އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސްއާ ދެކޮޅަށް ނުކުންނައިރު ކެޕްޓަން އަސަދުﷲ އަބްދުﷲ ނެތުމަކީ މާޒިޔާ އިން އިތުރަށް މަސައްކަތްކުރަން ޖެހޭ ސަބަބެއް ކަމަށް އެ ޓީމުގެ ކޯޗު މަޔްރަން ސެކުލޮސްކީ ބުނެފި އެވެ.
މި މެޗަށް ނުކުންނައިރު މާޒިޔާ އޮތީ 10 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު ނިއު ރޭޑިއަންޓް އޮތްއިރު ގްރީންސްޓްރީޓްސް އޮތީ ނުވަ ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. މިރޭ މޮޅުވެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ދެ ޓީމަށް ވެސް އެބައޮތެވެ.
"ގްރީންސްޓްރީޓްސް އަކީ ކުޅެން ވަރަށް އުނދަގޫ ޓީމެއް. ސަބަބަކީ އެ ޓީމަކީ ދަނޑުމަތީގައި ވަރަށް ހިތްވަރުކުރާ ޓީމަކަށް ވުން. އެކަމަކު މިފަދަ މެޗުތަކަށް ވެސް އަހަރެމެން ތައްޔާރު. މި މެޗު ވަރަށް މުހިއްމު. މި މެޗު މުހިއްމުވާ އަނެއް ސަބަބަކީ އަހަރެމެން މި ކުޅެން ޖެހެނީ ކެޕްޓަން، އެންމެ މޮޅު ކުޅުންތެރިއާ އަދި ޓޮޕްސްކޯރާ (އަސަދުﷲ) ނެތި ކަމަށް ވުމުން. އެހެންވެ އަހަރެމެން އާއްމުކޮށްދޭ ސަތޭކަ ޕަސެންޓަށް ވުރެ އިތުރަށް މަސައްކަތްކުރަން ޖެހޭ،" ސެކުލޮސްކީ ބުންޏެވެ.
ކޯޗު ބުނީ އޭނާގެ ޓީމުގެ ހަ ކުޅުންތެރިން ރާއްޖޭގެ ގައުމީ ޓީމަށް އަދި އެކަކު ސީރިއާ ގައުމީ ޓީމަށް ދިޔަ ކަމަށާއި އެހެންވެ މިދިޔަ ދުވަސްތަކުގައި އެންމެ ރަނގަޅަށް ޕްރެކްޓިސް ނުކުރެވޭ ކަމަށެވެ.
"މިދިޔަ ދެ ދުވަހާއި މާދަން (އިއްޔެ) މި ލިބުނީ މުޅި ޓީމު އެއްކޮށް ޕްރެކްޓިސްކޮށް އަހަރެމެންގެ ޕާފޯމަންސް ރަނގަޅުކުރަން ލިބުނީ. އެންމެ ފަހުން ކުޅުނު މެޗުގައި ދަށްކޮށް ދިޔައީ،" ސެކުލޮސްކީ ބުންޏެވެ.
ގްރީންސްޓްރީޓްސްގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ އެސްޓީއޯ މާލޭ ލީގުގައި މާޒިޔާ އަތުން މޮޅުވެފައި ވިޔަސް އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.
"ސްކޮޑަށް ބަލާއިރު ޕްލެޔަރުން ބަލާލާއިރު މާޒިޔާ ވަރަށް ވަރުގަދަ. އަނެއްކާ އެއީ މާލޭ ލީގުގެ ޗެމްޕއިއަން. މިހާރު ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު ވެސް ވަރުގަދަކޮށް ފެންނަނީ. ނިއު ރޭޑިއަންޓް އަތުން ވެސް މޮޅުވި. ގްރީން އަށް އެންމެ އުނދަގޫ އެއް މެޗަށް ވާނެ މި މެޗު،" ސޮބާ ބުންޏެވެ.
އޭނާ ބުނީ އަނިޔާގައި ތިބި ކުޅުންތެރިން ރިކަވާވެ ބްރޭކުގެ ތެރޭގައި ކުރިއަށް ވުރެ ޓީމު ހަމަޔައަކަށް އެޅިފައިވާ ކަމަށެވެ.