ހައްޔަރުކުރީ މާރާމާރީ ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ތިން މީހުން: ފުލުހުން

މާލޭގައި ރޭ ހިންގި މާރާމާރީގައި ތިން މީހަކަށް ވަޅިން ހަމަލާދީ، އުމުރުން 19 އަހަރުގެ ޒުވާނަކު މަރާލި މައްސަލާގައި ހައްޔަރުކުރި ތިން މީހުންނަކީ އެ މާރާމާރީ ހިންގުމުގައި އަމަލީގޮތުން ބައިވެރިވި މީހުން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.


މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ހިންގި މާރާމާރީގައި ވަޅި ހަރައި މަރާލީ، ވ. ކެޔޮދޫ ދޭލިއާގޭ (މ. މުއްދު) މޫސާ އަހުމަދެވެ. އޭނާ މަރުވީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަނިކޮށެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި މާރާމާރީ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މާރާމާރީ ހިންގި ތިން މީހުން ހައްޔަރުކޮށްފައިވީ ނަމަވެސް އެ މީހުންގެ ތަފްސީލެއް ފުލުހުން އާއްމެއް ނުކުރެ އެވެ.

މާރާމާރީ ހިންގަން ބޭނުންކުރި ވަޅި އާއި ހަމަލާދޭން ދިޔަ މީހުން ދުއްވި ދެ ސައިކަލެއް މަގުމައްޗަށް ވެއްޓިފައި އޮއްވައި ފެނިފައިވެ އެވެ.

ރޭގެ މާރާމާރީގައި 24 އަހަރުގެ ޒުވާނަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. މީގެ ތެރެއިން ކުޑަކުއްޖާ އަށް އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާއިރު 24 އަހަރުގެ ޒުވާނާ އަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މާރާމާރީތަކާއި އެހެނިހެން މައްސަލަތައް ހުއްޓުވަން ފުލުހުންގެ ވަސީލަތްތައް ބޭނުންކޮށްގެން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

މިދިޔަ ޖުލައި މަހު ވެސް، މާލޭގައި ދެ ޒުވާނަކަށް ވަޅިން ހަމަލާދީ މަރާލާފައިވެ އެވެ. އޭގެ ތެރެއިން ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް 24، ގެ ބޮލަށް ޖުލައި 27 ވަނަ ދުވަހުގެ ރޭ ވަޅި ހަރައި މަރާލީ ޓާމިނަލް ކެފޭގެ ތެރޭގައި އިންދަ އެވެ. އަދި ރ. މީދޫ ފެންފިޔާޒުގޭ އަހްމަދު އަނަސް 25، ގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ މަރާލީ ޖުލައި 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގަ އެވެ. މި ދެ މަރާ ގުޅިގެން ވެސް ބައެއް މީހުން ހައްޔަރުކޮށްފައިވާއިރު، އެ މައްސަލައިގެ ތުހުމަތަށް އަދިވެސް ފުލުހުން އަންނަނީ މީހުން ހޯދަމުންނެވެ.