ޒުވާން އުމުރުގައި، އެކި ޖަޒުބާތްތަކުގައި ޖެހިގެން ވަރަށް ގިނަ ކައިވެނި ކުރެވި، ތާކުންތާކު ނުޖެހޭ ވަރިތައް ވަރަށް ގިނަ އެވެ. ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުން، ކައިވެންޏާ ދާދި އެއްވަރަކަށް ރާއްޖޭގައި ވަރި ވެސް ގިނަ އެވެ. އޭގެ ސަބަބުން ދެން ދިމާވާ އިޖުތިމާއީ މައްސަލަތަކާއި ނަފުސާނީ މައްސަލަތައް ވެސް ކުޑައެއް ނޫނެވެ. ރާއްޖެ އަކީ ވަރީގެ ލިސްޓުގެ ކުރީގައި އޮތް ގައުމެކެވެ.

"ގުޅުން"ގެ ނަމުގައި ތައްޔާރުކުރި "ދޯ"ގެ ހާއްސަ އަދަދު ރޭ ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. ފިލްމު ޑައިރެކްޓަރު އަދި ދިރިއުޅުމާ ގުޅޭ ވަރަށް ތަފާތު ފިލްމުތަކެއް އުފެއްދި މުހަންމަދު ނިޔާޒު (ޓެޑްރީ) އާއި މިއުޒިކް ދާއިރާގެ އެންމެ ފަހުގެ ޖޯޑު މީރާ މުހަންމަދު މާޖިދާއި ފާލިހު ރޭ ނެރެދިން "ދޯ"ގެ ހަތަރު ވަނަ އަދަދު މިހާރު ބައެއް ބުކްޝޮޕްތަކުން ހިލޭ ލިބެން ހުންނާނެ އެވެ. މަޖީދީމަގު، ލެކިއުޓްގައި ބޭއްވި ކުޑަ ހަފުލާގައި މީރާ އާއި ފާލިހު އެކުގައި ރީތި ލަވަތަކެއް ވެސް ހުށަހަޅައިދިނެވެ.

"ދޯ"ގެ ހަތަރު ވަނަ އަދަދު "ގުޅުން" ނެރުމަށް ލެކިއުޓްގައި ރޭ ބޭއްވި ހަފުލާގައި މީރާ އާއި ފާލިހު ލަވަ ކިޔަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު
"ދޯ"ގެ ހަތަރު ވަނަ އަދަދު "ގުޅުން" ނެރުމަށް ލެކިއުޓްގައި ރޭ ބޭއްވި ހަފުލާގައި މީރާ އާއި ފާލިހު ލަވަ ކިޔަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު

"ދޯ"ގެ މި އަދަދަކީ ލޯތްބާއި ކައިވެންޏާއި ވަރި އާއި ގުޅުންތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ އަދަދެވެ. މިއިން ކޮންމެ ދާއިރާތަކަކުން ގެނެސްދީފައި ވަނީ ރާއްޖޭގައި ހިނގާފައިވާ އަދި ހިނގަމުންދާ ކަންތައްތަކެއްގެ ވާހަކަތަކެކެވެ. ޒުވާނުންގެ ތެރޭގައި، ލޯބީގައި ހެދޭ ބޮޑެތި ގޯސްތަކާއި އެކަމުގެ ހައްލުތަކެވެ. ކާމިޔާބު ދިރިއުޅުމުގެ ވާހަކަތަކާއި އޭގެ ސިއްރުތަކެވެ. ހަމަ އެހެންމެ، ލޯބީގެ ތަފާތު ގުޅުންތަކާއި އެ ގުޅުންތައް ރަނގަޅު ގޮތުގައި ދެމެހެއްޓިދާނެ ގޮތްތަކެކެވެ.