ވަރަށް ތަފާތު ކަންތައްތަކުގެ ތެރޭގައި ވަރަށް ޅަ، ޒުވާން ހުނަރުވެރި ކުދިން މިހާރު އެބަ ހަރަކާތްތެރިވަމުން ދެ އެވެ. އެކި ރޮނގުތަކުގަ އެވެ. އޭގެ ތެރޭގައި ފެޝަން އިންޑަސްޓްރީ އާއި ޓެކްނޮލޮޖީ އާއި ކުޅިވަރާއި ސިއްހަތާއި ވިޔަފާރި، މިހެން ގޮސް ހުރިހާ ދާއިރާއެއްގައި ކުޅަދާނަ ޒުވާނުންް އެތިބީ ކުރީ ސަފުގަ އެވެ. ރާއްޖެއިން ބޭރުގައި ވެސް އެފަދަ ބައެއް ޒުވާނުން އަމިއްލަ ބްރޭންޑްތައް ހަދައި، އަމިއްލަ ވިޔަފާރިތައް އަންނަނީ ކުރަމުންނެވެ. ހީވެސް ނުކުރާހާ ހުނަރުވެރި، ކުޅަދާނަ ޒުވާނުން ރާއްޖޭގައި އެބަތިބި ކަމަށް ގަބޫލު ކުރަމާ ހިނގާށެވެ!

މިއީ "ދޯ"ގެ ތިން ވަނަ އަދަދުގެ ވާހަކަ އެވެ؛ މި އަދަދު ރޭ ސީ ހައުސް ބްރަސަރީގައި ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޒުވާން އައިކޮން ބަތޫލް އަހުމަދު ނެރެދިން މި އަދަދު ހާއްސަކޮށްފައިވަނީ ރާއްޖޭގެ ކުރިމަގުގެ އުޖާލާ ކޮށްދޭނެ ހުނަރުވެރިންނަށެވެ.

"ދޯ" މެގަޒިންގެ ތިން ވަނަ އަދަދު ނެރުމަށް ރޭ ސީ ހައުސްގައި ބޭއްވި ހަފުލާ--. ފޮޓޯ: ނިޝާން އަލީ/މިހާރު
"ދޯ" މެގަޒިންގެ ތިން ވަނަ އަދަދު ނެރުމަށް ރޭ ސީ ހައުސްގައި ބޭއްވި ހަފުލާ--. ފޮޓޯ: ނިޝާން އަލީ/މިހާރު

މިފަހަރުގެ އަދަދުގައި

ރާއްޖޭގައި އެކި ދާއިރާތަކުން ހޮވާލެވޭ ވަރަށް ގިނަ ހުނަރުވެރިން މި އަދަދުގައި ވަނީ ފީޗާ ކޮށްފަ އެވެ. އޭގެ ތެރޭގައި އަރަމުން އަންނަ ޒުވާން ޕޮލިޓީޝަން ހަމްނާ ވަހީދު ސިޔާސީ ދާއިރާ އަށް ވަން ގޮތާއި އޭނާ އަށް ކުރިމަތިވި ގޮންޖެހުންތަކާއި ސިޔާސީ ތަފާތު ވާހަކަތަކެއް ހިމެނެ އެވެ. އޭނާ އަކީ މާލޭ ސިޓީ ކައުންސިލްގެ ވިލިމާލޭ ދާއިރާގެ މެމްބަރެވެ. އަދި އެންމެ ޒުވާން ސިޔާސީ އަންހެނުންގެ ތެރޭގައި އޭނާ ހިމެނެ އެވެ.

އައިޖީއެމްއެޗުގައި މި ވަގުތު ހުރި ހަމައެކަނި ޑައިޓީޝަން، އާސިޔާ އަބްދުއްރަހީމްގެ ވާހަކަ ވެސް ވަރަށް މުހިންމެވެ. އޭނާ އަކީ ކެއިންބުއިމުގެ ސިއްހީ އާދަތަކާ ބެހޭ ގޮތުން އާންމުން ހޭލުންތެރި ކުރުވުމަށް ޓަކައި އެންމެ ބުރަކޮށް މަސައްކަތް ކުރާ ޒުވާނާ އެވެ.

"ރައިދާސް މޯލްޑިވްސް" އަކީ މިހާރު ފެޝަންގެ ދުނިޔޭގައި މި ސަރަހައްދުގައި ވިދަމުން އަންނަ ބްރޭންޑެކެވެ. އެ ބްރޭންޑް އުފެއްދި ދިވެހި ހުނަރުވެރިޔާ ރައިދާ އިސްމާއިލް ޝަފީގެ ވާހަކަ ވަރަށް ޝައުގުވެރި އެވެ. ދިވެހިންގެ ވިސްނުމުގެ އިމާއި ތޮށިގަނޑު ފަޅާލާފައި ނުކުމެ ފެޝަންގެ ދުނިޔޭގައި އޭނާ ފިޔަޖަހަން ފަށާފައި ވަނީ ދިވެހިން ވެސް ފަހުރުވެރިވާނެ ފެންވަރުގެ ނަމެއް ގޮވައިގެންނެވެ. ރާއްޖެ މިއޮތީ އޭނާ ތޮށިގަނޑުން ބޭރަށް ނެރެފަ އެވެ.

"ދޯ" މެގަޒިންގެ ތިން ވަނަ އަދަދު ނެރުމަށް ރޭ ސީ ހައުސްގައި ބޭއްވި ހަފުލާގައި "ދޯ" ޓީމްގެ ބައެއް މީހުންނާ އެކު ބަތޫލްް--. ފޮޓޯ: ނިޝާން އަލީ/މިހާރު
"ދޯ" މެގަޒިންގެ ތިން ވަނަ އަދަދު ނެރުމަށް ރޭ ސީ ހައުސްގައި ބޭއްވި ހަފުލާގައި "ދޯ" ޓީމްގެ ބައެއް މީހުންނާ އެކު ބަތޫލްް--. ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ އެންމެ ފަހު ހަތަރު ރައީސުންގެ މޭކަޕް ކޮށްދިން ޒުވާން މޭކަޕް އާޓިސްޓް ނަސްމާ އަބްދުﷲ (ނަސޫ)ގެ ވަރަށް ހާއްސަ އިންޓަވިއުއެއް މި އަދަދުގައި ހިމެނެ އެވެ. އޭނާ އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ވެސް މޭކަޕް އާޓިސްޓެވެ. އޭނާގެ މޭކަޕް ދަތުރު އެއީ އެހެން ޒުވާނުންނަށް ބޭނުންތެރި ވާހަކަ އެކެވެ.

މޫސުމީ ނުރައްކަލުން ރާއްޖެ ސަލާމަތްކުރަން ފެޝަން ބްރޭންޑެއް އުފައްދައި ދިވެއްސަކު އަންނަނީ މަޝްހޫރުކުރަމުންނެވެ. ރާއްޖޭގައި ދިރިއުޅޭ ހަތަރު ލައްކައެއްހާ މީހުންގެ ތެރެއިން ގިނަ ބަޔަކު އަދިވެސް ގަބޫލުނުކުރާ ވާހަކަ އަކާއި މައްސަލައަކަށް އޮސްޓްރޭލިއާގެ ޕާތުގައި ދިރިއުޅޭ ޒުވާނާ މިވަރުގެ ގުރުބާނީއެއް ވަނީ ކީއްވެގެން ހެއްޔެވެ؟ މި ޖަވާބު ހޯދުމަށް ޓަކައި ޑިޒައިނަރު ސުމައިއްޔާ ހަލީމުގެ ވާހަކަ ކިޔާލުން މުހިންމެވެ.

"ދޯ" މެގަޒިންގެ ތިން ވަނަ އަދަދު ނެރުމަށް ރޭ ސީ ހައުސްގައި ބޭއްވި ހަފުލާގައި ބަތޫލް ލަވައެއް ކިޔަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
"ދޯ" މެގަޒިންގެ ތިން ވަނަ އަދަދު ނެރުމަށް ރޭ ސީ ހައުސްގައި ބޭއްވި ހަފުލާގައި ބަތޫލް ލަވައެއް ކިޔަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު

މިފަދަ އެތައް ވާހަކަތަކެއް މިފަހަރުގެ އަދަދުގައި ހިމެނެ އެވެ. މިފަހަރު އަދަދު ވެސް އާންމުންނަށް ހިލޭ ލިބޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ލިބެން ހުންނާނީ އެކި ބުކްޝޮޕްތަކުންނެވެ.