މީގެ އެތަކެއް އަހަރެއް ކުރިން ފެށިގެން ވެސް ރާއްޖޭގައި ކުރެވެމުން އައި އިސްލާހީ އެކި މަސައްކަތްތަކުގައި ވަރަށް ބޮޑެތި ރިސްކުތަކެއް ނަންގަވައިގެން މަސައްކަތްޕުޅު ކުރެއްވިއްޖެ ކަމަށާއި އެހެންވެ މިއަދު ބަޔަކު ދައްކާލާ ދޮންދަގަނޑަކުން އަދި ކޯޓުގައި ޖަހާލާ މުގުރަކުން އޭނާގެ އަޒުމް ގުޑުވައިނުލެވޭނެ ކަމަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

"1980 އިން ފެށިގެން އަޅުގަނޑު މި އަންނަނީ ސިޔާސީ ގޮތުން އިސްލާހީ މަސައްކަތްތައް އެ ވިސްނުން އޭރު އޮތް މިންވަރަކުން ކުރަމުން. އަޅުގަނޑަކީ އޭގެ ތެރެއިން ކޮން ވަނައެއްގައި ހިމެނޭ މީހަކުކަން އަޅުގަނޑަށް ނޭނގުނަސް، އެ މަސައްކަތުގައި އަޅުގަނޑަކީ ވަރަށް ބޮޑެތި ރިސްކުތަކެއް ނަގައިގެން މަސައްކަތް ކުރި މީހެއް،" ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މެމްބަރު ވިދާޅުވި އެވެ. "އެހެންވެ މިހާރު އެހެން ދައްކާލާ ދޮންދަގަނޑަކުން. އެހެން ޔުނީފޯމް އަޅައިގެން އަންނަ މީހެއްގެ ސަބަބުން، ކޯޓަކުން ޖަހާ މުގުރަކުން އަޅުގަނޑުގެ އަޒުމެއް ނުގުޑާނެ."

ގާސިމް ވިދާޅުވީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިވަން ކަމާ އެކު ސިޔާސީ ބަހުސްތައް ހުޅުވާލައްވައި، އޭގެ ފަހުން ސިޔާސީ ޕާޓީއެއް އުފެއްދުމުގައި ސޮއިކުރެއްވި މީހުންގެ ތެރޭގައި އޭނާ ހިމެނި ވަޑައިގެންނެވި ކަމަށެވެ. އަދި އެ ޕާޓީ އުފައްދަން ސޮއި ކުރި މީހުންގެ އަދަދަކީ 42 ކަން ގާސިމް ފާހަގަކުރެއްވި އެވެ.

ގާސިމް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ؛ ހުސެއިން ވަހީދު/ މިހާރު
ގާސިމް މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ -- ފޮޓޯ؛ ހުސެއިން ވަހީދު/ މިހާރު

"މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްކުރަން ހުށަހަޅާ އަދަދަކަށް ވެސް އެންމެ ފަހުން މި ހަމަޖެއްސި ބަދަލަކީ 42 މެމްބަރުންގެ ވޯޓު. އަޅުގަނޑަަކަށް ނޭނގެ ކިހިނެއް އައި އަދަދެއްކަން ވެސް އެއީ،" ގާސިމް ވިދާޅުވި އެވެ. "އެހެންވެ ޔަގީން ކުރައްވާ 42 އެއީ ރާއްޖެ އަށް ކަމިޔާބު އަދަދެއްކަން."

ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސް ވަކިކުރަން މިއަދު އިދިކޮޅު ފަރާތްތަކުން ހުށަހެޅި 45 މެމްބަރުންގެ އަދަދަކީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހަންމަދު އެ މަގާމަށް އައްޔަން ކުރަން ލިބުނު ވޯޓަށް ވުރެ ވެސް އެއް ވޯޓު އިތުރު އަދަދެއް ކަމަށެވެ.

"އެމަނިކުފާނަށް [މަސީހަށް] އެއްވެސް ހައިސިއްޔަތެއް ނެތް މިހާރު އެ ސީޓުގައި އިންނަވާކަށް،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބުނެވޭ އެއްޗަކުން ޖަލަށް ލައިފާނެ ކަމުގެ ބިރު އެބައޮތް ކަމަށާއި އެކަމަކު "އިރާދަކުރެއްވިއްޔާ އަޅުގަނޑު ދެނެއް ނުގެންދެވޭނެ" ކަމަށް ވިދާޅުވި އެވެ.

"ދެން ގެންދާނީ އެހެން މީހެއް،" އޭނާ ވިދާޅުވި އެވެ.