ފަގީރުންގެ ލިސްޓުގައި ރަޖިސްޓަރީ ވުމަށް ހުޅުވާލައިފި

ފަގީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓަރީ ވުމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.


އެ މިނިސްޓްރީން ބުނީ "ފިތުރު ޒަކާތް ލިބިގަތުމަށް ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމް" ފުރުމަށްފަހު ރަށެއްގައި ނަމަ އެ ރަށެއްގެ ކައުންސިލަށް އަދި މާލޭގައި ނަމަ އިސްލާމިކް މިނިސްޓްރީ ހުށަހަޅަން ޖެހޭ ކަމަށެވެ. އެ ފޯމް ހުށަހެޅުމުގެ މުއްދަތަކީ މި މަހުގެ 16 ވަނަ ދުވަހުގެ ކުރިންނެވެ.

ފަގީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް 44ރ. ނުލިބޭ ނަމަ އެވެ.

ފަގީރުންގެ ގޮތުގައި މިދިޔަ އަހަރު 12،335 މީހުން ރަޖިސްޓަރީ ކުރި އެވެ. މާލެ ސަރަހައްދުން އެކަނި ވެސް ފަގީރުންގެ ގޮތުގައި 5،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓަރީ ކުރިއިރު އޭގެ ތެރެއިން ކޮންމެ މީހަކަށް ވަނީ ޒަކާތުގެ ގޮތުގައި 900ރ. ދީފަ އެވެ.

ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު 11،101،500ރ. ވުރެ ގިނަ ރުފިޔާ ލިބުނު ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.