ފުވައްމުލަކު ކައުންސިލްތަކުގައި ތިބި ގިނަ ބައެއްގެ ވަޒީފާއާ މެދު ސުވާލު އުފެދިއްޖެ

ފުވައްމުލަކުގެ އަވަށު ކައުންސިލް އިދާރާތައް އުވާލައި ސިޓީ ކައުންސިލެއް އުފެއްދުމާ ގުޅިގެން ގާތްގަނޑަކަށް 75 މީހުންގެ ވަޒީފާއާ މެދު ސުވާލު އުފެއްދިއްޖެ އެވެ.


ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އަވަށު ކައުންސިލްތައް އުވާލުމުން އެތަނުގައި ތިބި މުވައްޒަފުން ވަގުތީގޮތުން ސޮއިކުރެވޭނެ ގޮތް ހަމަޖައްސަން ސިޓީ ކައުންސިލް އިދާރާއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ވަޒީފާ އަލުން ދޭނީ ކިތައް މީހުންނަށް ކަން އަދި ނުނިމޭ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމާފައި ވަނީ ގާނޫނާ އެއްގޮތަށް އުފެއްދެވި އިދާރާތަކަށް މުވައްޒަފުން ބަދަލުކުރަން. ނަމަވެސް އޭގެ ތެރެއިން ބަދަލުކުރަނީ ކިތައް މީހުން ކަމެއް އަދި ނުނިމޭ. އަދި އެއްވެސް މުވައްޒަފަކަށް ނޯޓިސްއެއް ވެސް ނުދެން،" އޭނާ ވިދާޅުވި އެވެ.

އެ އޮފިޝަލް ވިދާޅުވީ އެ ރަށުގައި އަލަށް އުފެއްދި ސިޓީ ކައުންސިލް އިދާރާއަށާއި ސަރުކާރުގެ އެހެން އިދާރާތަކުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި އެ އިދާރާތަކަށް ނަގާނެ މުވައްޒަފުން ކަނޑައަޅާނީ އެ އޮނިގަނޑު އެކުލަވާލައި ނިމުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ ބައެއްގެ ވަޒީފާ ގެއްލިގެންނުދާނެ. ނަމަވެސް މި ވަގުތު ދަންނަވަން ދަތި ކިތައް މީހުން ކަން އެ އިދާރާތަކަށް ނަގާނީ،" އެ އޮފިޝަލް ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އާ ދައުރަކަށް އިންތިހާބު ކުރިއިރު އެ ރަށުގައި އޮންނަނީ ތިން ދާއިރާއިން އިންތިހާބުކުރާ ތިން ކައުންސިލަރުން ހިމެނޭ ސިޓީ ކައުންސިލެކެވެ. އެހެންވެ އެ ރަށުގެ އަށް އަވަށުގައި އުފައްދާފައިވާ އަށް ކައުންސިލް އިދާރާ ވަނީ އުވާލައިފަ އެވެ. ފުވައްމުލަކު އަށް އަވަށު ކައުންސިލް އިދާރާގައި ކައުންސިލަރުން ނުހިމަނައި 75 ސިވިލް ސާވިސް މުވައްޒަފުން މަސައްކަތްކުރެ އެވެ. ސިޓީ ކައުންސިލް އިންތިހާބާ ގުޅިގެން އެ ރަށުގެ އަށް އަވަށުން އިންތިހާބުކޮށްފައިވާ 24 ކައުންސިލަރުންގެ މަގާމު ވެސް ވަނީ އުވިގެން ގޮސްފަ އެވެ.

ފުވައްމުލަކު ސިޓީގެ މޭޔަރު ފަލާހު ޝަރީފް "މިހާރު"އާ ވާހަކަދައްކަވަމުން މިއަދު ވިދާޅުވީ ކުރީގެ ކައުންސިލް އިދާރާތަކުގައި މަސައްކަތްކުރި މުވައްޒަފުންނާ މެދު އަމަލުކުރާނެ ގޮތެއް އަންގާފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން މިގެންދަނީ މި އިދާރާގެ މަސައްކަތްތައް ކުރިޔަށް ގެންދާނެ ގޮތުގެ އޮނިގަނޑު އެކުލަވާލަމުން. މި ރަށުގައި ސަރުކާރުގެ އެހެން އިދާރާތަކެއް ވެސް އެބަހުރި އުފައްދާފައި. އެތަން ތަނަށް ގެންދިޔައީ ކޮން ބައެއް ކަމެއް އަދި ނޭނގެ،" ފަލާހު ވިދާޅުވި އެވެ.

އަށް އަވަށުގެ މައްޗަށް އެކުލެވިގެންވާ ރަށުގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ދަޑިމަގު ކައުންސިލް އިދާރާގަ އެވެ. އެތަނުގައި 11 މުވައްޒަފުން މަސައްކަތްކުރާއިރު ހޯދަޑު އަދި މާދަޑު ކައުންސިލް އިދާރާގައި ދިހަ މުވައްޒަފުން އަދި ދިގުވާނޑު، ދޫނޑިގަން، ފުނާޑު، މިސްކިތްމަގު ކައުންސިލް އިދާރާގައި ނުވަ މުވައްޒަފުން މަސައްކަތްކުރެ އެވެ. އޭގެ އިތުރުން މާލެގަން ކައުންސިލްގައި އަށް މުވައްޒަފުން މަސައްކަތްކުރެ އެވެ.

ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއް ކަމުގައި ރައީސް އަބްދުﷲ ޔާމީން ކަނޑައެޅުއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ ވެސް މިހާރު ވަނީ ރައީސްގެ ގަރާރަކުން އުފައްދަވައިފަ އެވެ.

ފުވައްމުލަކަށް ސިޓީއެއް ދަރަޖަ ދިންއިރު ސިޓީއެއްގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވެފައެއް ނެތެވެ. އެ ރަށުގެ ބައެއް މީހުން ދެކޭ ގޮތުގައި އެއީ ނަމުގައި ހެދި ސިޓީ އެކެވެ.