އެމެރިކާގެ ސެލެބްރިޓީންގެ ތެރޭގައި ވެސް ރައީސް ޑޮނަލްޑް ޓްރަމްޕަށް ތާއީދު ކުރާ މީހުންނަށް، ވުރެ އޭނާ ދެކެ ރުޅި އަންނަ މީހުން ގިނަވާނެ އެވެ.
ހޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން މީގެ ކުރިން އެތައް ފަހަރަކު ޓްރަމްޕާއި އޭނާގެ ގެންގުޅޭ ސިޔާސަތުތަކާ ދޭތެރޭ ހިތްހަނުޖެހިގެން ވާހަކަ ދައްކައި، ފާޑު ކިޔައި މަލާމާތް ވެސްކޮށްފަ އެވެ.
ދާދި ފަހުން އެކްޓަރު ޖޮނީ ޑެޕް، ޓްރަމްޕާ ބެހޭ ގޮތުން ދެއްކި ވާހަކައަކުން އޭނާ ހޫނަށް ފެނަށް ވެސް ވެއްޓިގެން، ފަހުން ޖެހުނީ މައާފަށް ވެސް އެދޭށެވެ. ޑެޕް އޭރު ބުނީ އެކްޓަރެއްގެ އަތުން އެމެރިކާގެ ރައީސަކު އެންމެ ފަހުން އަވަހާރަކޮށްލެވުނީ ކޮން އިރަކުތޯ އެވެ؟
އޭނާގެ މި ވާހަކަތަކާ އެކު، ޓްރަމްޕްގެ ފޭނުން ކެކި އަރައި ގަނެ، މައާފަށް އެދުމަށް ގޮވި އެވެ.
މި ފަހަރު އަނެއްކާ ވެސް މިއޮތީ މަޝްހޫރު ބަތަލާއަކު، ޓްރަމްޕާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ. މިކަމާ ޓްރަމްޕްގެ ފޭނުން ގައިމު ވެސް މި ފަހަރު ވަރަށް ހިތްހަމަޖެހޭނެ އެވެ.
"މީން ގާލް" ބަތަލާ ލިންޒީ ލޯހަން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ޓްރަމްޕަށް ބުލީ ކުރުން ހުއްޓާލަން ޖެހޭ" ކަމަށެވެ.
"އެއީ އަހަރަމެންގެ ރައީސް. ބުލީ ކުރުން ހުއްޓާލައި އެ މަނިކުފާނަށް އިތުބާރު ކުރޭ،" ލިންޒީ، 31، ގެ ޓްވީޓްގައި ބުންޏެވެ. "އަހަންނަކީ އަމިއްލަ ހައިސިއްޔަތުން އަބަދު ވެސް ޓްރަމްޕަށް ތާއީދު ކުރާނެ މީހެއް."
އޭނާ ކުރި އެހެން ޓްވީޓެއްގައި އަދި ބުނީ "ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާއަކީ ވަރަށް ހިތްހެޔޮ ބޭފުޅުންތަކެއް" ކަމަށެވެ. އަދި ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް ހޮވީ ރައްޔިތުން ވޯޓް ދީގެން ކަމަށްވާތީ އެއަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް ބުންޏެވެ.