މި މަހުގެ ހަ ވަނަ ދުވަހު ރިލީޒް ކުރި ފިލްމް "ހައްދު" އަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި މިއީ މާސްޓަޕީސްއެއްގެ ގޮތުގައި ސިފަކުރާނެ ފިލްމެއް ކަމަށް ޑައިރެކްޓަރު އަބްދުލް ފައްތާހް ބުނެފި އެވެ.

"މުޅި ޕްރޮޑަކްޓަށް ބަލާކަމަށް ވަންޏާ ހައްދު އަހަރެން ސިފަކުރާނީ މާސްޓަފީސްއެއްގެ ގޮތުގައި. މީގައި ހަމަ ގައިމު ވެސް އެބަހުރި ފިލްމް ހަދާ މީހުން ކުރިއަށް އޮތް ތަނުގައި ނަކަލުކޮށްލަން ޖެހޭ ކަހަލަ ކަންކަން އަހަރެމެންނަށް ކުރެވިފައި،" ފައްތާހް ބުންޏެވެ. "އެހެންވީމާ އެއީ ވެސް ހައްދުން ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް."

"ހައްދު" ގެ 17 ޝޯ އޮލިމްޕަހާއި 18 ޝޯ މާލޭ ޝްވެކްގައި ދެއްކުމަށް ފަހު، ފިލްމް އެ ދެ ސިނަމާ އިން މިހާރު ނަގާފައިވާ އިރު ހުޅުމާލޭ ޝްވެކްގައި ދައްކާ 18 ވަނަ ޝޯ މިރޭ ދައްކާނެ އެވެ. އެ ޝޯއަކީ އެ ސިނަމާގައި ދައްކާ ފަހު ޝޯ އެވެ.

މި ތިން ސިނަމާ އަށް ބަލާ އިރު "ހައްދު" ގެ ޖުމްލަ 53 ޝޯ މާލެ ސަރަހައްދުގައި އޮންނާނީ ދެއްކިފަ އެވެ. ފައްތާހް ބުނި ގޮތުގައި މި ފިލްމްވެގެން ދާނީ ރިލީޒް ކުރުމަށް ފަހު އެންމެ ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކު މިހާތަނަށް ބެލި ފިލްމަށެވެ.

އޭނާ ބުނި ގޮތުގައި މި އަހަރު އަދި ރިލީޒް ކުރަން ތިން ފިލްމް އޮތް ނަމަވެސް، "ހައްދު" ގެ މި ރެކޯޑް ފަހަނައަޅައި އެހެން ފިލްމަކަށް ދެވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

"ހައްދު" ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ވެސް ދައްކާފައިވާ އިރު، އަމާޒަކީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް މުޅި ރާއްޖޭގައި ދައްކައި ނިންމުމެވެ.

"މިހާރު ވެސް ބައެއް ރަށްރަށުގައި ދައްކަމުން އަންނަ އިރު، އިތުރު ރަށްރަށުގައި ހަމަ ފިލްމް އަޅުވަމުން ދާނީ. އަދި އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ސްރީ ލަންކާގައި ވެސް ފިލްމް ދައްކާނަން،" ފައްތާހް ބުންޏެވެ. "މިރޭ ހުޅުމާލެ ޝްވެކްގައި ދައްކާ ޝޯއާ އެކު ގްރޭޓަ މާލެ ސަރަހައްދުގައި ދައްކަން ހަމަޖެހުނު ޝޯތައް ދައްކައި ނިމުނު ނަމަވެސް އަނެއްކާ ވެސް އަންނަ އަހަރުގެ ކުރީކޮޅު އޮލިމްޕަހަށް އިތުރު ދިހަ ޝޯ ގެންނާނަން."

ރެކޯޑް ބްރޭކިން މޫވީއެއްގެ ގޮތުގައި ޕްރޮމޯޓް ކުރި "ހައްދު" އިން ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ފެންވަރު ރަނގަޅު ރީތި ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސް ދެވުން ކަމަށް ފައްތާހް ބުންޏެވެ.

"މީގެ ކޮންމެ ޑިޕާޓްމަންޓަކަށް ބެލިޔަސް، މަސައްކަތްތައް ކޮލިޓީ ވާނެ. އެއަކާ ދޭތެރޭ އެއްވެސް ސުވާލެއް ނެތް،" ފައްތާހްގެ 12 ވަނަ ފީޗާ ފިލްމާ ބެހޭ ގޮތުން ބުންޏެވެ. "މި ފިލްމަކީ ސިނަމާގައި ބެލުންތެރިން ވަރަށް ގަޔާވެ ތިބެގެން ފޫހި ކަމެއް ނެތި ބެލި ފިލްމެއްކަން މިއަށް ކޮމެންޓް ކުރި ވަރަށް ގިނަ ބައެއްގެ ވާހަކަތަކުން އެނގޭ."

ފައްތާހް: އޭނާ ހުރީ "ހައްދު" އާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި.
ފައްތާހް: އޭނާ ހުރީ "ހައްދު" އާ ދޭތެރޭ ވަރަށް ހިތްހަމަޖެހިފައި.

އޭނާ ބުނީ މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހެދި "ހައްދު" ބެލުންތެރިންނަށް ކަމުދިޔަ ކަންކަމުގެ ތެރޭގައި ފިލްމުން ދީނީ މެސެޖެއް ވެސް ފޯރުކޮށް ދިނުން ހިމެނޭ ކަމަށެވެ.

"މީތި ބެލި ބައެއް މީހުން އެބަހުރި ބުނެފައި މިއީ ބޮޑު ފިލާވަޅެކޭ ވެސް. މިސާލަކަށް ހައްދު ޖަހާ ގޮތް ފިލްމުގައި ދައްކުވައި ދީފައި ހުރި ގޮތް ވަރަށް ކަމުދިޔަ އާންމުންނަށް. އަދި ހަމައެއާ އެކު ދިވެހިންގެ އާދަކާދަތަކާއި ސަގާފަތް ވެސް މީގެ ތެރެއިން ދައްކުވައި ދީފައި ހުރީމަ އެ ވެސް ވަރަށް ސަޅި ކަމަށްވީ." ފައްތާހް ބުންޏެވެ. "ހަމައެކަނި މިއަށް ކްރިޓިސައިޒް ކުރި ބައެއް މީހުންނަށް މައްސަލައަކަށްވީ ފިލްމުގެ ނިމުން އެ މީހުންނަށް އެހާ ކަމުނުދިއުން. އެ ނޫނިއްޔާ ހަމަ މުޅިން ވެސް ޕޮޒިވިޓް ފީޑްބެކްސް އައިސްފައި ހުރީ."

މީގެ އިތުރުން ފިލްމް ޕްރެޒެންޓްކޮށް ދީފައި އޮތީ މި ޒަމާނާ ވަރަށް ގުޅޭ ކަހަލަ ގޮތަކަށްކަން ފައްތާހް ފާހަގަ ކުރި އެވެ. އެގޮތުން ފިލްމުގެ މިއުޒިކާއި ކޮސްޓިއުމާއި މޭކަޕް ފަދަ ޑިޕާޓްމަންޓްތަކުންކޮށްފައި ހުރި މަސައްކަތްތައް ވެސް ވަރަަށް ފުރިހަމަ ކަމަށް ބުންޏެވެ.

ފައްތާހް އަށް "ހައްދު" އަކީ ރެކޯޑް ބްރޭކިން މޫވީއަކަށްވާ އެއް ސަބަބަކީ ކުރިން އޭނާގެ އެންމެ ކާމިޔާބު ފިލްމް "ޖިންނި" ގެ ރެކޯޑް ވެސް މި ފިލްމް މުގުރާލައިފައިވާތީ އެވެ. އެ ފިލްމްގެ ހައުސްފުލް 28 ސިނަމާގައި ދައްކާފައިވެ އެވެ. އަދި އެވޯޑްގެ ގޮތުން ކިރާ ނަމަ "ހައްދު" އަކީ، 12 ނެޝަނަލް އެވޯޑް އޮތް ފައްތާހް ޕްރޮޑިއުސް ކުރި "ވާ ލޯބި އެނގޭ ނަމަ" އިގެ ރެކޯޑް މުގުރައިލާނެ ފިލްމެއްކަމާ ދޭތެރޭ ޝައްކެއް ނެތް ކަމަށް ބުންޏެވެ.

"ދެން ބާއްވާ ގައުމީ ފިލްމް އެވޯޑްސްގައި ހައްދު އިން ސާދަ އެވޯޑާ އެކު ވާ ލޯބި އެނގޭ ނަމައިގެ ރެކޯޑް ހައްދު މުގުރާލާނެ. އެއީ ހަމަ ޔަގީން ކަމެއް،" އޭނާ ބުންޏެވެ.

އެހެންވީމާ ދެން އޮތީ އަށް ވަނަ ގައުމީ ފިލްމް އެވޯޑަށް އިންތިޒާރުކޮށްގެން ތިބުން ދޯ އެވެ؟ އަދި "ހައްދު" އާ ބެހޭ ގޮތުން ފައްތާހް ދައްކަން ހުރި ހުރިހާ ވާހަކައެއް ނުވެސް ނިމެ އެވެ. ފިލްމް ބެލި މީހުން ކައިރީގައި އޭނާ ބުނަން އޮތީ އަދި މި ވަރަކުން ނުނިމޭ ކަމަށެވެ. ހައްދެއް ނެތި މީގެ ވާހަކަ ދައްކަން ޖެހެނީ ދައްކަން ހުރި ވާހަކަތައް ގިނަކަމުންނެވެ.

އެ ބުނާ އެއްޗެއްގެ މާނަ ދެން މާ ލަހެއް ނުވެ އެނގިދާނެ ކަމަށް ބަލަމާ ހިނގާށެވެ.