ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވައިލި މައްސަަލައިގައި ދައުލަތުން ދައުވާ ކުރާ މުހައްމަދު ސުއައިދު މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ކޯޓަށް އަންގާފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް މިއަދު ވިދާޅުވެއްޖެ އެވެ.

އޮގަސްޓް، 2014 ގައި ރިލްވާން ގެއްލުވައިލި މައްސަލައިގައި ދައުލަތުން ތިން މީހަކަށް ޓެރަރިޒަމްގެ ދައުވާ ކުރާ އިރު އޭގެ ތެރޭގައި ހިމެނޭ ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ.

އެ މައްސަލައިގެ މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ސުއައިދު ކޯޓަށް ހާޒިރު ކުރުމަށް އޭނާގެ ގެ އަށް ކޯޓުން ޗިޓް ފޮނުވުމުން، ސުއައިދު މަރުވެފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފައިވާ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ ކުރި އިރު އެ ކަންކަމަށް ބެލިންތޯ ގާޒީ ދައުލަތާ ސުވާލު ކުރެއްވި އެވެ.

ޖަވާބުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާ ކުރުމުގެ ކުރިން ވެސް ސުއައިދާ ބެހޭ މައުލޫމާތު ފުލުހުން މެދުވެރިކޮށް ސާފުކުރި ކަމަށާއި ސުއައިދު ރާއްޖެ އިން ބޭރަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އެކަމަކު އޭނާއާ ބެހޭ އިތުރު މައުލޫމާތެއް ނުލިބޭ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ގާޒީ އާރިފް ވިދާޅުވީ ސުއައިދާ ބެހޭ މައުލޫމާތު އިމިގްރޭޝަން މެދުވެރިކޮށް ސާފު ކުރާނެ ކަމަށާއި ސުއައިދުގެ ބައި ކުރި އަށް ގެންދިއުމާ މެދު ގޮތެއް ނިންމާނީ އޭގެ ފަހުން ކަމަށެވެ. ދައުވާ ލިބޭ އެކަކު ނެތަސް ދެން ތިބި މީހުންގެ ބައި ކުރިއަށް ގެންދިއުމުގެ ބާރު ކޯޓަށް އޮންނަ ކަމަށާއި އެ ކަމުގައި ގޮތެއް ނިންމާނީ އިމިގްރޭޝަންގެ ބަހެއް ހޯދުމަށް ފަހު ކަމަށް ގާޒީ އާރިފް ވިދާޅުވި އެވެ.

އެ މައްސަލާގައި ދައުވާ ލިބޭ އަނެއް ދެ މީހުން ކަމަށްވާ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީން ވަކީލަކު ބޭނުންވާ ކަމަށް ބުނުމުން އެ ދެ މީހުންނަށް ވަކީލަކު ހަމަޖެއްސުމަށް ކޯޓުން ވަނީ 10 ދުވަސް ދީފަ އެވެ.

ގާޒީ އާދަމް އާރިފް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި މަގްބޫލު އުޒުރެއް ނެތި ވަކީލަކު ހަމަނުޖައްސައިފި ނަމަ ވަކީލަކާ މައްސަލަ ކުރިއަށް ގެންދިއުމުގެ ބާރު ކޯޓަށް އޮންނާނެ ކަމަށެވެ.

ރިލްވާން ގެއްލުނު ފަހުން މިއަދާ ހަމައަށް ވެސް އޭނާ އަށް ވީގޮތެއް ނޭނގެ އެވެ. އެ މައްސަލައިގައި ކުރިން ބަޔަކު ހައްޔަރު ކުރިޔަސް އެ މީހުުން ފަހުން ވަނީ ދޫކޮށްލައިފަ އެވެ.