ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ކުޑަކުދިންގެ ދުވަސް އޯޓިސްޓިކް ކުދިންނާއެކު މިއަދު ފާހަގަކޮށްފި އެވެ.
މިއަދު ފާހަގަކުރަމުން އަންނަ ކުޑަކުދިންގެ ދުވަހާ ގުޅިގެން، ޗަމްޕާ ސެންޓްރަލް ހޮޓަލުން އޯޓިސްޓިކް ކުދިންނާ އެކު ބޭއްވި ހަރަކާތްތަކުގައި އެ ކުދިންގެ އާއިލާގެ މެމްބަރުން ބައިވެރިވިއިރު ފެނުނީ އުފާވެރިކަމާއި ހިތްހަމަޖެހުމުގެ މަންޒަރެވެ.
ހަބޭސް ބޮޑުބެރުގެ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ މި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އޯޓިޒަމް އެސޯސިއޭޝަންގެ ޗެއާމަން އިލްހާމް ހުސެއިން ފާހަގަކުރެއްްވި ގޮތުގައި، އެފަދަ ޖަމިއްޔާއެއް ހިންގަމުން އަންނަނީ ގިނަ ބައެއްގެ އެހީތެރިކަމާ އެކު އެވެ. އެހެންކަމުން އެ ޖަމިއްޔާ އަށާއި އޯޓިސްޓިކް ކުދިންނަށް ދެމުން އަންނަ އެހީތެރިކަމަށް އޭނާ ވަނީ ޝުކުރު ދަންނަވައިފަ އެވެ.
އޯޓިސްޓިކް ކުދިންނަކީ ވެސް މުޖުތަމައުގެ އަޅާލުން ބޭނުންވާ ކުދިން ކަމަށާއި ކުޑަކުދިންގެ ދުވަހުގެ ތަހުނިޔާ އެންމެހައި ކުޑަކުދިންނަށް އަދި ހާއްސަގޮތެއްގައި އޯޓިޒަމް ކުދިންނަށް، ކުރީގެ ފަސްޓް ލޭޑީ އިލްހާމް ވަނީ ދަންނަވައިފަ އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގެ އޮފިޝަލަކު ވިދާޅުވީ މިފަދަ ހާއްސަ ދުވަހެއް، އޯޓިޒަމް ކުދިންނާއެކު ހޭދަކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވި އެވެ.
މިއަދުގެ ހަފުލާގެ ތެރޭގައިި އޯޓިސްޓިކް ކުދިން ވަނީ އެ ކުދިންގެ ހުނަރު ދައްކުވައިދޭނެ ތަފާތު މަންޒަރުތައް ކުރަހައިފަ އެވެ.