އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ފުރަތަމަ ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.


އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ޒާހިދު އައްޔަން ކުރަން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 57 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. ޒާހިދު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ފަސް މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ފަސް މެމްބަރުން ތިއްބެވި އެވެ.

ޒާހިދުގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ވަނީ އޭނާ އަށް 88 ޕަސެންޓް ދީފަ އެވެ.

އެޗްއާރުސީއެމްގެ ފުރަތަމަ ދައުރުގައި އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ޒާހިދު ކުރެއްވި އެވެ. ޒާހިދު ވަނީ ސަރުކާރުގައި ފަސް އަހަރު ދުވަސްވަންދެން ހިދުމަތް ކުރައްވައިފަ އެވެ.

އެޗްއާރުސީއެމްގެ މެމްބަރަކަށް ޒާހިދު އައްޔަން ކުރައްވަން ރައީސް ޔާމީން ނިންމެވީ، އެ ކޮމިޝަންގެ ނައިބު ރައީސް ޝިިފާގު މުފީދު (ހިސްޓޯ) މިދިޔަ މަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝިފާގު މިހާރު ވަނީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ.

އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް އާމިނަތު އީނާސް އާއި މޫސާ އަލީ ކަލޭފާނާއި ނައިވީން އަބްދުﷲ އަދި އައިޝަތު އަފްރީން މުހައްމަދު އެވެ.

މީގެ އިތުރުން ދިވެހި ސަރުކާރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރާ ދެމެދު ޕްރޮމޯޝަން އެންޑް ރެސިޕްރޯކަލް ޕްރޮޓެކްޝަން އޮފް އިންވެސްޓްމަންޓްސްގައި ދިވެހި ސަރުކާރުން ސޮއި ކުރަން ފެންނަ ގައުމީ ސަލާމަތުގެ ކޮމެޓީގެ ނިންމުން 65 މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފަ އެވެ.