މަންދު ކޮލެޖަށް ސަރުކާރުން ދޫކުރި ތިން މިލިއަން ރުފިޔާގެ ލޯނު ނުދެއްކުމުން އެ ފައިސާ އެއް އަހަރު ތެރޭގައި އަނބުރާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

މަންދު ކޮލެޖް ހިންގާ މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ތައުލީމީ ފަންޑުން 2010 ގައި ދޫކުރި ތިން މިލިއަން ރުފިޔާގެ ލޯނު ނުދެއްކުމުން އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ކޯޓުން އަމުރުކުރީ 3.1 މިލިއަން ރުފިޔާ އެއް އަހަރު ތެރޭގައި ދެއްކުމަށެވެ.

މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައްކަން ޖެހުނު 3.1 މިލިއަން ރުފިޔާއަކީ އިންޓްރެސްޓާއި ޖޫރިމަނާއާ އެކު ގޮތުގައި ޑިސެމްބަރު 2014ގެ ނިޔަލަށް އަރާފައިވާ އަދަދު ކަމަށް ކޯޓުގެ ހުކުމުގައިވެ އެވެ.

ތައުލީމީ ފަންޑަކީ ތައުލީމް ކުރިއަރުވަން ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ. އެކަމަކު އެ ފަންޑުން ދޫކުރާ ލޯނުތަކުގެ ފައިސާ އަނބުރާ ނުލިބި ހުރިކަން ކުރިން ވެސް ސަރުކާރުން އޮތީ ފާހަގަކޮށްފަ އެވެ.

މަންދު ކޮލެޖަށް ދޫކުރި ލޯނެއް އަނބުރާ ދައްކަން ކޯޓުން ހުކުމްކޮށްފައި ވާއިރު، އެ ކޮލެޖް ކުރިން ހިންގަމުން ދިޔަ ކުރީގެ އެމްއީއެސް އިމާރާތުން އެ ކޮލެޖް ބޭރުކުރި މައްސަލާގައި މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އެ މައްސަލަ މިހާރު ވެސް ދަނީ ސިވިލް ކޯޓުގައި ހިނގަމުންނެވެ.