ފިލްމް "ބޮސް" އިން ބޭނުން ވަނީ ބެލުންތެރިން ރޮއްވައިލަން ކަމަށާއި އެކަން ހާސިލް ވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ބުނެފި އެވެ.
އޭނާ މިހާރު ހަދަމުން އަންނަ ފިލްމް "ބޮސް" އަކީ ވަރަށް އަސަރު ގަދަ ހިތާމަވެރި ލޯބީގެ ހާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
ނަހުލާ މީގެ ކުރިން ވެސް ވަނީ ބެލުންތެރިންގެ ޖަޒުބާތުތަކާ ވަރަށް ބޮޑަށް ކުޅެލާ ކަހަލަ އަސަރު ގަދަ ހިތާމަވެރި ފިލްމްތަކެއް ބެލުންތެރިންނަށް ގެނެސް ދީފަ އެވެ. އޭގެ ތެރޭގައި ޔޫސުފް، ކަލާޔާ ނުލާ އަދި ޒުލޭހާ ފަދަ ފިލްމްތައް ހިމެނެ އެވެ.
ބަތަލާ އައިޝަތު ރިޝްމީއާ ހަވާލުކޮށްކޮށްގެން ޑައިރެކްޝަން ހަދާ "ބޮސް" އަކީ ހަމަ ސީދާ ބެލުންތެރިން ރޮއްވައިލުމުގެ ބޭނުމުގައި ހަދާ ފިލްމެއް ކަމަށް ނަހުލާ ބުންޏެވެ.
"އެހެންވެ ބުނެލަން އޮތީ ސިނަމާ އަށް މި ފަހަރު ވަންނަން ވާނީ ރޯން ތައްޔާރުވެގެންނޭ. ރޮއްވާލާފައި މި ފަހަރު އޯޑިއަންސް ނެރޭނީ،" ނަހުލާގެ ވާހަކައަކަށް ހަދާ "ބޮސް" އާ ބެހޭ ގޮތުން ބުންޏެވެ.
އެ ފިލްމުގެ ޝޫޓިން މިހާރު ގާތްގަނޑަކަށް ނިމިފައިވާ އިރު، ނަހުލާ ބުނީ ޝޫޓިން ތެރޭގައި ކާސްޓުންނާއި ކްރޫގެ މެމްބަރުންނަށް ވެސް "މަންޒަރުތައް ހިތާމަވެރިކަމުން ރޮވޭ" ކަމަށެވެ. އެހެންވެ ފިލްމުގައި ވަރަށް އަސަރު ހުންނާނެކަން އޭނާ ވަނީ ކަށަވަރުކޮށް ދީފަ އެވެ.
އަންނަ އޮކްޓޯބަރު މަހުގެ 24 ގައި ރިލީޒް ކުރާ "ބޮސް" ގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާން އާއި މަރިޔަމް އައްޒަ އެވެ. އަދި ފިލްމުގެ ކާސްޓުންގެ ތެރޭގައި އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ހިމެނެ އެވެ.
ނަހުލާ ބުނީ އަމިއްލަ ރާގުގެ ލަވަތައް ހިމެނޭ ފިލްމުގެ ފުރަތަމަ ޓީޒާ ކުރިއަށް އޮތް 10 ވަރަކަށް ދުވަހުގެ ތެރޭގައި އާންމުންނަށް ދައްކައިލާނެ ކަމަށެވެ.
"ބޮސް" އަކީ މިދިޔަ އަހަރު ނަހުލާގެ ކްރިސްޓަލް އެންޓަޓައިންމަންޓުން ގެނެސް ދިން ބިރުވެރި ފިލްމް "4426" އަށް ފަހު އެ ސްޓޫޑިއޯ އިން ގެނެސްދޭ ފުރަތަމަ ފިލްމެވެ.