މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭ ސެންޓްރަލް ޕާކްގައި އިއްޔެ ރޭ ހުޅުވަން ނިންމި ކާނިވާ ރޯގާއާ ހެދި ފަސްކުރުމަށް ފަހު މިރޭ ހުޅުވަން ނިންމައިފި އެވެ.
"މިނިވަން އުފާ" ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިންނެވެ.
މާލެ ސަރަހައްދުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާއެއް ފެތުރެމުންދާތާ ހަފްތާއެއްހާ ދުވަސް ވެފައި ވިޔަސް މިނިވަން ދުވަހާ ގުޅިގެން މާލޭގައި ބޭއްވި ފުޅަނދުބުރަށް ފަހު ހޮސްޕިޓަލްތަކަށް ކުޑަކުދިން ގެންދާ ވަރު ވަރަށް ބޮޑަށް އިތުރުވެ، ގާތްގަނޑަކަށް ހުރިހާ ހޮސްޕިޓަލެއްގެ އިމަޖެންސީ ރޫމް ފުރުނެވެ.
އެހެންވެ ސަރުކާރުން ނިންމީ ކާނިވާ ބޭއްވުން ފަސް ކުރުމަށެވެ.
ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވުމުން މިއީ ކިހިނެއް ފެތުރޭ ރޯގާއެއްގޯ ބެލުމަށް ވަނީ ޓެސްޓުތައް ކޮށްފަ އެވެ. އެޗްޕީއޭ އިން މިއަދު ބުނީ މިއީ ހަލުވިކަމާ އެކު ފެތުރޭ ނޯރޯވައިރަސް އިން ޖެހޭ ރޯގާއެއް ކަމަށެވެ.
އާބަންކޯއިން މިއަދު ބުނީ ކާނިވާ ހުޅުވަން ތައްޔާރުވުމުގެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކު މިއަދު ހަވީރު 4 އިން ފެށިގެން ބަންދުވާނެކަމަށެވެ.
އެ ކާނިވަލުގައި އާންމުނަށް ބައިވެރި ވެވޭނެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް އެކަން އިންތިޒާމުކުރާ ހޯމް މިނިސްޓްރީއާއި އާބަންކޯ އިން ބުނެފައިވެ އެވެ.
ކާނިވަލްގައި ގޭމް ސްޓޯލްތައް، ބިރުވެރި ހޮހަޅަ، ކާބޯތަކެތި ވިއްކުމަށް ހާއްސަ ފުޑް ސްޓްރީޓް، ފްލޯޓްތައް ދައްކާލުން، ބޭރުގެ ހުނަރުވެރިންނާ އެކު ސާކަސް ޝޯ، ލައިވް މިއުޒިކް، ކަރޯކޭ ބޮކްސް އަދި ހަވާ އެރުވުން ހިމެނެ އެވެ.