އިސްލާމިކް ބޭންކަށް ޑޮލަރު ޖަމާކުރި މައްސަލަ ރައީސް ހައްޔަރުކޮށްގެން ބަލައިދޭން އިއްތިހާދުން އެދެފި

މޯލްޑިވްސް އިސްލާމިކް ބޭންކްގައި އޮންނަ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރުގެ ޗެކެއް ޖަމާކުރި ކަމަށް ބުނާ މައްސަލަ، އެމަނިކުފާނު ހައްޔަރުކޮށްގެން ބަލައިދިނުމަށް އިދިކޮޅު އިއްތިހާދުން ރަސްމީކޮށް މިއަދު ފުލުހުންނަށް ހުށަހަޅައިފި އެވެ.


މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި އުފައްދާފައިވާ އިއްތިހާދުގެ ފަރާތުން އެ މައްސަލަ ހުށަހެޅުއްވީ ސްޕޯކްސްޕާސަން އަހުމަދު މަހުލޫފެވެ. މައްސަލަ ހުށަހެޅުމަށްފަހު ޝަހީދު ހުސެއިން އާދަމް ބިލްޑިން ކައިރީގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ ރައީސް ހައްޔަރުކޮށްގެން ބަލަންޖެހޭ ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށާއި އެކަންކަމުގައި ހަގީގަތް ހޯދައިދޭން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. އޭގެ ތެރެއިން މިއަދު ހުށަހެޅީ އެންމެ މަައްސަލައެކެވެ.

"އެކަމާ ގުޅިގެން [އެމްއައިބީ އަށް ޗެކް ޖަމާކުރި މައްސަލައަށް] އަށް މިހާތަނަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވޭ. އަދި ގިނަ އަދަދެއްގެ ފައިސާ އެކައުންޓަށް ޖަމާވުމަކީ ރައީސް މަނީ ލޯންޑަރިންގެ ހަރަކާތެއްގައި ނުވަތަ ގާނޫނުލް އުގޫބާތުގެ 721 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވައްކަން ކޮށްގެން ހޯދާ ފައިސާ ބޭނުންކުރުމާ ބެހޭ ކުށެއް ކުރުން. ނުވަތަ ކުށެއް ކުރަން އުޅުން ކަމަށް ވާތީ އަޅުގަނޑުމެން މައްސަލަ ހުށަހެޅީ،" މަހުލޫފު ވިދާޅުވި އެވެ.

މަހުލޫފު ވިދާޅުވީ އެމްއެމްއޭގެ އިންޓެލިޖެންސް ޔުނިޓަށް އެފަދަ ރިޕޯޓުތަކެއް ބޭންކުން ހުށަހެޅުމުން، ގަވަރުނަރު އަޒީމާ އާދަމް އެ މައްސަލަ ރައީސާ ހަމައަށް ގެންދެވި ކަމަށެވެ. ޖަވާބެއްގެ ގޮތުން ރައީސް އަދި އެމަނިކުފާނާ ގާތް ބޭފުޅުންގެ އެފަދަ މައްސަލަތަކާ އަޅާނުލެއްވުމަށް ރައީސް ވިދާޅުވި ކަމަށާއި އެކަމުގެ ހެކި އިއްތިހާދަށް ލިބިފައިވާކަން މަހުލޫފު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ގަވަރުނަރު އަޒީމާ އަށް ގުޅުއްވައި ވަކި ގޮތްތަކަކަށް އަމަލުކުރަން ރައީސް އެންގެވުމަކީ އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ކުރައްވާފައިވާ ކަމެއް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ވެސް ބަލަން ހުށަހަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.