ދަރިން ހޯދުމަށް އޮތް ހުރަހަކީ މާލީ ދަތިކަން ކަމަށް ޔޫއެންއެފްޕީއޭއިން އެކުލަވާލިު ދުނިޔޭގެ އާބާދީގެ ހާލަތާ ބެހޭ ރިޕޯޓް އެކުލަވާލަން ކުރި ސާވޭގައި ބައިވެރިވި ޒުވާނުންގެ 72 ޕަސެންޓް މީހުން ބުނެފި އެވެ.

ޔޫއެންއެފްޕީއޭއިން ބުނި ގޮތުގައި އެ ސާވޭގައި ބައިވެރިވި 70 ޕަސެންޓް ޒުވާނުން އެންމެ އެދޭ ގޮތަކީ ކައިވެނިކުރުން ކަމަށް ބުނެފައިވާއިރު 91 ޕަސެންޓް ޒުވާނުން ދަރިން ހޯދަން ބޭނުންވެ އެވެ. އެކަމަކު މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން އަމިއްލަ ފައިމައްޗަށް ތެދުވެ ދަރިން ހޯދުމާ މެދު ވިސްނުމުގެ ފުރުސަތު ލިބެނީ 30 އަހަރު ފުރޭފަހުންނެވެ. ދަރިން ހޯދުމަށް އޮތް އެންމެ ބޮޑު ހުރަހަކީ މާލީ ދަތިކަން ކަމަށް ސާވޭގައި ބައިވެރިވި 72 ޕަސެންޓް މީހުން ފާހަގަކޮށްފައިވެ އެވެ.

"ސަކްސީޑިން ޖެނެރޭޝަންސް: އެމްޕަވަރިން ޔަންގް ޕީޕަލް ޓު ޗާޓް ދަ ފިއުޗާ" (ކުރިއަށް އޮތް ޖީލުތައް: މުސްތަގުބަލު ބައްޓަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުން) މި ނަމުގައި ރާއްޖޭގައި މިއަދު އިފްތިތާހުކުރި އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި، އަދުގެ ޒުވާނުންނަކީ ދުނިޔޭގެ ތާރީހުގައި އެންމެ ތައުލީމީ، އެންމެ ބޮޑަށް ގުޅިލާމެހިފައިވާ އަދި ހައްގުތަކަށް އެންމެ ބޮޑަށް ހޭލުންތެރި ޖީލެވެ.

އެކަން އެހެން އޮތަސް ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް ހާސިލުކުރުމުގައި މި ޖީލުގެ މީހުންނަށް ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. ހުރަސްތައް ކުރިމަތިވެފައިވާ ކަންތައްތަކަކީ ރަނގަޅު ވަޒީފާއެއް ހޯދުމާއި، މާލީ ފުދުންތެރިކަން ހޯދުމާއި އާއިލާއެއް ފެށުމެވެ.

ދުނިޔޭގެ އާބާދީ ރިޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޔޫއެންއެފްޕީއޭ
ދުނިޔޭގެ އާބާދީ ރިޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޔޫއެންއެފްޕީއޭ

އެކަންކަމަށް ކުރިމަތިވެފައިވާ ހުރަސްތަކަކީ އިގްތިސާދީ ދަތިތަކާއި ބޯހިޔާވަހިކަމުގެ ގޮންޖެހުންތަކާއި މޫސުމަށް އަންނަ ބަދަލުތަކާއި އަދި ޓެކްނޮލޮޖީއަށް އަންނަ ހަލުއި ބަދަލުތަކެވެ.

ޔޫއެންއެފްޕީއޭއިން ބުނި ގޮތުގައި، ރާއްޖޭގައި ގައުމީ ފެންވަރުގައި ލިޔަންކިޔަން ދަތުމުގެ ނިސްބަތް 98 އިންސައްތައަށްވުރެ މަތީގައި ހުރިއިރު ގައުމު ތަރައްގީކުރުމާއި ބިނާކުރުމުގައި ޒުވާނުންނަކީ ބޮޑު ބާރެކެވެ. އެކަމަކު އޮނިގަނޑުގެ ތެރޭގައި ހުރި ބައެއް ނިޒާމީ ގޮންޖެހުންތަކުގެ ސަބަބުން ޒުވާނުންގެ ފުރިހަމަ ގާބިލުކަމާ ހަމައަށް ވާސިލްވުމަށް ހުރަސްތަކެއް އެބަ ހުއްޓެވެ.

ދިވެހި ޒުވާނުންގެ ތެރެއިން އުމުރުން 15 އަހަރާއި 24 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 19 އިންސައްތަ ޒުވާނުންނަކީ ތައުލީމު ހާސިލުކުރުމާއި ވަޒީފާ އަދާކުރުމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިނުވާ ޒުވާނުން ކަމަށް ވެސް އެ ޖަމާއަތުން ބުންޏެވެ.

މީގެތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ޒުވާން އަންހެނުންނަށެވެ.

ރާއްޖޭގައި ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ގޮތުގައި ޔޫއެންއެފްޕީއޭއިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި މާލޭގައި ދިރިއުޅުމުގެ ހަރަދު ބޮޑުވުމާއި ރަނގަޅު ބޯހިޔާވަހިކަމެއް ހޯދުމުގައި ހުރި ދަތިތައް ހިމެނެ އެވެ. އަތޮޅުތަކުގެ މެދުގައި ހުރި ތަފާތުތަކާއި ޑިޖިޓަލް އަދި އޭއައި އަށް ބިނާވަމުންދާ އިގްތިސާދަށް ބޭނުންވާ ހުނަރުގެ ފަރަގު ބޮޑުވުމަކީ ވެސް ރާއްޖޭގެ ޒުވާނުންނަށް ހުރި ގޮންޖެހުންތަކެވެ. އިތުބާރުކުރެވޭ ނަފްސާނީ ސިއްހަތާއި ދުޅަހެޔޮކަމުގެ ހިދުމަތްތައް ލިބުމުގައި ހުރި ދަތިތަކަކީ ރިޕޯޓްގައިވާ ގޮތުން ޒުވާނުންގެ ދިރިއުޅުމުގެ ނިންމުންތަކަށް އަސަރު ކުރާ ކަންކަމެވެ. 

ދުނިޔޭގެ އާބާދީ ރިޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޔޫއެންއެފްޕީއޭ
ދުނިޔޭގެ އާބާދީ ރިޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޔޫއެންއެފްޕީއޭ

"ޒުވާނުން ބޭނުންވަނީ މިނިވަންކަމާއި، ހަރުދަނާ ގުޅުންތައް. ގިނަ ޒުވާނުން އާއިލާއެއް ފަށައި އަމިއްލަ ދަރިން ވެސް ބޭނުން. ނަމަވެސް ގިނަ ފަހަރަށް އިގްތިސާދީ ނުތަނަވަސްކަމާއި ބޯހިޔާވަހިކަމުގެ ހަރަދު ބޮޑުވުމާއި، އެކަހެރިކޮށްލެވުމުގެ ސަބަބުން އެ އުންމީދުތައް ހާސިލުކުރުމަށް ވަނީ ހުރަސްއެޅިފައި،" ޔޫއެންއެފްޕީއޭގެ އެގްޒެކެޓިވް ޑިރެކްޓަރް ޑިއޭން ކެއިޓާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޒިންމާއަކީ އެ ކުދިންގެ އުންމީދުތަކަކީ ހަގީގަތުގައިވެސް އިހްތިޔާރުކުރެވޭނެ ކަންކަމަށް ހެދުން. އޭގެ މާނައަކީ އެ ކުދިންނަށް ހުރި ސިއްހީ، ތައުލީމީ، އަދި އިގްތިސާދީ ފުރުސަތުތަކަށް އިންވެސްޓްކުރުމާއި، އަމިއްލަ ހަށިގަނޑާއި ދިރިއުޅުމާ މެދު ގޮތް ނިންމުމުގެ ބާރު އެކުދިންނަށް ރައްކާތެރިކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އާބާދީ ރިޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޔޫއެންއެފްޕީއޭ
ދުނިޔޭގެ އާބާދީ ރިޕޯޓް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު. ފޮޓޯ: ޔޫއެންއެފްޕީއޭ

ދުނިޔޭގެ 73 ގައުމަކާއި ސަރަހައްދަކުން އުމުރުން 18 އަހަރާއި 39 އަހަރާ ދެމެދުގެ 108,000 އަށްވުރެ ގިނަ ޒުވާނުން ބައިވެރިކޮށްގެން ޔޫއެންއެފްޕީއޭއިން ކުރިއަށްގެންދިޔަ ސާވޭއަށް ބިނާކޮށް އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި ޒުވާނުން ޒަވާޖީ ހަޔާތެއް ފެށުމަށާއި އާއިލާއެއް ބިނާކުރުމަށް ކުރާ އުންމީދު ދޫކޮށެއް ނުލަ އެވެ.