ގެއްލުނު ކޮޅުވެއްޓިން ދަތުރު ކުރީ ވިލުފުށީގެ ދެމަފިރިން، އެ މީހުންގެ މަންޒިލަކީ ވެސް އެ ރަށް

ޗުއްޓީއަކަށް މާލެ އައިސް ހުރި ޒުލޭހާ އުސްމާން، އޭނާގެ ފިރިމީހާ ކައްޕިކަން ކުރާ ކޮޅުވެއްޓިއަށް އެރީ އެ އުޅަނދު ލ. އަތޮޅަށް ކުރާ ދަތުރުގައި އުފަން ރަށް، ތ. ވިލުފުއްޓަށް ދިއުމަށެވެ.


ފިރިމީހާއާ އެކު މީގެ ކުރިން ވެސް އޭނާ އެ އުޅަނދުގައި ދަތުރު ކުރެ އެވެ. އެކަމަކު ޖުމްލަ ހަ މީހުންނާ އެކު މިދިޔަ އަންގާރަދުވަހު ތުލުސްދޫން ފުރި ފަހުން އޭގެ ހަބަރެއް ނުވެގެން ސިފައިން ވަނީ ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

މިދިޔަ އަންގާރަ ދުވަހު ތުލުސްދޫން ފުރި ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޯކުގެ "މާރިޔާ-3"ގެ ކައްޕިއަކީ ޒުލޭހާގެ ފިރިމީހާ އާދަމް ނައީމެވެ. ބަނދަރު ހެދުމުގެ ސާމާނު ހިފައިގެން ތުލުސްދުއަށް ގޮސް، އެ ރަށުން އެ ކޮޅުވެއްޓި ފުރީ އަންގާރަ ދުވަހު ހަވީރު، ހަމަ އެފަދަ ސާމާނުތަކެއް ހިފައިގެން ލ. ގަމު ތުނޑީ އަވަށަށް ދިޔުމަށެވެ.

"އެހެން އުޅެލާފައި އާދަނާ އެކު ޒުލޭހާ ކޮޅުވެއްޓީގައި ދަތުރުތައް ކުރާނެ. ބައެއް ފަހަރަށް ލ. އަތޮޅަށް ވެސް ދާނެ،" ވިލިފުށިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

"އެކަމަކު މި ފަހަރު އޭނާ އެއަށް އެރީ ލާމަށް ދާއިރު ވިލިފުއްޓަށް ފައިބަން ވެގެން."

ހަތަރު އަންހެން ކުދިން ތިބޭ އެ ދެމަފިރިންގެ ދަރިއަކު ލ. ފޮނަދޫގައި ވެސް ދިރިއުޅެ އެވެ. ހުރިހާ ދަރިން ވެސް އުޅެނީ ކައިވެނިކޮށްގެންނެވެ.

މޭ 16، 2017 ގައި ތުލުސްދޫން ފުރި ގޮތަށް ގެއްލިގެން ހޯދަމުން ދާ ސްރީ ލަންކާގެ ސެނޮކް ކުންފުނީގެ ކޮޅުވެއްޓި "މާރިޔާ 3" ރާއްޖޭގެ ބަނދަރެއްގައި

ވިލުފުށިން ވާހަކަ ދެއްކި މީހާ ބުނީ ކޮޅުވެއްޓި ފުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވިލުފުށީގެ މީހަކަށް ގުޅާފައި ރަށަށް ދާ ވާހަކަ އާދަނު ބުނި ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ މީހުންގެ ހަބަރެއް ނުވެ އެވެ.

"އޭނާގެ ކުއްޖަކު އިއްޔެ މިގެއަށް އައިސް ބުނި މަންމަ އާއި ބައްޕަގެ ފޯނު ވެސް އޮތީ ނިއްވާލާފައި ކަމަށް. އަދި އެ އުޅަނދު އޭރު ހޯދަން ފަށައިފި ކަމަށް ވެސް ބުނި،" އޭނާ ބުންޏެވެ.

އުމުރުން 50 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ ދެމަފިރިންނާ އެކު ކޮޅުވެއްޓި ފުރި އިރު މޫސުމް ވަރަށް ގޯހެވެ.

އެންމެ ފަހުން އެ އުޅަނދުގެ ހަބަރެއް ވީ އަންގާރަ ދުވަހުގެ ރޭ 9:30 ހާއިރު އެވެ. އެކަމަކު ކޮޅުވެއްޓި ގެއްލިގެން އުޅޭކަން އެމްއެންޑީއެފަށް ސެނޯކްގެ ފަރާތުން ރިޕޯޓްކުރީ އިއްޔެ ހަވީރު އެވެ. އޭރު މާރިޔާ-3 ގެ ހަބަރެއް ނުވާތާ ދެ ދުވަސް ވަނީ އެވެ.

ތުލުސްދު އާއި ގަމު ތުނޑީ އަވަށުގެ ބަނދަރު ހެދުމުގެ މަސައްކަތްކުރަނީ ސެނޯކުންނެވެ. އެ މަސައްކަތަށް ބޭނުންވާ ސާމާނު އުފުލަނީ މާރިޔާ-3 ގަ އެވެ.

ތުލުސްދޫން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަންގާރަދުވަހު ހަވީރު 3:30 ނުވަތަ ހަތަރެއް ޖަހާކަންހާ އިރު އެ ރަށުން ކޮޅުވެއްޓި ފުރީ ބަނދަރަށް ބޭނުންވާ ސިމެންތި ޕައިލްސްތަކެއް ހުސްކޮށްފަ އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ޓީއެމްއޭގެ މަތިންދާބޯޓެއް ވެސް ބޭނުންކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ސިފައިންގެ ހެލިކޮޕްޓަރާއި ހުރަވީ މަނަވަރާއި ކޯސްޓް ގާޑުގެ އެހެން އުޅަނދުފަހަރުން ވެސް ރާއްޖޭގެ އެކި ސަރަހައްދު ބެލުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.