ޒުވާނުންގެ ހުނަރުވެރިކަން ކުރިއަރުވައި ވަޒީފާގެ ބާޒާރަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ބާއްވާ "ވަރަ އެކްސްޕޯ"ގެ މި އަހަރުގެ އެޑިޝަން އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެކްސްޕޯ ކުރިއަށް ގެންދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރުދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.
މިނިސްޓްރީތަކާއި ދައުލަތުގެ މުއައްސަސާތަކާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރިއަށް ގެންދާ އެ އެކްސްޕޯއަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ހުރި ފުރުސަތުތަކާއި، ބޭނުންވާ މުހިންމު ހުނަރުތައް އަދި އުފެއްދުންތެރިކަން ދައްކާލަން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ ކަަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
"...މި އެކްސްޕޯގެ ސަބަބުން ވަޒީފާ ފަހިކޮށްދޭ ފަރާތްތަކާއި މަސައްކަތުގެ މައިދާނަށް ނުކުންނަން ތައްޔާރުވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށުން ބައްދަލުވެ، ވަޒީފާގެ މާހައުލާ ގުޅޭ އަގުހުރި މައުލޫމާތުތައް ބަދަލުކުރުމުގެ ފަހި ފުރުސަތު ތަނަވަސްވެގެންދާނެ އެވެ،" ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
އެ އެކްސްޕޯގެ އެކްސްކްލޫސިވް ޕްލެޓިނަމް ޕާޓްނަރަކީ ސަން ސިޔާމް ރިސޯޓްސް އެވެ. ސަރުކާރުގެ އެކި މުއައްސަސާތަކާއި އަމިއްލަ ގިނަ ކުންފުނިތަކަކުން ވެސް އެ އެކްސްޕޯގެ ޕާޓްނަރުންގެ ގޮތުގައި ވަނީ ބައިވެރިވެފަ އެވެ.
ޖުމްލަ 158 އެގްޒިބިޓަރުންނާއެކު ކުރިއަށްދާ އެ އެކްސްޕޯ ބަހާލާފައި ވަނީ މައިގަނޑު ހަތަރު ޒޯނަކަށެވެ. އެއީ
- ކެރިއާ ޒޯން:34 ބައިވެރިން
- އެޑިއުކޭޝަން ޒޯން: 32 ބައިވެރިން
- ހުނަރުވެރިކަމުގެ ތަޖުރިބާ ޒޯން: 19 ބައިވެރިން
- މާކެޓް ޒޯން: 73 ބައިވެރިން
ހޯމް މިނިސްޓްރީން ބުނި ގޮތުގައި އެ އެކްސްޕޯ ވާނީ ތައުލީމީ މަރުހަލާ ނިންމައި މަސައްކަތުގެ މައިދާނަށް ނުކުންނަ ޒުވާނުންނަށާއި، ވަޒީފާގެ އާ ފުރުސަތުތައް ހޯދަން އެދޭ ފަރާތްތަކަށް ބޭނުންތެރި މައުލޫމާތާއި މަގުދެއްކުން ލިބޭނެ މުހިންމު ޕްލެޓްފޯމަކަށެވެ. ޒުވާނުންނާއި ހިމެނޭ ގޮތުން ވީހާވެސް ގިނަ ރައްޔިތުން އެ އެކްސްޕޯއަށް ޒިޔާރަތްކުރަން އެދޭ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.