ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ޔުނިސެފްގެ އެމްބެސެޑަރެއްގެ ގޮތުން މި ހަފުތާގެ ތެރޭގައި ޖޯޑަންގައި ތިބި ސީރިއާގެ ރެފިއުޖީންނާ ބައްދަލު ކުރުމުން އިންޑިއާގެ ބައެއް މީހުން ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އިންޑިއާގައި ވެސް ނިކަމެތި ހާލުގައި އެތައް ކުދިންނެއް އެބަތިބި ކަމަށާއި ރަނގަޅު ކާނާ އާއި ސިއްހަތާއި ތައުލީމުން މަހުރޫވެފައިވާ އެތައް ކުދިންނެއް ތިބި ގައުމަކަށް ނިސްބަތްވާ މީހެއްގެ ހައިސިއްޔަތުން އެފަދަ ކުދިންގެ ހައްގުގައި ޕްރިޔަންކާ މަސައްކަތް ކުރުން މާ އައުލާކަން ބޮޑު ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އެހެން ނަމަވެސް ޕްރިޔަންކާ ޖޯޑަންގެ ދަތުރު ނިންމާލީ އުފާވެރި އަދި އުންމީދީ ތަޖުރިބާތަކަކާ ވެސް އެކުގަ އެވެ. ސީރިޔާގައި ހިނގަމުން އަންނަ ހަނގުރާމައާ ގުޅިގެން އެ ގައުމުގެ 1،80،000 މީހުން ރެފިއުޖީންގެ ގޮތުގައި ޖޯޑަންގެ ވެރިރަށް އައްމާނުގައި މިހާރު ވެސް އަންނަނީ ދިރިއުޅެމުންނެވެ.

ޕްރިޔަންކާ މި ކުރި ދަތުރުގައި އެފަދަ އާއިލާތަކުގެ ހާލަތު ވަނީ ވަރަށް ގާތުން ބަލައިފަ އެވެ. އަދި ޔުނިސެފް މެދުވެރިކޮށް އެ މީހުންގެ ހާލަތު ރަނގަޅުކޮށް ދޭން ގިނަ މަސައްކަތްތަކެއް މިހާރު ވެސް ކުރެވެމުން އަންނަ އިރު، އެކަން ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ދާނެ ކަމުގެ އުފާވެރިކަން ވެސް ރެފިއުޖީންނަށް ދީފައިވެ އެވެ.

ހޮލީވުޑްގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" ސީޒަން ތިނެއްގެ ޝޫޓިން ފެށުމަށް ތައްޔާރުވަމުން އަންނަ ޕްރިޔަންކާ ވަނީ ދަތުރު ނިންމައިލުމުގެ ކުރިން ޖޯޑަންގެ ރާނީ ރާނިއާއާ ވެސް ބައްދަލުކޮށްފަ އެވެ. އޭނާ އާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރަމުން ޕްރިޔަންކާ ބުނީ ރާނިއާއާ ބައްދަލުވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

އޭނާ ވަނީ ޔުނިސެފުން ކުޑަކުދިންގެ ހައްގުގައި ކުރާ މަސައްކަތްތަކަށް ރާނިއާގެ ފަރާތްޕުޅުން ލިބިވަޑައިގަންނަވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރު ވެސް އަދާކޮށްފަ އެވެ. އަދި ރާނިއާއަކީ އިންސާނިއްޔަތަށް ކުރެވޭ މަސައްކަތްތަކުގައި ނަމޫނާއެއް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

"އަދި އަންނަ ހަފުތާގައި ނިއުޔޯކްގައި އޮންނަ ޔޫއެންގެ ޖެނެރެލް އެސެމްބްލީގެ ތެރެއިން ވެސް ރާނިއާއާ ބައްދަލުވެވޭނެ ކަމުގެ އުފަލުގައި އަހަރެން މިހިރީ،" އެ ބައްދަލުގައި ދެ މީހުން ވެސް ވާހަކަ ދައްކާނެކަން ފާހަގަކޮށް ޕްރިޔަންކާ ބުންނެވެ.

ރާނީ ރާނިއާއަކީ ކުޑަކުދިންގެ ތައުލީމާއި އަންހެނުން ބާރުވެރި ކުރުވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަނބަލެކެވެ.