މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ބާއްވާ ޓްރެވަލް އެވޯޑް ޕްރޮމޯޓްކުރަން އިންޑިއާގެ ކުންފުންޏެއް ހަމަޖައްސައިފި އެވެ.
މަޓާޓޯއިން ބުނީ މިއީ، 2012 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ޓްރެވަލް އެވޯޑް ޕްރޮމޯޓްކުރުމުގެ މަސައްކަތަށް ބޭރުގެ ކުންފުންޏެއް ހަމަޖެއްސި ފުރަތަމަ ފަހަރު ކަމަށެވެ. އެ އެސޯސިއޭޝަނުން ހަމަޖައްސާފައި ވަނީ އިންޑިއާ "ތިންކް ސްޓްރޯބެރީ" ކިޔާ ކުންފުންޏެކެވެ.
ތިންކް ސްޓްރޯބެރީއަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް ޕީއާރު ކުންފުންޏެވެ. އެގޮތުން ޓޫރިޒަމް ޖޯޑަން އާއި ފެރާރީ ވޯލްޑާއި ރާއްޖޭގެ އެމްއެމްޕީއާރުސީ އާއި ޓައިވާން ޓޫރިޒަމް އާއި ޔަސް އައިލެންޑް ޕްރޮމޯޓްކުރުން ފަދަ ހަރަކާތްތައް ކުރިޔަށް ގެންދަނީ ވެސް އެ ކުންފުނިންނެވެ.
މަޓާޓޯ އިން ބުނީ އަންނަ ނޮވެމްބަރު މަހު ބާއްވާ ޓްރެވަލް އެވޯޑްގެ ހަފުލާއަށް އިންޑިއާގެ އެންމެ މަޝްހޫރު ލިޔުންތެރިންނާއި ޓްރެވަލް މީޑިއާތައް ގެނައުމަށް ތިންކް ސްޓްރޯބެރީގައި އެދިފައިވާނެ ކަމަށެވެ.
މި އަހަރުގެ ޓްރެވަލް އެވޯޑްގެ އިނާމުތަކަށް މަޓާޓޯއިން އިތުރު ދެ ދާއިރާއެއް ވަނީ ހިމަނާފަ އެވެ. އެއީ "ޕީޕަލް އެޑިޝަން" އަދި "ގެސްޓްހައުސް އެޑިޝަން" އެވެ. މި ދެ ދައިރާއާ އެކު މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 ގައި ދޭ އިނާމުތަކުގެ އަދަދު 55 އަށް ވަނީ އިތުރުވެފަ އެވެ.
މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2017 އާ ގުޅިގެން ހަތަރު އިވެންޓެއް މަޓާޓޯއިން ބާއްވާނެ އެވެ. އޭގެ ތެރޭގައި ނޮވެމްބަރު މަހު ބާއްވަން ރާވާފައިވާ މޯލްޑިވްސް ޓްރެވަލް ކޮންފެރަންސްގެ ދެވަނަ އެޑިޝަންގެ އެވޯޑްސް ގާލާ ނައިޓް ހިމެނެ އެވެ. ގާލާ ނައިޓްގައި ފަތުރުވެރިކަމުގެ އެންމެ ކުރީ ސަފުގައި އުޅޭ ރިސޯޓް، ހޮޓެލް، އެއާލައިން، އަދި ސަފާރީތަކަށް އިނާމުތައް ދޭނެ އެވެ.