އަނަސް މަރާއި ގުޅިގެން ހޯދަން އިއުލާންކުރި އަފްރާހް ހައްޔަރުކޮށްފި

ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހިންގި މާރާމާރީގައި މުހައްމަދު އަނަސް މަރައިލި މައްސަލައިގައި ހޯދަން ފުލުހުން އިއުލާން ކުރި މ. ލޮނުމިދިލިގޭ، އަފްރާހު އަބްދުއްރައްޒާގު 21، މިއަދު ހައްޔަރު ކޮށްފި އެވެ.


އޭނާ ހައްޔަރު ކުރީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންއެއްގައި ޖަލާލުއްދީން މިސްކިތް ކައިރީ ހުރި ގެއެއްގެ ތެރޭގައި ފިލައި ހުއްޓަ އެވެ.

އެ މައްސަލައިގައި ދެން ހޯދަން އިއުލާން ކުރި ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު ޝާޒް 21، ވަނީ މިދިޔަ މަހު ފަހުކޮޅު ހައްޔަރުކޮށްފަ އެވެ.

އަނަސްގެ މަރާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އޭގެ ތެރޭގައި އޭނާ މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނޭ ކަމަށް ފުލުހުން ވަނީ ކުރިން ބުނެފަ އެވެ. ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ދިން ހަަމަލާގައި އޭނާގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރާފައިވެ އެެވެ.