ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމަށް ގާސިމްގެ ވަކީލުން މިއަދު ބުނެފި އެވެ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ކުށް ސާބިތުވެ ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމިޔަސް ގާސިމްގެ ފަރާތުން އެ މައްސަލަ އަދި އިސްތިއުނާފަށް ހުށައެއްނާޅަ އެވެ. ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނޭ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި އެ މައްސަލަ އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށަހެޅޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

"މިހާރު އިސްތިއުނާފަށް ހުށަހެޅުމުގެ ތައްޔާރީތައް ކުރަމުންދަނީ. މިބަލަނީ އާދިއްތަ ދުވަހު ހުށަހެޅޭތޯ،" ޝަމީމް ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ކޯޓުން ހުކުމްކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. ދަށު ކޯޓުތަކުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަނީ 10 ދުވަސް ކަމަށް ވިޔަސް ގާސިމަށް ހުކުމް އިއްވިފަހުން އެ ދެމެދަށް އައި ބަންދުތައް އުނި ކުރުމުން އެ މައްސަލަ އިސްތިއުނާފް ކުރުމުގެ މުއްދަތު އަދި ހަމަނުވާ ކަމަށް ބެލެވެ އެވެ.

ގާސިމްގެ މައްޗަށް އިއްވި ޖަލު ހުކުމުގައި އޭނާ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އިންތިޒާމް ހަމަޖައްސަން ދައުލަތުގެ މައްޗަށް އަމުރު ކޮށްފައިވާތީ ގާސިމް ސިންގަޕޫރަށް ރޭ ވަނީ ފުރުވާލައިފަ އެވެ. ގާސިމް ސިންގަޕޫރަށް ދިިއުމުގެ ހުއްދަ ދިނީ 10 ދުވަހަށެވެ.

ގާސިމް ފަރުވާއަށް ބޭރަށް ފުރުވާލިއިރު އޭނާ ބޭރަށް ފޮނުވަން ހުކުމުގައި އަންގާފައި އޮތް ބައި އެޓާނީ ޖެނެރަލްގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު އެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން އަދި ނުފަށަ އެވެ.

ގާސިމްގެ މައްޗަށް އިއްވި ޖަލު ހުކުމާ ގުޅިގެން، އޭނާ އަދާ ކުރައްވަމުން ގެންދެވި މަޖިލީހުގެ މާމިގިލީ ދާއިރާގެ ގޮނޑި ގާސިމަށް ވަނީ ގެއްލިފަ އެވެ. އެ ގޮނޑި ހުސްވިކަން ރަސްމީކޮށް އިއުލާން ކުރާނީ އިސްތިއުނާފް މަރުހަލާ ނިމޭއިރު އެ ހުކުމަށް ބަދަލެއް ނައިސްފި ނަމަ އެވެ.