އެންމެ ފަހުން ނެރުނު، ރިހާނާގެ އާ މޭކަޕް ލައިން "ފެންޓީ ބިއުޓީ" ގެ ސަޕޯޓަރުންނާއި ކައިލީ ޖެނާގެ "ކައިލީ ކޮސްމެޓިކްސް"ގެ ސަޕޯޓަރުންގެ ދެމެދުގައި މި ދުވަސްވަރު އަންނަނީ ހަނގުރާމައެއް ކުރަމުންނެވެ.
"ފެންޓީ ބިއުޓީ" ލައިންގެ 40 ޝޭޑްގެ ފައުންޑޭޝަން ހިމެނެ އެވެ. އަދި އެންމެންގެ ހަމުގެ ކުލަޔާ ވެސް ގުޅޭނެ ކަމަށް ޔަގީންކަން ދީފައިވާ ލިޕްގްލޮސް އެއް ވެސް ހިމަނާފައިވެ އެވެ. މިދިޔަ މަހުގެ 8 ގައި ލޯންޗް ކުރި މި ފައުންޑޭޝަން ރޭންޖަކީ މިހާތަނަށް ލަގްޒަރީ ބްރޭންޑަކުން ނެރުނު އެންމެ ފުޅާ އެއް ރޭންޖެވެ.
"ފެންޓީގެ ބިއުޓީ" ޕްރޮޑަކްޓް ލޯންޗް ކުރުމުގެ އެއް ދުވަސް ކުރިން ކައިލީ ކޮސްމެޓިކްސް އިން، ކަޅު މީހުންނާ ގުޅޭނެ ކަމަށް ބުނެ "ބްރައުން ޝުގާ"ގެ ނަމުގައި ލިޕް ކިޓެއް ޕްރޮމޯޓްކޮށް ޓްވީޓްކުރި އެވެ. އެކަމަކު ފަހުން ވަނީ އެ ޓްވީޓް ޑިލީޓްކޮށްފަ އެވެ.
ޓްވީޓް ޑިލީޓްކޮށްލީ ކައިލީގެ މި ޕްރޮޑަކްޓާ މެދު ނުރުހުން ފާޅުކޮށް އެތައް ބަޔަކު ފާޑުކިޔަން ފެށުމުންނެވެ. މައްސަލައަކަށްވީ ކަޅު މީހުނަށް ހާއްސަ ކުލައެއް ކަމަށް ބުނެފައި ވާތީ އެވެ. "ބްރައުން ޝުގާ" އަކީ މިދިޔަ އަހަރު ލޯންޗް ކުރި ޕްރޮޑަކްޓެއް ކަމަށް ވާއިރު ސޯޝަލް މީޑިއާގައި އެންމެ އަޑުގަދަކޮށް ވާހަކަ ދައްކަނީ އިންސްޓަގްރާމްގައި މި އުފެއްދުން އަދިވެސް ދައްކާލާފައި ނުވާތީ އެވެ.
"ކައިލީ ކޮސްމެޓިކްސް" އަކީ މިހާރު މާކެޓްގައި އުޅޭ އެންމެ ވަރުގަދަ އެއް މޭކަޕް ބްރޭންޑެވެ. މި ބްރޭންޑުން 420 މިލިއަން ޑޮލަރުގެ ވިޔަފާރި 18 މަސް ދުވަހުން ކޮށްފައި ވާއިރު 2020 ވަނަ އަހަރު ބިލިއަން ޑޮލަރުގެ ބްރޭންޑަކަށް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ރިހާނާގެ ސަޕޯޓަރުންނާއި ކައިލީގެ ސަޕޯޓަރުން ސޯޝަލް މީޑިއާގައި އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދެމުން އަންނައިރު ރިހާނާ ވެސް އަދި ކައިލީ ވެސް މިކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު މި ބަހުސްގެ ތެރެއަށް އަހަރެމެން ވެސް ވަންނަން ހިނގާށެވެ. ރަނގަޅީ ކޮން ބްރޭންޑެއް ހެއްޔެވެ؟