ބޮޑު ދެ ބަދަލަކާ އެކީ މަޓާޓޯއިން މި އަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ލޯންޗް ކޮށްފިއެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ އިނާމުތަކަށް މަޓާޓޯއިން އިތުރު ދެ ދާއިރާއެއް ވަނީ ހިމަނާފަ އެވެ. އެއީ "ޕީޕަލް އެޑިޝަން" އަދި "ގެސްޓްހައުސް އެޑިޝަން" އެވެ. މި ދެ ދައިރާއާއި އެކު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ދޭ އިނާމުތަކުގެ އަދަދު 55 އަށް ވަނީ އިތުރުވެފަ އެވެ.
"ޕީޕަލް އެޑިޝަން"ގެ އިނާމު ދެނީ ސިނާއަތަށް އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތައް ދީފައިވާ ފަންނުވެރިންނަށެވެ. މި އިނާމުން އެކި ރޮނގު ރޮނގުން އެ ސިނާއަތަށް ކުރިއެރުން ހޯދައި ދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރެވޭނެ އެވެ. "ޕީޕަލް އެޑިޝަން" އިނާމުތައް ދޭ ހަފްލާ ބާއްވަން ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުވަހު އަދާރަން ހުދުރަންފުށީގަ އެވެ.
"ގެސްޓްހައުސް އެޑިޝަން"ގެ ދަށުން އެންމެ ފާހަގަކޮށްލެވޭ ގެސްޓްހައުސްތަކަށް އިނާމު ދޭނެ އެވެ. މަޓާޓޯއިން ބުނި ގޮތުގައި ގެސްޓްހައުސްގެ ވިޔަފާރި ރާއްޖޭގައި ފުޅާ ވެގެން ދިޔުމުން ދެމެހެއްޓެނިވި ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ވަނީ އައިސްފަ އެވެ. އަދި ގެސްޓްހައުސް ވިޔަފާރިއާ އެކީ ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވި ކަމަށް ވެސް ބުންޏެވެ.
ހުޅުލޭ އައިލަންޑް ހޮޓެލްގައި މިއަހަރުގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް ލޯންޗް ކުރަން ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން މަޓާޓޯގެ ރައީސް އަބްދުﷲ ގިއާސް ވިދާޅުވީ އިތުރު ދެ ދާއިރާއިން އިނާމު ދޭން ނިންމީ ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީ ވަމުން އަންނަ ނިސްބަތަށް ބަލައިފަ އެވެ.
"2012 ވަނަ އަހަރު މި އެވޯޑްސް ތައާރަފް ކުރީއްސުރެ ކޮންމެ އަހަރަކުވެސް ސިނާއަތަށް ކުރިއެރުންތައް އަންނަ ކަން ފާހަގަކުރެވޭ. މިދިޔަ އަހަރަކީ ރެކޯޑް އަދަދަކަށް އިނާމުތައް ދެވުނު އަހަރެއް. ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ސިނާއަތް ކުރިއަރާ ފުޅާވަމުން ދާ ވަރަކަށް، އެކަން ކަމަށް އެއްބާރުލުން ދިނުމަށް މަޓާޓޯގެ އިނާމު ކެޓަގަރީތައް އަބަދުވެސް ފުޅާ ކުރާނެ،" އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 އާއި ގުޅިގެން ހަތަރު އިވެންޓެއް މަޓާޓޯއިން ބާއްވާނެ އެވެ. އޭގެ ތެރޭ މޯލްޑިވްސް ޓްރެވަލް ކޮންފެރަންސްގެ ދެވަނަ އެޑިޝަނާ ނޮވެމްބަރު މަހު ބާއްވަން ރާވާފައިވާ އެވޯޑްސް ގާލާ ނައިޓް ހިމެނެ އެވެ. ގާލާ ނައިޓްގައި ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި އުޅޭ ރިސޯޓް، ހޮޓެލް، އެއާލައިން، އަދި ސަފާރީތަކަށް އިނާމުތައް ދޭނެ އެވެ.
މިއަހަރުގެ އެވޯޑްސްގެ ޕްލެޓިނަމް ޕާޓްނާއަށް ވިދިވިދިގެން ހަ ވަނަ އަހަރު ވެފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑެވެ. ގޯލްޑް ސްޕޮންސަރުންގެ ގޮތުގައި މަޓާޓޯ އާ އެކު ސޮއިކޮށްފައިވަނީ އެލިޔާ އިންވެސްޓްމަންޓްސް އާއި ދިރާގެވެ. މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ބްރޮޑްކާސްޓް ކުރުމުގެ އިންތިޒާމް ހަމަޖައްސާފައި ވަނީ ޕީއެސްއެމް އާ ގުޅިގެނެވެ.