ރާއްޖޭގެ މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައި ވަނިކޮށް، ރާއްޖޭން ބޭރަށް މަސް ގެންދިއުމަށް ގެންނަ އިތުރު ބޯޓެއް އަންނަ ބުދަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެސްޓީއޯ އިން އިއްޔެ ބުނެފި އެވެ.

އެސްޓީއޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ތަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ ދެކުނުގެ އަތޮޅުތަކުގައި މިހާރު އޮތް މަސްވެރިކަމަކީ ފާއިތުވެދިޔަ 11 އަހަރު ތެރޭގައި ވެސް އުފެދިފައި ނުވާ ވަރުގެ ރަނގަޅު މަސްވެރިކަމެއް ކަމަށެވެ. އެހެންވެ، މި މަހުގެ ތިން ވަނަ ދުވަހު ބޯޓެއް ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަސްވެރިކަން ރަނގަޅުވެ، މަސް ކުންފުނިތަކުގެ ކޮށާރުތައް ފުރުމާއެކު ރާއްޖޭން ބޭރަށް މަސް އުފުލާނެ ބޯޓެއް ގެންނަނީ ކުއްޔަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ބޯޓުން އުފުލޭނީ ކިތައް ޓަނުގެ މަސް ކަމާއި ބޯޓު އައުމުން ދޯނިތަކުން މަސް ކިރާ މިންވަރު ލިމިޓްކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އޭނާ ވިދާޅެއް ނުވެ އެވެ.

މީގެ އިތުރުން ޝަހީރު ވިދާޅުވީ ހުޅުމީދޫގައި މިފްކޯ އިން ތަރައްގީ ކުރާ 1500 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖްގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ތަނުގެ މަސައްކަތް ނިމުމުން މަސްވެރިންނަށް ދިމާވަމުން އަންނަ ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިފްކޯގެ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި އެއްފަހަރާ ރައްކާ ކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ. އައިސް ނާޅާ 1.5 ކިލޯ އިން ފެށިގެން މަތީގެ ކަޅުބިލަމަސް މިފްކޯ އަށް މިވަގުތު ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅާފައި ހުންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.

މަސްވެރިކަން ވަރަށް ރަނގަޅުވެ ބާނާ ހުރިހާ މަހެއް ނުގަނެވޭތީ މަސްވެރިން ވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފަ އެވެ. އެކަމަކު މަސްވެރިކަން ރަނގަޅުވެ، ފާއިތުވި 16 ދުވަހު މަސްވެރިންނަށް 54 މިލިޔަން ރުފިޔާ ދީފައިވާނެ ކަމަށް މިފްކޯ އިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުންޏެވެ.

ދެކުނުގެ އަތޮޅުތަކުގެ މަސްވެރިކަން ރަނގަޅުވެ މިފްކޯ އަށް ބާރު ބޮޑުވުމާއެކު، ދޯނިތަކުން މަސް ކިރާ މިންވަރު އެ ކުންފުނިން ވަނީ ލިމިޓްކޮށްފަ އެވެ. އެގޮތުން، ކޮންމެ ދޯންޏަކުން ގަނެވޭނީ 2.5 މެޓްރިކް ޓަނުގެ މަސް ކަމަށް މިފްކޯ އިން ވަނީ ކަނޑައަޅައިފަ އެވެ.

އެހެންވެ، ކޫއްޑޫގައި ހުންނަ މިފްކޯގެ މަސް ކާރުހަނާ އަށް ކިރުވަން ގެންދިޔަ ގާތްގަނޑަކަށް 130 ޓަނުގެ މަހުގެ ތެރެއިން ނުކިރުވުނު 50 ޓަނުގެ މަސް އުކާލި އެވެ. އެކަމަކު ނުކިރުވުނު މަސްތަކަށް މިފްކޯ އިން ވަނީ ބަދަލެއްގެ ގޮތުގައި ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފަ އެވެ.