ގއ. ގެމަނަފުށީ އުތުރު ފަރާތުގައި ކުރިން ވެސް އޮތީ ގުދުރަތީ ރީތި ބީޗެކެވެ. އެކަމަކު އެ ބީޗުގެ ބޭނުން ނުހިފާތީ، އާ ކޮންސެޕްޓަކަށް އެތަން ބަދަލުކޮށްލުމަކީ ރަށުގެ ޒުވާނުންގެ ވިސްނުމެކެވެ. އެތަން ތަރައްގީކޮށް ނިމުނު އިރު އެއީ އެ ރަށުގެ އެންމެ ހިތްގައިމު މާހައުލެވެ. ކުދިބޮޑު އެންމެން މިހާރު ދަނީ އެތަނުން ހިތްހަމަޖެހުން ހޯދަމުންނެވެ.

ގެމަނަފުށީ ބީޗު ތަރައްގީ ކުރުމުގައި އިސްކޮށް އުޅުނު ޒުވާނުންގެ ފަރާތުން ވާހަކަ ދެއްކި މުހައްމަދު ޖާވިދު ބުނީ މިދިޔަ އަހަރު ފަހުކޮޅު މަސައްކަތް ފެށި ބީޗުގެ ފުރަތަމަ ފިޔަވަހި މިހާރު ނިންމާލާފައިވާ ކަމަށެވެ. ކުރިން، ބޯކޮށް ވިނަ ހެދިފައިވާ ބީޗުގައި މިހާރު ވަނީ މޫދަށް އެރޭ ސަރަހައްދު ވަކިކޮށް، ޖޯލިފަތިތައް ބަހައްޓައިފަ އެވެ. އަދި އަތްވާއި ވާރެ އިން ހިޔާވާން ބީޗުގައި ކުޑަތައް ޖެހުމުގެ އިތުރުން ހަޓެއް ވެސް ވަނީ ހަދައިފަ އެވެ.

"މުޅި ބީޗު އެއްކޮށް ސާފުކޮށް މިހާރު އޮންނާނީ މޫދަށް އެރޭ ސަރަހައްދު ވަކިކޮށްފައި. ބީޗު ސަރަހައްދު ވެސް ވަކިވާ ގޮތަށް ފެންސް ޖަހާފައި އޮންނާނީ،" ޖާވިދު ބުންޏެވެ.

ގެމަނަފުށީ އުތުރު ފަރާތު ބީޗު: ބައި ލައްކައެއްހާ ރުފިޔާ ހޭދަކޮށްގެން މިތަން ތަރައްގީކުރީ ރަށުގެ ޒުވާނުން. --ފޮޓޯ: މުހައްމަދު ޖާވިދު
ގެމަނަފުށީ އުތުރު ފަރާތު ބީޗު: ބައި ލައްކައެއްހާ ރުފިޔާ ހޭދަކޮށްގެން މިތަން ތަރައްގީކުރީ ރަށުގެ ޒުވާނުން. --ފޮޓޯ: މުހައްމަދު ޖާވިދު

އެ ބީޗަށް ނަން ދީފައި ވަނީ ބީޗު ކުރިމަތިން ތަރައްގީކުރަމުން އަންނަ ރިސޯޓެއް ކަމަށްވާ "މާރެހާވިއު" ގެ ނަމުންނެވެ. ބީޗުގެ ހިތްގައިމުކަން ދެ ގުނަ ކޮށްދެނީ، ޖާވިދު ބުނިގޮތުގައި، އެ ރިސޯޓުގެ ރީތިކަމާ އެކުގަ އެވެ.

ގެމަނަފުށީ ބީޗް: އެތަނުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. --ފޮޓޯ: މުހައްމަދު ޖާވިދު
ގެމަނަފުށީ ބީޗް: އެތަނުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. --ފޮޓޯ: މުހައްމަދު ޖާވިދު

މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނުގެ އެހީއާ އެކު ތަރައްގީކުރި ބީޗުގެ މަސައްކަތް މުޅިން އަދި ނުނިމެ އެވެ. ދެ ވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ އެވެ. އެ ބީޗު ތަރައްގީކޮށް ނިމޭއިރު މާލޭ ހުޅަނގު ފަރާތުގައި ހެދި ރަސްފަންނަށް ވުރެ މާ ރީތިވާނެ ކަމުގެ ޔަގީންކަން އެ މަސައްކަތުގައި އުޅޭ ޒުވާނުން ދެ އެވެ.

ގެމަނަފުށީ ބީޗުގައި ޒުވާނުންތަކެއް މަޑުކޮށްލައިގެން. --ފޮޓޯ: މުހައްމަދު ޖާވިދު
ގެމަނަފުށީ ބީޗުގައި ޒުވާނުންތަކެއް މަޑުކޮށްލައިގެން. --ފޮޓޯ: މުހައްމަދު ޖާވިދު

"ރަސްފަންނުގައި ހުރި ގޮތަށް މޫދަށް އެރިލާފައި ފެންވަރާލެވޭ ގޮތަށް ހަދާނަން. އަޅުގަނޑުމެން ފެންމާގަނޑު ހަރުކުރާނީ ރުއްތަކުގައި. އެއީ ވީހާވެސް ބޮޑަށް ގުދުރަތީ ރީތި ކަން ދަމަހައްޓަން،" ޖާވިދު ބުންޏެވެ.

"މިތަން އެއްކޮށް ނިމޭއިރު ރަސްފަންނަށް ވުރެ މާ ރީތި ވާނެ."

ގެމަނަފުށީ ބީޗު.
ގެމަނަފުށީ ބީޗު.

މޫދުގައި މަސް ފެންގަނޑެއް ހެދުމުގެ އިތުރުން ރީތި ޖެޓީއެއް ވެސް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ޖާވިދު ބުންޏެވެ.

އޭނާ ބުނީ ޑިސެމްބަރު 10 ގައި މަސްވެރިންގެ ދުވަސް ފާހަގަކުރާއިރު، އެ ބީޗު އެއްކޮށް ނިންމައި، އެހެން ރަށްރަށުގެ މީހުންނަށް ވެސް ހުޅުވާލާނެ ކަމަށެވެ. އެތަނަށް ދާ ކޮންމެ މީހަކު ވެސް ބީޗު ސެލްޕީއެއް ނަގާ ވަރަށް ތަން ރީތިކުރުމަކީ ޒުވާނުންގެ އުއްމީދު ކަމަށް ވެސް ޖާވިދު ބުންޏެވެ.