އެންމެ 67 މީހުން ދިރިއުޅެމުން އަންނަ ވ. ރަކީދޫން ދޫކޮށްފައިވާ ގިނަ ގޯތިތައް ހުރީ ލޯކަލް ޓޫރިޒަމުގެ އިންވެސްޓްމެންޓްތަށް ހިނގަން ކުއްޔަށް ނަގައިފަ އެވެ. ބައެއް ގޯތިތައް ގަނެފަ އެވެ. ރަށުގެ ޒުވާނަކު ގެންދަނީ 18 ކޮޓަރީގެ ބޮޑު ގެސްޓް ހައުސްއެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.
ހަމަހިމޭންކަމާއި ފަޅުކަމުން ވަށާލާފައި އޮތް ރަކީދޫއަށް މި މަންޒަރުތަކަކީ އުއްމީދުގެ ކުލަވަރެކެވެ. އެކަމަކު، އެ ކުލަވަރު ފަނޑުކޮށްލަނީ ދޭތެރެދޭތެރެއިން ފެންމަތިވަމުންދާ ރަށް ފަޅުކުރުމުގެ ވާހަކައިންނެވެ. އިންވެސްޓްމެންޓްތައް ހިފައިގެން މީހުން އެ ރަށަށް ދާން ފަސްޖެހިފައި ތިބީ އެކަމުގައި ގޮތެއް ނުނިމި އޮތުމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިދިޔަ އަންގާރަ ދުވަހު ހައުސިން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވީ ރަކީދޫ ރައްޔިތުން ބަދަލުވާން ބޭނުންވާ ކަމަށް ވާ ނަމަ ވީހާ ވެސް އަވަހަކަށް އާބާދު ކުރެވޭ މާލެ ކައިރި ސަރަހައްދަކަށް ބަދަލުކުރުމަށް ސަރުކާރުން ތައްޔާރު ކަމަށެވެ. އެކަމަކު، އެކަން ނުކުރެވިގެން އުޅެނީ މިނިސްޓަރު ވިދާޅުވި ގޮތުގައި ހުރިހާ ރައްޔިތުން އެއްބަސްނުވާތީ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު ރަކީދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގައި ދިރިއުޅޭ ގިނަ ރައްޔިތުންތަކެއް މާލެ ކައިރިއަށް ބަދަލުވާން ބޭނުންވާ ކަން ހާމަކުރި އެވެ.
ރައީސް މުއިއްޒު ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި، ވާހަކަ ދެއްކި ގިނަ މީހުން އެދުނީ އެ މީހުންނަށް ރަށުން ބަދަލުވެވޭނެ ގޮތެއް ހޯދައިދިނުމަށެވެ. ރަށް ދޫކޮށް ދާން ބޭނުން ނުވި މީހަކު ވެސް ބައްދަލުވުމުގައި އެކަން ރައީސާ ހިއްސާކުރި އެވެ.
ސަރުކާރުން އެ ވާހަކަ ފެށީ އެ ހިސާބުންނެވެ. އެކަމަކު، އޭރު ވެސް މިހާރު ވެސް ރަށު ކައުންސިލުން އެކަމަށް ތާއިދެއް ނުކުރެ އެވެ. ރައީސްގެ ބައްދަލުވުން ނިމުމާއެކު، އެކަމާ ދެކޮޅަށް ކައުންސިލުން ތެދުވި އެވެ. ރަށުން ބޭރުގައި މިހާރު ތިބި ޒުވާނުންގެ ބޮޑު އާބާދީއެއް ވެސް ބޭނުންވަނީ ފަޅުކުރާކަށް ނޫނެވެ.
ރަށުގެ އިގުތިސާދު ކޮޅަށް ޖަހައި، ޓޫރިޒަމުން އެންމެ ބޮޑު ނަފާއެއް ހޯދައި ވ. އަތޮޅުގެ ނަމޫނާ ރަށަކަށް ރަކީދޫ ވެސް ވެގެން ދިޔުމެވެ.
"ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ފުލް މެޖޯރިޓީ ދިނީ ވެސް އެހެންވެ. ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވަނީ ރަކީދޫ ނަގާ އަލުން ކޮޅަށް ޖަހައި، ރަކީދޫ ތަރައްގީ ކުރަން. ރަކީދޫން އެއްވެސް މީހަކު ފައިބާކަށް ބޭނުމެއް ނުވޭ،" ރަކީދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒަމީރު ވިދާޅުވި އެވެ.
"އޭގެ ތެރޭގައި ދެ މީހަކު ނޫޅޭ ވާހަކައެއް ނޫން. ފުލް މެޖޯރިޓީ އޮތީ ނުފައިބާ ރަށް ޑިވެލޮޕްކޮށް އަލުން ނަގާ ކޮޅަށް ޖަހަން."
ޒަމީރު ވިދާޅުވި ގޮތުގައި ކައުންސިލުން މިހާރު ގެންދަނީ ރަށް ތަރައްގީ ކުރެވޭނެ ގޮތްތައް ބަލައި، އެކަމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ރަށުގައި މި ވަގުތު އިތުރަށް ބިން ނެތުމުން ފަޅު ހިއްކައިގެން 9.24 ހެކްޓަރުގެ ބިން އުފައްދަން ނިންމާފައިވާނެ ކަމަށް ވިދާޅުވި އެވެ.
އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތެއް ވެސް ކައުންސިލުން މިހާރު ހޯދާފައިވާނެ ކަމަށާއި ލޭންޑްޔޫސް ޕްލޭން ވެސް ހަދަމުން އންނަ ކަން ޒަމީރު ފާހަގަކުރެއްވި އެވެ. ބިން ހިއްކުމުގެ މަޝްރޫއު ހިންގައިދޭނެ ބަޔަކު ތިބި ނަމަ ސަރުކާރުން އެކަމަށް އެއްބާރުލުންދޭނެ ކަމަށް ހައުސިން މިނިސްޓަރު ވިދާޅުވެފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި ކައުންސިލްގެ ވިސްނުން ހުރީ ހިއްކާ ބިމުގެ ބީޗު ފްރޮންޓް ލޯކަލް ޓޫރިޒަމަށް ހާއްސަކޮށް، އަނެއް ބައިން ޒުވާނުންނަށް ގޯތިދިނުމަށެވެ.
"ގޯތި ބޭނުންވާ ގިނަ ޒުވާނުން އެބަތިބި،" ޒަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާމްދަނީ ހޯދޭނެ ގޮތްތަކާއި ވަޒީފާގެ ފުރުސަތުތައް އުފެދުމުން ޒުވާނުން ތިބީ ރަށަށް ބަދަލުވާން ތައްޔާރަށެވެ. މާލެ އާއި މާލެ ކައިރި ރަށްރަށުގައި ކުއްޔަށް، "ގަނަތެޅެން" އުޅުމަށް ވުރެ އެ ޒުވާނުންގެ އުއްމީދުތައް މާފުޅާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓޫރިޒަމަށް ގޯތިތައް ކުއްޔަށް ނަގާފައި ހުރި އިރު އެ އެންމެން ވެސް އަންނަން އެބަ ބޭނުންވޭ. އަޅުގަނޑުމެން ބޭނުންވޭ ރަށަށް ތަރައްގީ ގެންނަން، އެ އަންނާނީ ޓޫރިޒަމް ގެނެސްގެން، ޒުވާން ކުދިން ރަށަށް ބަދަލުވާނީ އާމްދަނީ ހޯދޭނެ ގޮތްތަކެއް އުފެއްދިގެން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"ސްކޫލުގައި ކިޔެވުން ވެސް ފެށީނީ ކުދިން އައީމަ. އެ މަގު ހު ހޯދައިދެވޭނީ ޓޫރިޒަމް ބިނާކޮށްގެން."
ރަށުގެ ޓޫރިޒަމް ވަރުގަދަ ކުރަން، ކައުންސިލުން މިހާރު ވަނީ ރަކީދޫގެ އިމާރާތްތައް ފަސް ބުރިއަށް ނެގެމުގެ ހުއްދަ ދީފަ އެވެ. އެއީ، ގިނަ ކޮޓަރިތަކާ އެކު ފައިދާވާނެ ގޮތަށް ގެސްޓް ހައުސް ހިނގަން ފުރުސަތު ދޭން ބޭނުންވާތީ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ދެ ގެއެއްގައި ގެސްޓް ހައުސް މި ފަހުން ވެސް ވާނީ ހުއްދަ ދީފައި، އަދި އިތުރު ދެ ގެއެއްގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅާފައިވެސް ވާނެ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ފައްކާވަމުން އަންނަ ބްރޭންޑެއްގެ ގޮތުގައި ރަކީދޫ އިޝްތިހާރު ކުރަމުންދާއިރު ޒަމީރު ވިދާޅުވި ގޮތުގައި މިހާރު އެ ރަށުގައި ހުރި ކޮޓަރިތަކަށް ވެސް ޑިމާންޑް އޮވެ އެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ކުރިން ކޮޓަރިތައް އޮތީ އެއްކޮށް ފުލްކޮށް ކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންކަމުން، އެ ރަށުން ފައިބާ، ރަށް ފަޅުކުރަން ޖެހޭ އެއްވެސް ސަބަބެއް ޒަމީރަކަށް ނުވިސްނެ އެވެ.
"އެންމެ ފަހު މީހާގެ ގޮތުގައި ވެސް ރަކީދޫގައި ހުންނަން އަޅުގަނޑު މިހުރީ. ރަކީދޫން މީހުން ބާލާކަށް އަޅުގަނޑުގެ އެއްބާރުލުމެއް ނުލިބޭނެ،" ޒަމީރު ވިދާޅުވި އެވެ.