ޓީވީއެމުން ގެނެސް ދިން މޯލްޑިވިއަން އައިޑޮލް، ތަސްނީމް އަހުމަދު (ބޮބް) މިރޭ ކާމިޔާބުކޮށްފި އެވެ.
މޯލްޑިވިއަން އައިޑޮލްގެ ޝަރަފު ބޮބް ހޯދީ ފިނާލޭގައި ހަމޫދު އަހުމަދާއި ޝަމްވީލް މުހައްމަދު (ބަރޯ) އާ ވާދަކޮށްގެންނެވެ. ދެވަނަ އަށް ދިޔައީ ހަމޫދެވެ.
ކ. މާފުއްޓަށް އުފަން 21 އަހަރުގެ ލަވަކިޔުންތެރިޔާ އަށް މޯލްޑިވިއަން އައިޑޮލް ޓްރޮފީ ހަވާލުކޮށް ދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.
އައިޑޮލް ކާމިޔާބުކުރުމުން 250،000ރ. ގެ ފައިސާގެ އިނާމު ބޮބްއާ ހަވާލުކޮށް ދެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ހަލީލެވެ.
ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ސްޕޮންސަކޮށްފައިވާ މޯލްޑިވިއަން އައިޑޮލްގެ ގަދަ ތިން ބައިވެރިންނަށް ވަނީ ޖުމްލަ 5.8 މިލިއަން ރުފިޔާގެ އިނާމް ލިބިފަ އެވެ.
އެކަމަކު މިރޭ ޝޯގެ ފޯރި ގަދައެއް ނޫނެވެ. ޝޯ ފެށީ އަންހެން ހޯސްޓް އަދި ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް ކޮޕީ ރާގުތަކަށް ގެނެސް ދިން މެޑްލީއަކާ އެކުގަ އެވެ. އޭގައި ފިރިހެން ހޯސްޓް މޫސާ ވަސީމް ވެސް ކޮންމެވެސް ވަރަކަށް ބައިވެރިވި އެވެ.
މީގެ އިތުރުން ފިނާލޭ އިން އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ މިދިޔަ އަހަރު އަވަހާރަވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު ނާޝިދު (ޒީރޯ ޑިގްރީ ނާޝިދު) އަށް ތިން ޓްރިބިއުޓެވެ.
ފިނާލޭގައި މިދިޔަ އަހަރު އައިޑޮލްގެ ގަދަ ތިން ތިން ލަވަކިޔުންތެރިން ވެސް ލަވަ ހުށަހަޅައިދިނެވެ.