ރަހިމުގައި ފައިބްރޮއިޑް ހުންނަ އަންހެނުންނަށް އަލުން ދަރިމައިވުމަށް އެހީތެރިވެދޭ ފަރުވާއެއް ހޯދިފައިވާ ކަމަށް ޖާނަލް ރޭޑިއޮލޮޖީ އޮންލައިންގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ސައިންސްވެރިން ބުނެފި އެވެ. މިއީ މާބޮޑަށް ފަޅާނުލާ ކުޑަ ތަންކޮޅެއް ފަޅާލައިގެން ދެވޭ ފަރުވާއެކެވެ.
ޔޫޓެރީން ފައިބްރޮއިޑްސް އަކީ ރަހިމުގެ އެތެރެ ފަށަލައިގައި އުފެދޭ ފައިބާ އާއި މަސްލް ޓިޝޫ އެކުލެވޭ އާއްމުކޮށް ނުހުންނަ މަސްގުޅައެކެވެ. ދަރިމައިނުވުމާއި ބަލިވެ އިނަސް އިތުރު މައްސަލަތައް ގިނަ ފަހަރަށް ކުރިމަތިވަނީ މިކަމުގެ ސަބަބުންނެވެ.
މީގެ ކުރީގެ ދިރާސާތަކުން ހާމަވެފައިވާ ގޮތުގައި ޔޫޓެރީން ފައިބްރޮއިޑްސް ހުންނަ ކޮންމެ ހަތަރު އަންހެނަކުން އެކަކަށް ދަރިން ނުލިބުމާ ގުޅިފައިވާ މައްސަލަތައް ދިމާވެ އެވެ. އާއްމުކޮށް މިކަމަށް ދޭ ފަރުވާއަކީ މަޔޮމެކްޓަމީ ނުވަތަ ސާޖަރީ ހަދައިގެން ފައިބްރޮއިޑްސް ނެގުމެވެ.
ނަމަވެސް ހުރިހާ ފަހަރަކު މަޔޮމެކްޓަމީއެއް ނެހެދެ އެވެ. ނުވަތަ އޭގެން ކުރަންވާ ރަނގަޅު އަސަރުތަކެއް ނުކުރެ އެވެ. ނަތީޖާއަކަށް ވަނީ އިތުރު މައްސަލަތައް ކުރިމަތިވެ ބައެއް ހާލަތުގައި ރަހިމު ނަގަން ވެސް ޖެހޭ ކަމަށް މި ދިރާސާގެ ކޯ-އާތާ ޖާއޯ މާޓިންސް ޕިސްކޯ ވިދާޅުވި އެވެ. އޭނާއަކީ ޕޯޗްގަލްގެ ލިޒްބަންގެ ސެން ލުއި ހޮސްޕިޓަލުގެ ޑިޕާޓްމަންޓް އޮފް އިންޓަވެންޝަނަލް ރޭޑިއޮލޮޖީގައި މަސައްކަތް ކުރައްވާ ޑޮކްޓަރެކެވެ.
މިފަހަރުގެ ދިރާސާގައި ރިސާޗަރުން އީޖާދުކޮށްފައިވާ ފަރުވާއަކީ ޔޫޓެރީން ފައިބްރޮއިޑްސް އެމްބޮލައިޒޭޝަން (ޔޫއެފްއީ) އެވެ. މިއީ މާބޮޑަށް ފަޅާނުލާ ދޭ ފަރުވާ އެކެވެ. މި ފަރުވާ ދެނީ އެމްބޮލިކް އެޖެންޓެއް އިންޖެކްޝަނެއް ގޮތަށް ޖަހައިގެންނެވެ. ކުދި މިނާފުށްތަކެއް ބޭނުންކޮށްގެން އުފައްދާފައިވާ މި އެޖެންޓް ޔުޓެރީން އާޓްރީޒްތަކަށް ފޮނުވައިގެން ރަހިމަށާއި ފައިބްރޮއިޑްސް އަށް ލޭ ދަތުރުކުރާ ނާރު ބްލޮކް ކޮށްލަނީ އެވެ. މި ފަރުވާއިން ފައިބްރޮއިޑް މަރުވެ ރޫޖެހި ކުޑަވާން ފެށުމުން ރަހިމު މުޅިން ފަސޭހަވެ އެވެ. މަޔޮއެކްޓަމީ ނުވަތަ އިންވިޓްރޯ-ފާޓިލައިޒޭޝަން (އައިވީއެފް) ހަދާ ބަލި މީހުން އެކަން ކުރުމުގެ ކުރިން މި ފަރުވާ ދެވިދާނެ އެވެ.
މިއީ އެހާ ބޮޑަށް ނުފަޅާ ދޭ ފަރުވާއެއް ނަމަވެސް މެޑިކަލް ކޮމިއުނިޓީން އަދި މި ފަރުވާ ރަނގަޅަށް ބަލައެއް ނުގަނެ އެވެ. ސަބަބަކީ ސިމްޕްޓޮމެޓިކް ފައިބްރޮއިޑްސް ހުންނަ މީހުންނަށް މި ފަރުވާ ދިނުން އެންޑޮމެޓްރިއަމް ނުވަތަ ރަހިމުގެ އެތެރެ ދުއްޔަށާއި އޯވަރީތަކަށް އެކަށީގެންވާ ގޮތެއްގައި ލޭ ފޮނުވައިނުދީފާނެ ކަމަށް ބުނެފަ އެވެ.
މި އާ ދިރާސާގައި ޑރ. ޕިކްސޯ އާއި ޓީމުން ވަނީ ޔޫޓެރީން ފައިބްރޮއިޑްސް ހުރެ، ދަރިމައިނުވާ 359 އަންހެނަކު ކޮންވެންޝަަނަލް ނުވަތަ ޕާޓިޝިއަލް ޔޫއެފްއީ ހަދައިގެން ބަލިވެ އިނދެފައިވާ މިންވަރެވެ. ކޮންވެންޝަނަލް ޔޫއެފްއީގައި ޔޫޓެރީންގެ އާޓްރީޒް ބްރާންޗްތައް އެމްބޮލައިޒްޑް ކުރެ އެވެ. ނަމަވެސް ޕާޝިއަލް ޕްރޮސީޖާގައި ބޭނުންކުރަނީ ފައިބްރޮއިޑްސް އާ ގުޅިފައިވާ ހިމަ ނާރުތައް އެކަންޏެވެ. ބޮޑެތި ލޭނާރުތައް ބަހައްޓަނީ އެއްވެސް ކަމެއް ނުކޮށެވެ. ކޮންވެންޝަނަލް ޔޫއެފްއީގެ ހެދުމާ ގުޅުންހުރި ބަލިވެ ދަރިމައި ނުވެދާނެކަމުގެ ނުރައްކާ ޕާޝިއަލް ޔޫއެފްއީ އިން ކުޑަ ކުރެވެ އެވެ.
މި ޕްރޮސިޖަ ހެދުމަށްފަހު ހަ އަހަރު ވަންދެން ފޮލޯއަޕް ހެދިއިރު 359 މީހުންގެ ތެރެއިން 149 މީހުން ވަނީ އެއް ފަހަރު ނުވަތަ އެއަށް ވުރެ ގިނަ ފަހަރު ބަލިވެ އިނދެފަ އެވެ. މިއީ 41.5 ޕަސެންޓެވެ. އަދި މީގެ ތެރެއިން 131 މީހަކު ވަނީ ޖުމްލަ 150 ކުދިން ވިހާފަ އެވެ. ބަލިވެ އިނދެ ވިހޭ 85 ޕަސެންޓް މީހުން ވިހެއީ ފުރަތަމަ ފަހަރަށް ބަލިވެ އިނދެވެ.
ފައިބްރޮއިޑް ހުރެގެެން މައްސަލަތައް ދިމާވެފައިވާ މީހުންނަށް މި ޕްރޮސީޖާގެ ކްލިނިކަލީ ކާމިޔާބު ރޭޓް އުޅެނީ 79 ޕަސެންޓްގަ އެވެ. އިތުރު މައްސަލަތައް ދިމާވާ ރޭޓް އުޅެނީ ޕާޝިއަލް ޔޫއެފްއީގައި 14.6 ޕަސެންޓް އަދި ކޮންވެންޝަނަލް ޔޫއެފްއީ ގައި 23.1 ޕަސެންޓެވެ. މި ޕްރޮސީޖާ ވަނީ 28 މީހެއްގެ އަލުން ރިޕީޓްކުރަން ޖެހިފަ އެވެ. އެއީ އެމްއާރްއައި ހެދުމުން ފައިބްރޮއިޑް އަށް ރަނގަޅަށް ފަރުވާ ނުދެވި އިން ކަމަށް ދެއްކީމަ އެވެ. އަދި ދެ ވަނަ ފަހަރަށް މި ޕްރޮސީޖާ ހެދި މީހުންގެ ތެރެއިން 11 މީހުން އިސާހިތަކު ބަލިވެ އިނެވެ.