ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި، ގދ. މަޑަވެލީގެ 145 މީހަކު އެ މީހުންނަށް ނޭނގި ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށް ބުނެ މަޑަވެލީ ކައުންސިލުން ބޮޑު ތުހުމަތެއް ކޮށްފި އެވެ.
މަޑަވެލި ކައުންސިން މި ތުހުމަތުކޮށްފައި ވާއިރު، ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި، އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށް އެ މައްސަލަ މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.
މަޑަވެލީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީއެއްގެ ދަރަޖަ ލިބޭނީ އެ ރަށެއްގެ އާބާދީގައި 10،000 މީހުން ހަމަވުމުން ކަމަށް ވާއިރު ތިނަދޫން ސިޓީއެއްގެ ދަރަޖަ ހޯދަން އެ ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީއަށް 10،000 ހަމަކޮށްފައިވަނީ އޮޅުވާލައިގެން ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، ތިނަދޫ ރަށްވެހިންގެ ރަޖިސްޓްރީގައި މަޑަވެލީގެ 145 މީހެއްގެ ނަން ވަނީ ހިމަނައިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގައި ދިރިއުޅޭ މީހުންނާއި އެހެން ރަށްރަށުގައި ދިރިއުޅޭ މަޑަވެލީގެ ރައްޔިތުންގެ އިތުރުން، ދުނިޔޭގައި މިހާރު ނެތް މީހުންގެ ނަންތައް ވެސް ހިމެނޭ ކަމަށް ކައުންސިލުން ބުންޏެވެ.
"މިއީ މަޑަވެލީ ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް އޮޅުވާލައިގެން ހިންގާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް" ކަމަށް މަޑަވެލީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.
މި މައްސަލައިގައި މަޑަވެލީ ކައުންސިލުން ވަނީ ތިނަދޫ ސިޓީ ކައުންސިލްގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި އޮޅުވާލައިގެން ތިނަދޫ ރަޖިސްޓްރީގައި ހިމަނާފައިވާ މަޑަވެލީގެ ރައްޔިތުންގެ ނަންތައް ވަގުތުން އެ ރަޖިސްޓްރީން އުނިކޮށް، އަލުން މަޑަވެލީގެ ރަށްވެހިންގެ ރަޖިސްޓްރީގައި ހިމަނައިދިނުމަށް އެ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.
މީގެ އިތުރުން، މިކަން ހިނގާފައިވާ ގޮތް ތަހުގީގުކޮށް، ޒިންމާވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ވެސް މަޑަވެލީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދަން 2023 ވަނަ އަހަރު އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލާގައި މޭޔަރު ސައުދުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން ވެސް ތިނަދޫގައި 10،000 މީހުންގެ އާބާދީ އޮތްކަން ދެއްކުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ފޮނުވި ސިޓީގައި އެހެން ރަށްރަށުގެ މީހުންގެ ނަންތަކާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވެ އެވެ.
އެހެންވެ އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި، އެ ލިސްޓު ފޮނުވިކަން ރެކޯޑް ކުރެވިފައި ނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އުފުލި ދައުވާ އެވެ.