ލަވަކިޔުންތެރިޔާ ރިއާނާގެ "ފެންޓީ" ބްރޭންޑުގެ ނަމުގައި އޭނާގެ ބައްޕަ ކުންފުންޏެއް ހަދައިގެން ނަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ ކަމަށް ބުނެ ބައްޕަ ރޮނާލްޑް ފެންޓީ އަށް ދައުވާ ކުރަން ރިއާނާ އެމެރިކާގެ ކޯޓަކަށް ހަޅައިފި އެވެ.
ބާބެޑޯސް އަށް އުފަން 30 އަހަރުގެ ލަވަކިޔުންތެރިޔާ ބުނި ގޮތުގައި ބައްޕަ އާއި މޯސެސް ޕާކިން ކިޔާ މީހަކު ދަނީ ފެންޓީ އެންޓަޓައިމަންޓްގެ ނަމުގައި ކުންފުންޏެއް ހަދައި، ނަން ނަހަމަ ގޮތުގައި ބޭނުން ކުރަމުންނެވެ.
އެ ކުންފުންޏަކީ ރިއާނާގެ ބައިވެރިވުން އޮންނަ ކުންފުންޏެއް ކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ވެސް ދީފައިވާ ކަމަށާއި އޭނާ ނޭނގި ތަންތަނުގައި ރިއާނާ ޕަފޯމް ކުރާ ކަމަށް ބުނެ ޝޯތައް ވެސް ރާވަމުންދާ ކަމަށް ދައުވާގެ ލިޔުންތަކުގައި ބުނެފައިވެ އެވެ.
"ފެންޓީ" އަމިއްލަ ބްރޭންޑް ނަމެއްގެ ގޮތުގައި ރަޖިސްޓްރީކޮށް 2017 އިން ފެށިގެން ރިއާނާ އަންނަނީ "ފެންޓީ ބިއުޓީ" ގެ ނަމުގައި ކޮސްމެޓިކް ކަލެކްޝަންތަކެއް ނެރެމުންނެވެ.
"ފެންޓީ އެހެން ބަޔަކު ނަހަމަ ގޮތުގައި ބޭނުން ކުރާތީ އަހަރެންގެ ބްރޭންޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެ ކަސްޓަމަރުންގެ މެދުގައި ބްރޭންޑާ މެދު ދަނީ އޮޅުންތަކެއް ވެސް އަރަމުން،" ރިއާނާ ބުންޏެވެ.
އެހެންވެ ފެންޓީގެ ނަން ބޭނުން ކުރުން ހުއްޓުވައި، ވިޔަފާރީގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ފެންޓީ އެންޓަޓައިންމަންޓުން އަމަލު ކުރާތީ ވީހާ ވެސް އަވަހަށް އެ ކުންފުންޏާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅައި ދޭން ރިއާނާ އެދިފައިވެ އެވެ.
މި މައްސަލާގައި މީޑިއާތަކުން ރިއާނާގެ ބައްޕަ ރޮނާލްޑްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.
ރިއާނާ ބުނެފައިވާ ގޮތުން ރޮނާލްޑަކީ ބައްޕަ ކަމަށް ވިޔަސް ނާޖާއިޒު ގޮތުގައި އޭނާގެ ވިޔަފާރީގެ ޓްރޭޑް މާކެއްގެ ފައިދާ ނެގުމުގެ ހައްގެއް ނޯންނާނެ އެވެ.