަކު، އެއްބަސްވުންތަކެއްގެ ފައިދާ ކުރާނެ ހަމައެކަނި ގޮތަކީ ނަތީޖާ ނެރުން. އެހެންވީމާ އަޅުގަނޑުމެންގެ ދެން އޮތް ކަމަކީ ދެ ގައުމަށް ފައިދާ ހުރި ގޮތަށް މި އެއްބަސްވުންތަކަށް އަމަލީ ސިފަ ގެނައުން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ކުރާ ވިޔަފާރި 13 މިލިއަން ޑޮލަރުން 200 މިލިއަން ޑޮލަރަށް ކުރިއަށް އަށް އޮތް ދެ އަހަރުގެ ތެރޭގައި އިތުރު ކުރުމަށް ވެސް ޕާކިސްތާންގެ ބޮޑުވަޒީރާ އެކު އެއްބަސްވި އެވެ. އޭގެ އިތުރުން ޓޫރިޒަމާއި ވިޔަފާރީގެ ދާއިރާ އިން ގުޅުން ބަދަހިކުރުމަށް ވެސް ދެ ގައުމުން އެއްބަސްވި ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މޭރުމުން އެ މަނިކުފާނު ފާހަގަކުރެއްވި އެއް ކަމަކީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް އަލުން ފެށުން މިއަދު ދެ ގައުމުން ސޮއިކުރި އެމްއޯޔޫ އެވެ. ރައީސް ވިދާޅުވީ، އެއީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވެސް ހުޅުވުނު ފުރުސަތެކެވެ. ހާއްސަކޮށް ރާއްޖޭގައި ހަލާލް ޓޫރިޒަމް ކުރިއެރުވުމަށް ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒުއާ އެކު މަޝްވަރާ ކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އޭގެ އިތުރުން ދިވެހި ޒުވާނުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ޕާކިސްތާނުން ހޯދައިދޭތާ އެތައް ދުވަހެއް ވެފައިވާއިރު އެ ފުރުސަތުތައް އިތުރަށް ފުޅާކުރަން ވެސް އެ ގައުމުގެ ބޮޑުވަޒީރާ އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒަކީ މިދިޔަ 10 އަހަރުގެ ތެރޭގައި ޕާކިސްތާނަށް ވަޑައިގެންނެވި ރާއްޖޭގެ އެންމެ ފުރަތަމަ އިސްވެރިޔާ ކަމަށް ވުމުން ޕާކިސްތާނުން އެ މަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފަ އެވެ. މިހާތަނަށް ޕާކިސްތާނަށް ފުރަމާނަ ދަތުރުފުޅުތައް ކުރެއްވި ރާއްޖޭގެ ތިން ވެރިންނަކީ ރައީސް މުއިއްޒުގެ އިތުރުން ރައީސް މައުމޫން އަބްދުލްގައްޔޫމާއި ރައީސް އަބްދުﷲ ޔާމީނެވެ.