ދުނިޔޭގެ ނިސްބަތުން ވެސް އެންމެ ހަލުވި މިނުގައި އާބާދީ މުސްކުޅިވަމުންދާ އެއް ގައުމަކީ ރާއްޖެ ކަމަށާއި، 2044 ވަނަ އަހަރުގެ ކުރިން އިގްތިސާދީ އަދި އިޖުތިމާއީ ބޮޑެތި އިސްލާހުތަކެއް ނުގެނެސްފި ނަމަ، މުއްސަނދި ގައުމަކަށް ވުމަށް އޮތް ހަނި ފުރުސަތު ގެއްލިދާނެ ކަމަށް ވޯލްޑް ބޭންކުން އިންޒާރުދީފި އެވެ.
ވޯލްޑް ބޭންކުން މި މަހު ނެރުނު "ޑެމޮގްރަފިކް ޗޭންޖް އިން ސައުތު އޭޝިއާ: ފްރޮމް ޓެއިލްވިންޑްސް ޓު ހެޑްވިންޑްސް ފޯ ޑިވެލޮޕްމަންޓް" ރިޕޯޓުގައިވާ ގޮތުން، ދެކުނު އޭޝިއާގެ އެހެން ގައުމުތަކާ ހިލާފަށް އާބާދީ މުސްކުޅިވުމުގެ ކުރިން މުއްސަނދި ގައުމަކަށް ވުމުގެ ގާބިލުކަން އޮތީ ހަމައެކަނި ރާއްޖެއަށެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާ ދުވެލި ހަލުވިކަމުން ރާއްޖެއަށް އޮތީ ވަގުތާ އެކު ކުރަންޖެހޭ ވަރުގަދަ ރޭހެކެވެ.
ރިޕޯޓުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާގެ އެވްރެޖް ގައުމެއް މުސްކުޅިވަމުންދާ އާބާދީއަކުން މުސްކުޅި އާބާދީއަކަށް ބަދަލުވާން 25 އަހަރު ނަގާނެ އެވެ. ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުގައި މިކަމަށް އެވްރެޖްކޮށް 32 އަހަރު ނަގާއިރު، ކުރިއަރާފައިވާ ގައުމުތަކުގައި 46 އަހަރު ނަގާފައިވެ އެވެ.
އެކަމަކު ރާއްޖޭގައި މި ބަދަލު އަންނާނީ އެންމެ 13 އަހަރުގެ ތެރޭގަ އެވެ؛
- ރާއްޖޭގެ އާބާދީގެ ހަތް ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ވެ، "މުސްކުޅިވަމުންދާ އާބާދީއެއް" ގެ ދަރަޖައަށް ބަދަލުވާނެ
- މަސައްކަތްކުރާ އުމުރުގެ (15-64 އަހަރުގެ) އާބާދީގެ ނިސްބަތް އެންމެ މައްޗަށް ގޮސް، އޭގެ ފަހުން މަސައްކަތްކުރާ މީހުންގެ ނިސްބަތް ދަށްވާން ފަށާނެ
- އާބާދީގެ 14 ޕަސެންޓަކީ 65 އަހަރުން މަތީގެ މީހުންނަށް ވެ، ރާއްޖެއަކީ "މުސްކުޅި އާބާދީއެއް" އޮތް ގައުމަކަށް ބަދަލުވާނެ އަދި 2050 އާ ހަމައަށް ދާއިރު މި ނިސްބަތް 20 ޕަސެންޓަށް ވުރެ މައްޗަށް އަރާނެ
ރާއްޖޭގެ ބޮލަކަށް ޖެހޭ އާމްދަނީ މިހާރު ވެސް ސަރަހައްދުގެ އެހެން ގައުމުތަކަށް ވުރެ މާ މައްޗެވެ. 2013 އިން 2023 އަށް އިގްތިސާދު ކުރިއެރި ނިސްބަތުގައި ހިފެހެއްޓިއްޖެ ނަމަ، 2044 ގައި ރާއްޖެ މުސްކުޅި އާބާދީއަކަށް ބަދަލުވާއިރު ބޮލަކަށް ޖެހޭ އާމްދަނީ 25،000 ޑޮލަރަށް ވުރެ މައްޗަށް އަރާނެ ކަމަށް ލަފާކުރެވެ އެވެ.
މިއީ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. އިންޑިއާ، ބަންގްލަދޭޝް އަދި ނޭޕާލް ފަދަ ގައުމުތަކުގެ އާބާދީ މުސްކުޅިވާއިރު، އެ ގައުމުތަކުގެ ބޮލަކަށް ޖެހޭ އާމްދަނީ ހުންނާނީ ތަރައްގީވަމުން އަންނަ އެހެން ގައުމުތަކުން މުސްކުޅިވާން ފެށިއިރު ހުރި މިންވަރަށް ވުރެ ވެސް ދަށުގަ އެވެ. އަދި 2030 ގައި މުސްކުޅި އާބާދީއަކަށް ބަދަލުވާ ސްރީ ލަންކާ އޮތީ މާލީ ބޮޑު ކާރިސާއެއްގެ ތެރޭގަ އެވެ.
ނަމަވެސް ވޯލްޑް ބޭންކުން ފާހަގަކުރި ގޮތުގައި، ރާއްޖެއަށް އޮތް މި ފުރުސަތު ގެއްލިދާނެ ފަދަ ނުރައްކާތައް އެބަހުއްޓެވެ. ހާއްސަކޮށް ދައުލަތުގެ ހަރަދުތައް ބޮޑުވެފައިވާ މި ދަނޑިވަޅުގައި، އާބާދީ މުސްކުޅިވުމުން ސިއްހީ ހިދުމަތްތަކަށާއި އިޖުތިމާއީ ރައްކާތެރިކަމަށް ކުރަންޖެހޭ ހަރަދުތައް އިންތިހާއަށް އިތުރުވާނެ އެވެ.
ރިޕޯޓުގައި ބުނެފައިވާ ގޮތުން، 2044 ގެ ކުރިން ރާއްޖެއިން ވަގުތުން ފިޔަވަޅު އަޅަންޖެހޭ މައިގަނޑު ދާއިރާތަކަކީ؛
- ރާއްޖޭގައި އުފަންވާ ކުއްޖެއްގެ އެވްރެޖް އުމުރު 80 އަހަރާ ގާތްކުރާއިރު، ފުރިހަމަ ސިއްހަތެއްގައި ހޭދަކުރެވެނީ 70 ވަރަކަށް އަހަރެވެ. ހޮސްޕިޓަލްތަކަށް ބަރޯސާވުން ކުޑަކޮށް، ގައިންގަޔަށް ނާރާ ބަލިތައް ދުރާލާ ދެނެގަނެވޭނެ ޕްރައިމަރީ ހެލްތު ކެއާ ނިޒާމެއް ގާއިމުކުރުމާއި، އުމުރުން ދުވަސްވީ މީހުން ބަލަހައްޓާނެ ތަމްރީނު ލިބިފައިވާ މީހުން އުފެއްދުން މުހިންމެވެ.
- މަސައްކަތްކުރާ އުމުރުގެ އާބާދީ 2033 ގެ ފަހުން ދަށްވާން ފަށާނެތީ، އަންހެނުން ވަޒީފާއަށް ނުކުތުމަށް ހުރި ހުރަސްތައް ނައްތާލުމާއި، އުމުރުން ދުވަސްވާ މީހުންނަށް ވެސް އާ ހުނަރުތައް ދަސްކޮށްދީގެން ގިނަ ދުވަހު މަސައްކަތުގައި އުޅެވޭނެ މަގު ފަހިކުރަން ޖެހެ އެވެ.
- އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ސަރަހައްދުގެ ޒުވާނުންނަށް ހުރި އާދައިގެ ވަޒީފާތައް 24 ޕަސެންޓް ދަށަށް ގޮސްފައިވާއިރު، ޒުވާނުންނަށް ބޭނުންވާ ޒަމާނީ ހުނަރުތައް ދަސްކޮށްދިނުމާއި އަމިއްލަ ވިޔަފާރިތައް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފުޅާކުރަން ޖެހެ އެވެ.
- ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވީ މީހުންގެ އާބާދީ ބޮޑުވާއިރު، ޕެންޝަން ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށާއި ދައުލަތުގެ އާމްދަނީ އިތުރުކޮށް ހަރަދުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.