ނަގޫރޯޅީގައި ލިބުނު ގެއްލުމުގެ މަރާމާތަށް އަމިއްލަ އަށް އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ: ޝާޑް

މިދިޔަ ބުދަދުވަހުގެ ރޭ އައްޑޫ ހިތަދު އަށް އެރި ނަގޫރޯޅީގައި ގޭގެ އަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށް އަމިއްލަ ގޮތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހޭނެ ކަމަށާއި އެކަންކަން ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް، މި ހާދިސާއާ ގުޅިގެން ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އައްޑު އަށް ފޮނުއްވި ވަފުދުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑް) މިރޭ ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ ނަގޫރޯޅި އަރައި ހިތަދޫގެ 29 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންތައް ލިބުނުއިރު، އެންމެ ބޮޑަށް ގެއްލުންވި 12 ގެއެއްގެ ފުރާޅު މަރާމާތު ކުރުން ވަރަށް ބާރަށް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ.

"އޭގެ ތެރެއިން ވެސް އެއްކޮށް ފުރާޅު އެއްލާލައި އެންމެ ބޮޑަށް ގެއްލުން ލިބުނު 9 ގެއަކަށް އިސްކަން ދީގެން މަރާމާތު ކުރުން ކުރިއަށް މި ގެންދަނީ. އިއްޔެ ފެށި މަސައްކަތުން މިހާތަނަށް ޖުމްލަ ހަތަރު ގެއެއްގެ ފުރާޅު ވަނީ މަރާމާތު ކުރެވިފައި،" ޝާޑް ވިދާޅުވި އެވެ.

"ދެން ހުރި ގެތަކުގެ މަސައްކަތް ވެސް ހަމަ ވަރަށް ބާރު ސްޕީޑްގައި ކުރިއަށް އެބަދޭ."

ނަގޫރޯޅީގައި ފުރާޅު އެއްލާލި ގެއެއްގެ ފުރާޅު މަރާމާތު ކުރަނީ. ފޮޓޯ: ކިޔުންތެރިއެއް.

އޭނާ ވިދާޅުވީ މާރާތުތައް ކުރާއިރު، ގެއްލުން ލިބުނު ގެތަކުގެ އާއިލާތަކުން އަމިއްލަ ގޮތުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި ރައްޔިތުން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތް ކަމަށެވެ.

"އެސްޓީއޯ އިން ލަކުޑި އާއި ޓިނާއި ސިމެންތި ނަގައިގެން މި މަސައްކަޔް ކުރިއަށް މިދަނީ. އެހެންވީމާ ގޭގެ އެއްވެސް މަރާމާތަށް އަމިއްލަ ގޮތުން އާއިލާތަކުން އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ،" ޝާޑް ވިދާޅުވި އެވެ.

ނަގޫރޯޅީގައި ގެއްލުންވި ގެއެއްގެ މަރާމާތަށް ޓިނު ބާލަނީ. ފޮޓޯ: ކިޔުންތެރިއެއް.

އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ގެއްލުން ލިބުނު ހުރިހާ ގެއެއްގެ އާންމު ހާލަތު ވީހާ ވެސް އަވަހަކަށް ރުޖޫއު ކުރުމެވެ.

"މި މަސައްކަތުގައި އެކި މުއައްސަސާތައް އެކުލެވޭ ގޮތަށް އަށްޑިހަ ވަރަކަށް މީހުންގެ ޓީމެއް އެބަ އޮތް އަމަލީ ގޮތުން މަސައްކަތް ކުރަން. ގްރޫޕްތަކަކަށް ބަހާލައިގެން ވަރަށް ހަލުވިކޮށް މަސައްކަތް ކުރިއަށް މި ދަނީ،" ޝާޑް ވިދާޅުވި އެވެ.

"ރޯދައިގެ ކުރިން ހުރިހާ މަރާމާތެއްކޮށް ނިންމައި، ގެއްލުންވި އާއިލާތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑު."

ނަގޫރޯޅީގައި ލިބުނު ގެއްލުންތަކަށް ސަރުކާރުން އެހީ ދޭނެ ކަމަށް އިއުލާންކޮށްފައިވާއިރު، ޝާޑް ވިދާޅުވީ ގެތަކުގެ ހިފައިގެންގުޅޭ ސާމާނާއި އެ ނޫން ވެސް ތަކެއްޗަށް ލިބުނު ގެއްލުންތައް ލިސްޓް ކުރަމުން އަންނަ ކަމަށެވެ.

ރައީސްގެ ވަފުދުގައި ހިމެނޭ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އައްޑޫ މޭޔަރު ސޯބެއާ ވާހަކަ ދައްކަވަނީ.

"އައްޑޫ ސިޓީ ކައުންސިލް މަދުވެރިކޮށް ލިސްޓް ނެގުން ވެސް އެބަ ކުރިއަށްދޭ. އެހެންވީމާ ލިބުނު ހުރިހާ ގެއްލުމަކަށް ސަރުކާރުން އެހީ ދޭނެ،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ގެއްލުންތަކަށް އެހީ ދޭނެ ގޮތެއް މި ވަގުތު ދަންނަވަން ދަތި ކަމަށް ޝާޑް ވިދާޅުވި އެވެ.

"އެކަން ނިންމަވާނީ ރައީސް. ލިބުނު ހުރިހާ ތަފުސީލްތަކެއް ރައީސަށް އަޅުގަނޑުމެން ރިޕޯޓް ކުރާނަން." އޭނާ ވިދާޅުވި އެވެ.