އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ މާޒިޔާ އާއި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު މެޗުގައި މާޒިޔާ 1-0 އިން ކުރީގައި އޮއްވާ ގްރީންސްޓްރީޓްސްގެ ސޮބުލް އިލިއާ އަށް ރެފްރީ ނިއުޝާދު މުހައްމަދު ދެއްކި ކާޑަކާ ގުޅިގެން، އެ ޓީމުން ރެފްރީ އަށް ހުރަސް އެޅުމުން އެންމެ ފަހުން މެޗު ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

ފުރަތަމަ ހާފުގައި ރެފްރީކަންކަން ކުރި އާދަމް ފަޒީލް ވަނީ އިލިއާ އަށް ރީނދޫ ކާޑެއް ދައްކައިފަ އެވެ. ފަޒީލުގެ ބަދަލުގައި ދެ ވަނަ ހާފުގައި މެދަށް ނުކުތީ ނިއުޝާދެވެ. ދެ ވަނަ ހާފުގައި ރެފްރީ ބަދަލުކުރި ސަބަބެއް ސާފެއް ނުވެ އެވެ.

މައްސަލަ އުފެދުނީ ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި މާޒިޔާގެ އަސްހަދު އަލީ (އަޑުބަރޭ) އާއި ގްރީންސްޓްރީޓްސްގެ އަލީ އިފާޒާ ދެމެދު ބޯޅަ ނެތީސް ދެބަސްވުމެއް ހިނގައި، އެސިސްޓަންޓް ރެފްރީގެ ލަފާގެ މަތިން ރެފްރީ އިފާޒަށް ރީނދޫ ކާޑު ދެއްކުމުންނެވެ.

އެކަމާ ހިތްހަމަނުޖެހިގެން ރެފްރީއާ ދިމާލަށް އިލިއާ އެއްޗެކޭ ބުނުމުން އިލިއާ އަށް ރެފްރީ ރީނދޫ ކާޑެއް ދެއްކި އެވެ. އެކަމަކު ދެ ވަނަ ރީނދޫ ކާޑާއާ އެކު ރެފްރީ ރަތްކާޑު ނުނެގުމުން މާޒިޔާ ކުޅުންތެރިން އެކަން ފާހަގަކުރި އެވެ. އޭރު ގްރީންސްޓްރީޓްސްގެ ކުޅުންތެރިން އައީ އިލިއާ އަށް ދެއްކި ކާޑާ މެދު ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެ ވަގުތު ރެފްރީ، ލަފާކުރެވޭ ގޮތުގައި ކުރިން އިލިއާ އަށް ރީނދޫ ކާޑު ދައްކާފައިވޭތޯ ބެލުމަށް ފޮތް ނެގިތަނާ، ގްރީންގެ ކެޕްޓަން ޝައްފާޒް މުހައްމަދު (ސައްޕޭ) އޭނާގެ ފަހަތުން ދުއްވައިގަތެވެ. ސައްޕޭ ދިޔައީ އިލިއާގެ ކާޑާ މެދު އޭރު ވެސް ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އިލިއާ އަށް ރަތްކާޑު ނުދެއްކެނީސް ރެފްރީގެ ފަހަތުން ސައްޕޭ ދުއްވައިގަތުމާ އެކު ރެފްރީ ފަހަތަށް ޖެހުމުން ގޮސް އައީ ރެފްރީންގެ މޭޒު ކައިރިއަށެވެ.

އެއާ އެކު ސައްޕޭ އާއި ގްރީންސްޓްރީޓްސްގެ އެހެން ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ރެފްރީ ވަށާލި އެވެ. ރެފްރީގެ ހިމާޔަތުގައި ފުލުހުން އައި ނަމަވެސް ގްރީންގެ ކުޅުންތެރިންނާއި އޮފިޝަލުން ދިޔައީ ރެފްރީ ވަށާލައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އަދި އެ ރެފްރީއާ އެކު މެޗު ނުކުޅޭނެ ކަމަށް ވެސް ގްރީންގެ ބައެއް ކުޅުންތެރިން ބުނަމުން ދިޔަ އެވެ. އެނގިފައިވާ ގޮތުގައި ގްރީންސްޓްރީޓްސް އިން ވަނީ މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ނިއުޝާދުގެެ ޝަކުވާ އެފްއޭއެމުގައި ކޮށްފަ އެވެ.

މެޗު ކޮމިޝަނަރާއި އެފްއޭއެމްގެ އޮފިޝަލުން ވެސް އެތަނުގައި މަޝްވަރާކުރަމުން ދިޔަ ނަމަވެސް އަލިމަގެއް ފެންނަ ގޮތެއް ނުވި އެވެ. އެނގިފައިވާ ގޮތުގައި ރެފްރީން ބަދަލުކޮށްގެން މެޗު ކުރިއަށް ގެންދަން ވެސް އޮފިޝަލުން ހުށަހެޅި އެވެ. އެ ވަގުތު ފުލުހުންގެ އިތުރު ފޯހެއް ވެސް ދަނޑަށް އަ އެވެ.

މިކަންތައްގަނޑުގައި ހިނގަމުން ދިޔައިރު މާޒިޔާގެ ކުޅުންތެރިންނާއި އޮފިޝަލުން ދިބީ ހަމަޖެހިލައިގެންނެވެ. އެކަމަކު ވަކި ގޮތެއް ނުނިމި ލަސްވަމުން ދިއުމުން މާޒިޔާގެ އޮފިޝަލުން ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

އެގޮތުގައި ތިރީހަކަށް މިނެޓު ފާއިތުވީ ފަހުން، ރެފްރީންނާއި މެޗު ކޮމިޝަނަރާއި ދެ ޓީމުގެ މެނޭޖަރުން ވެސް މަޝްވަރާތަކެއް ކުރި އެވެ. ދެން ފެނިގެން ދިޔައީ މެޗު އޮފިޝަލުން އެތަން ދޫކޮށް ޗޭންޖިން ރޫމަށް ވަން މަންޒަރެވެ. މެޗު ނިންމާލިކަމެއް ދަނޑުގައި އިއުލާނެއް ނުކުރެ އެވެ. އޮފިޝަލުން އެތެރެއަށް ވަދެ ބޮކިތައް ނިއްވަން ފެށުމުން ސަޕޯޓަރުން ވެސް ދަނޑުން ނުކުންނަން ފެށި އެވެ.

މެޗާ މެދު އަމަލުކުރާނެ ގޮތެއް އެފްއޭއެމުން ވަރަށް އަވަހަށް އިއުލާންކުރާނެ އެވެ. އެއް ޓީމަކުން މެޗު ފުރިހަމަކުރަން ދެކޮޅު ހަދައިފި ނަމަ ނުވަތަ އެ ޓީމެއްގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވޭ ނަމަ އިދިކޮޅު ޓީމު މެޗުން މޮޅުވީ ކަމަށް ނިންމާނެ އެވެ.

މެޗު ހުއްޓާލި އިރު މާޒިޔާ 1-0 އިން ކުރީގައި އޮތްއިރު އެ ޓީމަށް ލަނޑު ޖަހައިދިނީ 22 ވަނަ މިނެޓުގައި މުހައްމަދު އުމެއިރެވެ. ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) މެދުތެރެއިން ޖައްސާލި ބޯޅަ އުމެއިރު އޭރިއާ ބޭރުން ހޯދުމަށް ފަހު ގޯލަށް ވައްދާނީ ގްރީންސްޓްރީޓްސްގެ ގޯލްކީޕަރު ޖުން ކޮޗީގެ ބޯމަތިން ގޯލުގެ މަތީ ކަނަށެވެ. އޭގެ ކުރިން މާޒިޔާގެ މުހައްމަދު އާރިފް (ބަކާ) ފޮނުވާލި ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވި އެވެ.