މަޖިލީހަކީ އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ، އެކަން ބަދަލުކުރާނަން: ޝާހިދު

ސަރުކާރުގެ މެޖޯރިޓީ މެމްބަރުންނާ އެކު ރައްޔިތުންގެ މަޖިލީހަކީ މި ގައުމުގައި އެންމެ ބޮޑު ޖަރީމާ ހިންގާ ފެކްޓަރީ ކަމަށާއި އެތަން މިހާރު ހިންގަމުންދާ ގޮތް އިދިކޮޅު ފަރާތްތަކުން ބަދަލުކުރާނެ ކަމަށް މަޖިލީހުގެ ކުރީގެ ރައީސް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ކުރިއަށް ގެންދާ ޖަލްސާގައި ޝާހިދު ވިދާޅުވީ ބަންދަށް ފަހު މަޖިލިސް މިއަދު ހުޅުވިއިރު ރައްޔިތުންގެ ހިތުގެ ވިންދުތައް ވަނީ އަވަސްވެފައި ކަމަށެވެ. އެކަން އެނގި ތިބެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު މިއަދު ހުށަހެޅީ ރައްޔިތުން އުއްމީދުކުރި ގޮތަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ރައްޔިތުންގެ އުއްމީދު ހަމަކުރީ 45 އިން، ހަގީގީ އަދަދު އަދި އޮތީ ކުރިއަށް، އެ އަދަދު ނެރެ ރައްޔިތުންނަށް ދައްކާނަން،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަނީ ގާނޫނުއަސާސީ އަށް ހުރުމަތްތެރިކޮށް ހިއްތަވާނެ ކަމަށް މާތް ﷲ ގަންދީ ހުވައެއްކޮށްގެންނެވެ. އެކަމަކު އެ ހުވަޔާ ޚިލާފަށް މެމްބަރުން މަސައްކަތް ކުރައްވަން މަޖުބޫރުވެވަޑައިގަތް ނަމަވެސް އެންމެ ފަހުން ކެތް ނުކުރެއްވުނު ކަމަށް ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ތިއްބެވި މެމްބަރުންތަކެއް އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތީ، އެހެންވެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތަކީ ވަރަށް ޝަރަފުވެރި ގޮނޑިއަކަށް ވި ނަމަވެސް އެ ގޮނޑީގެ ޝަރަފު ވެސް ވަނީ ގެއްލުވާލާފައި ކަމަށެވެ. ރައްޔިތުންގެ ތާއީދު ނެތުމުން މަސީހު އެ ގޮނޑިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި ސަރުކާރުން ދަނީ ރައްޔިތުންނަށް އަނިޔާވެރިވަމުންނެވެ. މެމްބަރުން މިހާރު ތިއްބެވީ އަނިޔާވެރިކަމަށް ބޯލަނބަން ތައްޔާރަށް ނޫން ކަމަށް ވިދާޅުވި އެވެ.

"އަނިޔާވެރިކަމަށް ދުވަހަކު ވެސް ކާމިޔާބެއް ނުލިބޭނެ،" ޝާހިދު ވިދާޅުވި އެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރުން މިހާރު ތިއްބެވީ "ފެތެމުންދާ އޮޑިއެއްގައި" ކަމަށާއި އެ އޮޑިން ފައިބައި އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަށް ޝާހިދު ގޮވާލެއްވި އެވެ.