އައްޑޫ ހުޅުމީދޫ ނަރުދަމާ ނިޒާމް ގާއިމު ކުރުމާއި ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް މިއަދު ރަސްމީކޮށް އިފުތިތާހު ކޮށްދެއްވައިފި އެވެ.

މިނިސްޓަރު މިހާރު އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ފައްޓަވައި ދެއްވީ ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ އާރްއާރް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ.

އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމަން ޖެހޭ މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 24 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. ހުޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ތެރެއިން ގިރާ ސަރަހައްދުގައި 1،300 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ލާނެ އެވެ.

މީދު އާއި ހުޅުދޫ ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް މިއަދު ރަސްމީކޮށް ފެށި އިރު، އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ސިިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ސަރުކާރާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޯޕިޑް)ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއު މާޗް 18، 2018 އަށް ނިންމަން ޖެހެ އެވެ. މި މަޝްރޫއަށް 126 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ.

ހުޅުމީދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށުމުގެ ހަފުލާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް
ހުޅުމީދޫ ނަރުދަމާ ނިޒާމްގެ މަސައްކަތް ފެށުމުގެ ހަފުލާގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

މި ދެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ މި ކަންކަމަކީ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންގެ ތަރައްގީއަށްޓަކައި ކޮށްދެއްވަމުން ގެންދަވާ ކަންކަން ކަމަށެވެ. އަދި މި ސަރުކާރުގައި ނޫނީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ ސަރުކާރެއް ދިވެހިން ނުދެކޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން، ސަރުކާރަށް ރައްޔިތުންގެ ތާއީދާއި އެއްބާރުލުން ލިބެން ޖެހޭ ކަމަށް ވިދާޅުވި އެވެ.