މޯލްޑިވްސް ކަސްޓަމްސްގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ގާބިލުކަން އިތުރުކުރުމަށް ސަވައިލަންސް ޑްރޯނާއި ބޮޑީވޯން ކެމެރާ ބޭނުންކުރަން ރަސްމީކޮށް މިއަދު ފަށައިފި އެވެ.
އެ ވަސީލަތްތައް ބޭނުންކުރަން ފެށުން ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ކަސްޓަމްސްގެ ހިދުމަތަށް 136 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ސަވައިލަންސް ޑްރޯންގެ އެހީގައި ރާއްޖޭގައި ކަސްޓަމްސް އިން ކޮންޓްރޯލް ކުރާ ސަރަހައްދުތައް ބެލެހެއްޓުމަށާއި ބޮޑީވޯން ކެމެރާގެ އެހީގައި ކަސްޓަމްސްގެ ތަހުގީގުތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
"ޑްރޯންގެ ޒަރީއާއިން، އާންމުކޮށް ނުދެވޭ ހިސާބުތަކަށް އަވަސްކަމާއެކު ގޮސް، އެ ހިސާބުން ފެށިގެން އޮޕަރޭޝަންތަކަށް ބޭނުންވާ ގައިޑެންސް އޭގެ ޒަރީއާއިން ހޯދައި، އަދި އިންޓެލިޖެންސް މައުލޫމާތު އެއްކޮށް، ހަމައެއާ އެކު ސަރަހައްދަށް ވަދެ ނުކުމެ ހަދާ ބޯޓުފަހަރުތަކާއި އުޅަނދުފަހަރުތައް ބެލެހެއްޓުމާއި އަދި ކަސްޓަމްސް އިން ކަނޑުމަތީގައި ހިންގަމުންދާ ނުރައްކާތެރި އުނދަގޫ އޮޕަރޭޝަންތައް މޮނިޓާ ކުރުން ކަހަލަ މި ހުރިހާ ކަމަކީ މިފަދަ ވަސީލަތްތަކެއްގެ ބޭނުންކޮށްގެން ކުރާނެ ކަންކަން،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވިދާޅުވޯ ބޮޑީ ވޯން ކެމެރާ ބޭނުންކުރުމަކީ ހަމައެކަނި އޮޕަރޭޝަނަލް އިންޓެގްރިޓީ ހިފެހެއްޓުމުގެ އިތުރުން ކަސްޓަމްސްގެ މުވައްޒަފުންގެ އިންޓެގްރިޓީ ހިފެހެއްޓުމަށް ވެސް ވަރަށް މުހިންމު ވަސީލަތެއް ކަމަށެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނާ ދިމާލަށް އިނގިލި ދިއްކުރާ ހިނދުގައި، އެ މުވައްޒަފުންގެ ރައްކާތެރިކަމަށް ވެސް ބޭނުންވާނެ އެއްޗަކީ ބޮޑީ ވޯން ކެމެރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފުލުހުންގެ ހިދުމަތުގައި ބޮޑީ ވޯން ކެމެރާ ބޭނުންކުރުމުން އައި ނަތީޖާތަކުން އެބަ ދައްކުވައިދޭ. ލޯ އެންފޯސްމަންޓް އޭޖެންސީތަކުގެ ހުރިހާ ދިމާލެއްގައި ވެސް އާންމު ރައްޔިތުންނަށް ހިދުމަތްދޭން އެންގޭޖްވާ ހިސާބުންނާއި އަދި ތަހުގީގުތަކުގައި ކޮންމެހެން ބޭނުން ކުރަންޖެހޭ ޒަމާނީ ވަސީލަތެއްކަން މި ވަސީލަތަކީ،" އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ އޭނާ އެދިވަޑައިގަންނަވަނީ ހުރިހާ ހައި-އިންޓެންސިޓީ އޮޕަރޭޝަންތަކުގައި ވެސް އަދި ހަމަ އެއާ އެކުގައި މަސްތުވާތަކެއްޗާގުޅޭ އަދި ގާނޫނު ތަންފީޒުކުރުމަށް ހިންގާ ހާއްސަ އޮޕަރޭޝަންތަކުގައި ވެސް ކަސްޓަމްސްގެ މުވައްޒަފުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްގެން އޮޕަރޭޝަންތައް ހިންގުމަށް ކަމަށެވެ.
ކަސްޓަމްސް އޮފިސަރުންގެ މަސައްކަތްތަކުގައި އަލަށް ބޭނުންކުރަން ފެށި ސަވައިލަންސް ޑްރޯނަކީ އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކޮށްފައިވާ އެއްޗެކެވެ. އަދި އޮޕަރޭޝަންތަކުގައި ބޭނުންކުރަން ހަމަޖެހިފައިވާ ބޮޑީވޯން ކެމެރާއަކީ އެމެރިކާ ސަރުކާރުން ހަދިޔާކޮށްފައިވާ ސާމާނެވެ.